ލ. ގަމު ބޭރުގައި އެންދަމަން އޮތް މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއެކު ގުރޫޕަކުން އަރައި ދޯނި ރަހީނުކުރި ވާހަކަ ގަމު ކައުންސިލުން ދޮގުކޮށްފި އެވެ.

ރޭ ދަންވަރު 12:30 ހާއިރު ތޫނު އެއްޗެއްސާއެކު ސ. ހިތަދޫގައި ދުއްވާ "ފަސްކުރި" ނަމަކަށް ކިޔާ ދޯންޏެއް ބަޔަކު އަރައި އެ ދޯނި ރަހީނުކޮށް، ފޭރެން އުޅުނު ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި އެވެ. އަދި އޭރު ދޯނި އޮތީ ލ. ގަމު "ވަޑިނޮޅު" ކައިރީގައި އެންދަމަން ދިއްލައިގެން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ވާހަކަތަކާ ގުޅިގެން ދޯނީގެ ވެރިފަރާތާ ހަވާލާދީ ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން މިއަދު "ވަން" އަށް ވިދާޅުވީ، އެ ދޯންޏަކީ އެރަށު އިހުރާމުގޭ އިދުރީސް ނަމަކަށް ކިޔާ މީހެއްގެ ދޯންޏެއް ކަމަށެވެ. އަދި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެ ދޯނި ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް ވިއްކާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދޯނި ޖާބިރު ގަތީ ހަތް މިލިއަން ރުފިޔާއަށް. އެކަމަކު ދޯނި ގެންދަން ފުރަތަމަ ހަތް ލައްކަ ރުފިޔާ ދެއްކީ. ބާކީ ބައި އެއް އަހަރު ދުވަސް ތެރޭގައި ތިން ޕޭމަންޓަކަށް ދައްކާ ގޮތަށް އެއްބަސްވީ. އޭގެ ފަހުން އެއްވެސް ފައިސާއެއް ނުދައްކާ އަދި ޖާބިރަށް ގުޅުމުން ފޯނެއް ވެސް ނުނަގާ ކަމަށް ވަނީ،" ގަމު ކައުންސިލުގެ ނައިބު ރައީސް ވިދާޅުވި އެވެ.

ޝާހީން ވިދާޅުވީ، އެ ދޯނި އަނބުރާ ހޯދަން ދޯނީގެ ވެރިފަރާތުން ފުލުހުންނަށާއި ކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

"ދޯނީގެ ވެރިފަރާތަށް ރޭގަ މައުލޫމާތު ލިބެނީ މާންދޫއަށް މަސް ކިރުވަން އައި ހަބަރު. އެކަން އެނގިގެން އެ ދޯނި ބަލައި ވެރިފަރާތުގެ އާއިލާ އާއި ދަރިން ލޯންޗެއްގައި ނުކުތީ. އެކަމަކު ދިޔައިރު މާންދޫގައި ދޯނި ނެތް ކަމަށް ވަނީ. ފަހުން ރަށު ބޭރުގައި ދިއްލައިގެން އޮއްވައި ފެނިގެން ދޯންޏާ ކައިރި ކޮށްފަ އެ ދޯންޏަށް އަރައި، އެމީހުން ބުނި ކަމަށް ވަނީ ދޯނީގެ މީހުންނާ މައްސަލަ ޖެހިގެން ނޫން ކަމަށް މިއައީ. ޖާބިރު ލާރި ނުދޭތީ ދޯނި ހޯދަންށޭ މިއައީ،" ދޯންޏަށް އެރި މީހަކާ ހަވާލާދީ ޝާހީން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދޯނީގައި ތިބި މީހުންނަށް އެ ވާހަކަތައް ކިޔައި ދިނުމުން ނަގިލި ނަގައިގެން ގަމަށް ދޯނި ވެއްދި ކަމަށެވެ. އަދި ދޯންޏަށް ރަށު މީހުން ދިޔައީ ފުލުހުންނަށް ވެސް އެންގުމަށްފަހު ކަމަށާއި އަދި އެ މައްސަލައިގައި ދޯންޏަށް އެރި އެންމެންގެ ނަން ނޯޓު ކޮށްފައި ދޫކޮށްލާފައިވާ ކަމަށް ޝާހީން ވިދާޅުވި އެވެ.

"ދޯނި ބަލައި ގާތްގަނޑަކަށް 30 ވަރަކަށް މީހުން ދިޔަ. އެކަމަކު އެއްވެސް ހަތިޔާރެއް ނުގެންދޭ. އެއީ ދޮގު ވާހަކައެއް. މާރާމާރީއެއް ވެސް ނުހިނގާ،" ޝާހީން އިތުރަށް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޖާބިރަށް "ވަން" އިން ގުޅުމުން ވިދާޅުވީ، އެ ދޯންޏާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަމުގެ އެއްވެސް ތަފްސީލެއް ވެސް ނުދެއްވައި ފޯނު ވަނީ ކަނޑުއްވައިލައްވައިފަ އެވެ.

ފުލުހުން ބުނީ، ރޭ 11:55 ހާއިރު ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏެއް ބަލައި ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރި ކުރުމުން އެ ދޯނި ލ. ގަން ތުނޑިއަށް ކައިރި ކުރަން އެންގި ކަމަށާއި އަދި އެ ދޯންޏަށް ބަޔަކު އަރާފައިވާ ކަމަށް އެނގިފައިވާކަން ފުލުހުން ބުންޏެވެ.

"މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައިވާ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ ދޯންޏަށް ދިޔަ ބަޔަކު ކަމަށް މައުލޫމާތު ލިބޭ،" ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އެއްވެސް މާރާމާރީއެއް ހިންގާފައި ނުވާ ކަމަށާއި ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.