ބޭންކުތަކުން ދޫކުރަމުން އަންނަ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ބޮޑު ވަނީ، އެ ލޯނަކަށް ބަހައްޓާ ރަހުނު ވިއްކައިގެން، އަނބުރާ ފައިސާ ހޯދުމަށް ދިމާވާ ދަތިތަކުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި، އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، އެގޮތަށް ލޯނު އިންޓްރެސްޓް ބޮޑުވަނީ ރަހުނު ވިއްކައިގެން ފައިސާ ހޯދަން ދިމާވާ ދަތިތަކުގެ ސަބަބުން، ބޭންކުތަކަށް އޮންނަ ރިސްކު ބޮޑުކަމުން ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޭންކުތަކުގައި ހުރި އެކައުންޓުތަކުގެ ގާތްގަނޑަކަށް 20 ޕަސަންޓަކީ ނަން ޕަފޯމިން އެކައުންޓުތަކެއް ކަމަށެވެ.
ވަކިވަކި ޝަހުސުން އިފްލާސް ކުރާގޮތަށް ބިލުގައި ކަނޑައަޅާފައި އޮތުމުން އެކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ކޯޓަކުން ކަނޑައަޅައިފި ހިނދެއްގައި، މި ގާނޫނުގެ ހަމަތަކުގެ ތެރެއިން ކުންފުނިތައްވެސް އިފްލާސް ކުރެވިދާނެ ކަމަށެެވެ.
"ރާއްޖޭގެ ބެންކުތަކުގެ ގާތްގަނޑަކަށް 17 ޕަސެންޓާއި 20 ޕަސެންޓާ ގާތަށް އެކައުންޓުތައް ނަން ޕަފޯމިން، އާއްމުކޮށް ބޭންކިން ނިޒާމުގައި ހަތް ޕަސެންޓަށްވުރެ މި އަދަދު އިތުރު ވުމަކީ ކަންބޮޑުވާ އަދަދެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރަހުނު ވިއްކައިގެން ދަރަނި އަނބުރާ ނުހޯދޭ ކަމަށް، ކޮމާޝަލް ބޭންކުތަކުން އެމަނިކުފާނަށް ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރުވެސް ރިސޯޓުތަކުގެ ގޮތުގައި ތަރައްގީކުރަން ފަށައި ހުއްޓިފައިވާ 70 ރަށް އެބަ އޮތް ކަމަށާއި، އޭގެން ކޮންމެ ރަށަކީވެސް ބެންކު ތަކުގައި ދަރަނި އޮތް ރަށްރަށް ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ބޭންކުތަކަށް އެ ރަހުނުތައް ފަސޭހައިން ވިއްކޭ ގޮތް މެދުވެރިވެއްޖެނަމަ ވަރަށް ގިނަ އަދެއްގެ ފައިސާ ރާއްޖޭގެ މާލީ ނިޒާމަށް ވެއްދޭނެ ކަމަށެވެ.
"މިވަގުތު ރާއްޖޭގައި 70 ވަރަކަށް ރަށް ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމަށް މސައްކަތް ފަށާފައި ހުއްޓިފައި އެބަވޭ، މީން ކޮންމެ ރަށެއް ހުށްޓިފައި ވަނީ ބޭންކު ތަކުގައި އެއިން ކޮންމެވެސް ރަށަކާ ގުޅޭ ދަރަނި އެބަވޭ، ބޭންކުތަކަށް މި ރަހުނުތައް ފަސޭހައިން ވިއްކޭ ގޮތް މެދުވެރިވެއްޖެ ނަމަ ވަރަށްގިނަ އަދަދެއްގެ ފައިސާ ރާއްޖޭގެ މާލީ ނިޒާމަށް ވެއްދޭނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް