ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އަންނަ ޗާޓަރު ފްލައިޓުތަކާއި ޕްރައިވެޓް ޖެޓުތަކުގެ އަދަދު އިތުރުވާން ފަށައިފިއެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ، ބޯޑަރު ހުޅުވާލި ފަހުން ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ވީއައިއޭއަށް ޖައްސާފައިވާ ޕްރައިވެޓް ޖެޓުތަކާއި ޗާޓަރު ފްލައިޓުތައް މަހުން މަހަށް އިތުރުވަމުން އަންނަ ކަމަށެވެ.

އެގޮތުން ބޯޑަރު ހުޅުވާލި މަހު އެކަނިވެސް ރާއްޖެއަށް 28 ޕްރައިވެޓް ޖެޓު އައިސްފައިވާ އިރު، އޮގަސްޓު މަހު 59 ފްލައިޓު އައިސްފައިވެއެވެ. އަދި މިދިޔަ މަހު 60 ޕްރައިވެޓް ޖެޓު އައި އިރު، މިމަހުގެ މިހާތަނަށް 126 ޖެޓު އައިސްފައިވެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް 29،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް މިދިޔަ ހަފުތާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. މިމަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައްވެސް ހުޅުވާލައިފައިވާ އިރު، ގިނަ އަދަދެއްގެ ފަތުރުވެރިން ގެސްްޓްހައުސްތަކަށް ވެސް އަންނަމުންދެއެވެ.

ބޯޑަރު ހުޅުވާލި ފަހުން ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކުން މިހާރު އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އޭގެ ތެރޭގައި އެމިރޭޓްސްއާއި ގަތަރު އެއާވޭސް ފަދަ އެއާލައިންތައް ހިމެނެއެވެ.

ވީއައިއޭއަށް އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓަރު ފްލައިޓުތަކުގެ އަދަދު އިތުރުވަމުން އަންނަ އިރު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ޖެޓްތަކާއި ޗާޓަރު ފްލައިޓުތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.