ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެއްކި ވާހަކަތައް މީޑިއާތަކުން ރިޕޯޓްކުރީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްްރާމްގައި އާންމުންގެ ފަރާތުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ރޭ ވަނީ، ސަފާރީގައި ހިނގީ "އާންމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭނެ ކަހަލަ ކަމެއް" ކަމަށާއި އެއީ އާންމުންގެ ތެރޭގައި ދައްކަމުން އަންނަ ކަހަލަ ބޮޑު ރޭޕް ކޭހެއް ސަފާރީގައި ނުހިނގާ ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން އިމްރާނަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އަދި ސަފާރީގައި ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކެންޔާ އަންހެން މީހާގެ ވަކީލުން ވެސް ވަނީ އިމްރާންގެ އެ ވާހަކަތައް ކުށްވެރިކޮށް، މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި އެދިފަ އެވެ.
އެ ފާޑުކިޔުންތަކާއެކު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާރައެއް ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެއީ ކުޑަ ކަމެއް ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑާ ގުޅޭގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން އަޅުގަނޑު ބުނި އެއްޗެއްގެ ހަގީގަތް އޮޅޭ. އަޅުގަނޑު އެދެނީ ހުރިހާ ނޫސްވެރިންވެސް މަސައްކަތުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓެވުން،" އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، އޭނާ ވިދާޅުވި އެއްޗަކުން ގޯސް މާނައެއް އެއްވެސް ފަރާތަކަށް ދޭހަވި ނަމަ އެއީ އޭނާގެ މަގުސަދު ނޫން ކަމަށެވެ. އަދި އޮޅުން އަރާ ފަދަ ބަހެއް ވިދާޅުވެވިފައި އޮތްނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.