ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗިއްސާއެކު އެރި ކަމަށް ތުހުމަތު ކުރެވޭ މައްސަަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އާދިއްތަ ދުވަހުގެ ރޭގައި ފެންމަތިވި މި މައްސަލައިގައި ބަޔަކު އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ "ފަސްކުރި" ނަމަކަށް ކިޔާ ދޯންޏަކަށެވެ.

އެ މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށްފަހު ފުލުހުން އިއްޔެ ބުނީ، އެ ދޯންޏަށް ބަޔަކު އެރި ނަމަވެސް މާރާމާރީއެއް ހިންގާފައި ނުވާ ކަމަށެވެ. ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭގައި ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

މި ވާހަކަތަކާ ގުޅިގެން ދޯނީގެ ވެރިފަރާތާ ހަވާލާދީ ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން "ވަން" އަށް ވިދާޅުވީ، އެ ދޯންޏަކީ އެރަށު އިހުރާމުގޭ އިދުރީސް ނަމަކަށް ކިޔާ މީހެއްގެ ދޯންޏެއް ކަމަށެވެ. އަދި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެ ދޯނި ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް ވިއްކާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދޯނި ގަތުމަށް ކަނޑައެޅި އަދަދު އެއްކޮށް ދައްކާފައި ނުވުމުން އެ ދޯނި އަނބުރާ ހޯދަން ދޯނީގެ ވެރިފަރާތުން ފުލުހުންނަށާއި ކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށް ޝާހީން ވިދާޅުވި އެވެ.