ދޭދޭ ގައުމުތަކުންނާއި، ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން، ސަރުކާރަށް ނަގާފައިވާ ދަރަނި ފިޔަވައި، އެހެން ދަރަނިތައް ރީސްޓްރަކްޗާ ކުރުން ނުވަތަ ރީ ޕްރޮގްރާމްކުރުމުގެ މަސައްކަތް ލަސްނުކޮށް ފެއްޓުމަށް ސަރުކާރަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ވެރިކަމުގައި ހުންނެވި އަހަރުތައް ނުހިމަނައި، ކުރީގަ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ރައީސް ޔާމީންގެ ވެރިކަމުގައި، 2012 ވަނަ އަހަރުން، 2018 ވަނަ އަހަރާ ދެމެދު ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބަލަހައްޓާފައި ވަނީ ގާނޫނާ އެއްގޮތަށްތޯ މުޅި މަޖިލީހުގެ ކޮމިޓީން ބެލުމަށްފަހު މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓުގައި، ހިމަނައިގެންނެވެ.

ލޯނުތަކާ ގުޅިގެން ރެކަމެންޑޭޝަންތަކުގެ ގޮތުގައި ކަންތައްތަކެއް ކުރުމަށް އެ ރިޕޯޓިގައި ސަރުކާރަށް ވަނީ ހުށަހަޅާފައިވެއެވެ.

އެގޮތުން ދޭދޭ ގައުމުތަކުގެ އިތުރުން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ލޯނުތައް ފިޔަވައި އެހެން ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް، ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ހުށަހެޅުމާއި، އެ ކޮމިޓީން ކަންކަން ކުރުމުގައި ބޭރުގެ މާހިރުންގެ ލަފާ ހޯދުމާއި، އެ ކޮމިޓީގެ މަސައްކަތް އަށް މަސް ތެރޭގައި ނިންމުމަށް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން އެ ކޮމިޓީގެ މަސައްކަތް ހަފްތާއަކު އެއްފަހަރު މާލިއްޔަތު ކޮމިޓީއާ ހިއްސާކުރުމާއި، ސަބްސިޑީދޭ އުސޫލުތައް މުރާޖައާކޮށް، ޕްލޭނެއް އެކުލަވާލުމާއި، އަންނަ އަހަރު ދައުލަތުން ދައްކަންޖެހޭ އެތެރޭގެ ދަރަނި ރޯލްއޯވާކޮށް، ދަރަނި ދެއްކުން ފަސްކުރުމާއި، ދަރަނި ރީސްޓްރަކްޗާ ކުރުމަށްގާނޫނަށް އިސްލާހު ގެނައުމާއި، ދައުލަތުން ގެރެންޓީ ދީގެން ނެގި ލޯނުތަކުން ހިންގާ މަޝްރޫއުތަކުގެ ތަފްސީލްތައް ހޯދުމާއި، ސަރުކާރުގެ ކުންފުނިންތަކުގެ ހަރަދު ކުޑަކުރުން ހިމެނެއެވެ.

މި ރިޕޯޓް މަޖިލީހުން ފާސް ކުރީ ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މަޖިލިސް ރައީސް އަދި އެ ކޮމިޓީގެ މުގައްރިރު ރައީސް ނަޝީދު ވިދާޅުވީ، ދެން އެ ރިޕޯޓު ފާސްކުރަން ހުށަހަޅުއްވާނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

ކޮމިޓީ ރިޕޯޓްގައިވާގޮތުން، ދައުލަތުގެ ދަރަނި، 2012 އިން 2018 އަށް 172 ބިލިޔަން ރުފިޔާއަށްވުރެ މައްޗަށް ވަނީ އަރައިފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެކި ފަރާތްތަކުން ސަރުކާރަށް ނަގާފައިވާ ގިނަ ލޯނުތައް 2024 ވަނަ އަހަރާ ހަމައަށް ފަސްކުރަން ޖެހޭ ކަމަށެވެ.