ކޮންމެ ސްކޫލެއްގައިވެސް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭން ޖެހޭނެކަމަށް ކަނޑައަޅައި ތައުލީމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކުރީ، ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 55 މެންބަރުންގެ އިއްތިފާގުންނެވެ.
ޕްރީސްކޫލް ތައުލީމާއި ފަށާ ތައުލީމާއި، ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު އުނގަންނައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހިރައްޔިތެއް ކަމުގައިވާ ކޮންމެ ކުއްޖަކަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންވާނެ ކަމަށާއި، ދިވެހި ބަސް ކިޔަވއިދޭން ވާނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާތާ މަސްދުވަހުގެ ތެރޭގައި، މުދައްރިސުން ރަޖިސްޓްރީ ކުރުމާގުޅޭ އެންމެހައި، ކަންތައްތައް ކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އުފައްދަންވާނެ ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.
މިގާނޫނަށް އަމަލު ކުރާއިރު ހިދުމަތުގައި ތިބި މުދައްރިސުން، ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަަހަރު ދުވަހުގެ ތެރޭގައި، އެ ބޯޑުގައި ރަޖިސްޓްރީކޮށް، ލައިސަންސް ހޯދަން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ބޯޑުގައި ރަޖިސްޓްރީ ކުރުމަކާނުލައި އެއްވެސް ސްކޫލެއްގައި އަދި އެނޫންވެސް ރާއްޖޭގައި ހިންގާ އެއްވެސް ކިޔަވައިދޭ ތަނެއްގައި މަސައްކަތް ކޮށްގެން ނުވާނެ ކަަށާއި، އެ ބޯޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ އެއްވެސް ސްކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރީ ކުރުމަކާ ނުލައި ތައުލީމު ދޭ ތަންތަން ހިންގާ ކަމުގެ ޝަކުވާއެއް، ނުވަތަ މައުލޫމާތެއް ލިބިއްޖެ ނަމަ އެކަމެއް ބެލުމަށްޓަކައި އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ ބާރު މިނިސްޓްރީ އަށް، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށްވެސް މި ބިލްގައި ބުނެފައި ވެއެވެ. އަދި އެފަދަ ތަނެއް ހިންގަނީ ގާނޫނާ ހިލާފަށް ކަމަށް ވާނަމަ ރަޖިސްޓްރީ ކުރުމަށް އެންގުމާއެކު ވަގުތުން ބަންދުކުރުމަށް އެންގުމުގެ ބާރު ވެސް ވަނީ ދީފައެވެ.
ތައުލީމީ ނިޒާމުގެ ފެންވަރު ހިފަހައްޓައި، ކަށަވަރު ކުރުމަށް ސްކޫލްތަކާއި، ކިޔަވައިދޭ ތަންތަން ހިންގަނީ، ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ފިޔަވަޅު އެޅުމާއި، ތައުލީމީ ނިޒާމުގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް ގާއިމްކުރަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
ޕްރިންސިޕަލުންގެ ޒިންމާ ތަކާއި، މުދައްރިސުންގެ ޒިންމާ ތަކާއި، މުދައްރިސުންގެ ފެންވަރާއި މުދައްރިސުންގެ ހައްގުތައްވެސް ބިލުގައި ކަނޑައަޅާފައި ވެއެވެ.
ކުޑަކުދިންނަށް އުނގަންނައި ދިނުމާ ގުޅޭގޮތުން މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާތައް ވެސް ވަނީ ބިލުގައި ބަޔާންކޮށްފައެވެ.
ރާއްޖޭގައި އުޅޭ، ހަތަރު އަހަރުން ފެށިގެން 18 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމު ލާޒިމުވާ ކުއްޖެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ. ސަރުކާރުން ކަނޑައަޅާ ވަކި ސިޔާސަތެއްގެ ދަށުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ކުދިންނަށް ހިލޭ ތައުލީމު ހަމަޖައްސަން ވާނެ ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.
ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް، އެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންނާއި، ސްކޫލްގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކި ބޭނުންތަކުގައި ސްކޫލަށް ހާޒިރުވާ ފަރާތްތަކުން އަމަލު ކުރަން ޖެހޭ ރައްކާތެރިކަމުގެ، އަދި ސުލޫކީ ގަވާއިދެއް އެކުލަވާލައި އާއްމުކޮށްފައި އޮންނަންވާނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.
މިގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންދާ އަމިއްލަ ސްކޫލްތަކާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް ސްކޫލްތައް އަދި ކޮމިއުނިޓީ ސްކޫލްތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އަލުން ރަޖިސްޓްރީ ކުރަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ޕްރީސްކޫލް ހިންގުމުގެ ގާނޫނު އުވޭނެ ކަމަށްވެސް ބިލުގައި ވެއެވެ.