ބައްޔެއް ހުރެ އެކަމަށް ފަރުވާ ނުދެވި ލަސްވާނަމަ އެއީ ގިނަ ފަހަރަށް އެ ބަލި ބޮޑުވާން މެދުވެރި ވާނެ ސަބަބެކެވެ. އެއީ ނަފްސާނީ ބައްޔެއް ނަމަ އެކަން މާބޮޑު ވާނެ އެވެ. ޑިޕްރެޝަނާއި އެންޒައިޓީ ނުވަތަ އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ (އޯސީޑީ) ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ފަރުވާ ނުލިބި ލަސްވާ ކޮންމެ ދުވަހަކީ އެ މީހުންގެ ދިރިއުޅުމަށް އެތައް ހުރަސްތަކެއް އެޅޭނެ ކަމެކެވެ. ވަގުތުން ޑޮކްޓަރީ ފަރުވާ އާއި ތެރަޕީ ލިބޭނަމަ އެކަމުން އަރައިގަންނަން ފަސޭހަވެ އެވެ. ހަމަޖެހޭ ދިރިއުޅުމެއް އުޅެން އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހޭ ނަފްސާނީ ބަލިތައް ޖެހިފައިވާ މީހުންނަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ހުރަހަކީ އަވަސް ފަރުވާ ނުލިބުމެވެ.
"އައިޖީއެމްއެޗްު ބުނީ 500 އެއްހާ މީހުން ވެއިޓިން ލިސްޓްގައި އެބަތިއްބޭ. އެންމެ އަވަސް ވެގެން ވެސް މަހެއްހާ ދުވަސް ނަގާނޭ އެޕޮއިންޓްމެންޓެއް ލިބެން. ދެން އެހެން ހޮސްޕިޓަލެއްގައި ވެސް އަދި މަޝްހޫރު ކްލިނިކެއްގައި ވެސް ނެތް ނަފްސާނީ ޑޮކްޓަރެއް. ވަރަށް ތަންތަން ބެލިއްޖެ. މިހާރު ބޭސް މިއޮއް ހުސް ވަނީ. ކުރިން ދެއްކި ޑޮކްޓަރު މިހާރު ރާއްޖެއަކު ނެތް." އޯސީޑީއަށް ފަރުވާ ހޯދަމުން އަންނަ 30 އަހަރުގެ ދިވެހި ޒުވާނަކު އޭނާއަށް ދިމާވެފައިވާ ދަތިތައް ހިއްސާ ކުރަމުން ބުންޏެވެ.
ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗުގައި މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ހުޅުވައި ކުރިއަށްވުރެ ރަނގަޅަށް ފަރުވާ ދޭން ފަށާފައިވީ ނަމަވެސް ފަރުވާއަށް އެދޭ މީހުންނާ އަޅައި ބަލާއިރު އެ ސެންޓަރުގެ ކެޕޭސިޓީ ދަށެވެ. އެ މަރުކަޒުގައި ފުލްޓައިމްކޮށް މަސައްކަތްކުރަނީ، ނަފްސާނީ ބަލިތަކަށް ބޭސް ދޭ ޑޮކްޓަރުން ނުވަތަ ސައިކެއިޓްރިސްޓުންގެ ގޮތުގައި ހަތަރު ބޭފުޅެކެވެ. ޑޮކްޓަރަށް ދައްކަން އެދޭ މީހުންގެ ވެއިޓިން ލިސްޓް އާއްމުކޮށް 500 އަށްވުރެ އިތުރެވެ. މަދު ޑޮކްޓަރުން އެތައް ސަތޭކަ ބަޔަކު ބަލަން ޖެހުމުން ފަރުވާ ދޭން ގިނަ ދުވަސްތަކެއް ނަގަ އެވެ.
ނަފްސާނީ ބަލިތައް ރާއްޖޭގައި ކުރިންސުރެ ވެސް އާއްމެވެ. ކުރިން އެފަދަ ބަލިތަކަށް ފަރުވާ ހޯދަން ޖެހިލުންވިޔަސް މިހާރު ހޭލުންތެރިކަން ބޮޑުވެ އެފަދަ ބަލިތަކަށް ފަރުވާ ހޯދަން ބޭނުންވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ކޮވިޑް-19އާއެކު ދިރިއުޅުމަށް ދިމާވި ދަތިތަކާއި އެކިއެކި ގޯނާތަކުގެ ސަބަބުން އެފަދަ ބަލިތަކަށް ފަރުވާ ހޯދަން ބޭނުންވާ މީހުންގެ އަދަދު މިވަނީ އިތުރުވެފަ އެވެ. ނަމަވެސް ހިތާމައަކީ ފަސޭހައިން ފަރުވާ ލިބެން ނެތުމެވެ.
އައިޖީއެމްއެޗްގެ އިތުރުން ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުން ދެން އާއްމުކޮށް ތިބެނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އެ ހޮސްޕިޓަލުގައިވެސް އަދި މާލޭގެ މަޝްހޫރު ކްލިނިކްތަކުގައި ވެސް މިހާރު ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުންނެއް ނެތެވެ. މަދު ކްލިނިކެއްގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑޮކްޓަރުން ބަލާއިރު އެތަންތަނުގެ ކިޔޫ ވެސް އެހާ ބޮޑެވެ. އަދި ޑޮކްޓަރަށް ދައްކަން ނަގާ ފީ ވެސް ބޮޑެވެ.
ރާއްޖޭގައި މަސައްކަތް ކުރަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ ކިހާ އަދަދެއްގެ ޑޮކްޓަރުންނެއްކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އެނގޭހާވެސް އެއްޗަކީ ފަރުވާއަށް އެދޭ މީހުންނާ ބަލާއިރު ޑޮކްޓަރުންގެ އަދަދު ބޮޑުތަނުން މަދުކަމެވެ. ނަފްސާނީ ބަލިތަކަށް ތެރަޕީ ދޭ ސައިކޮލިޖިސްޓުން ގިނަ އެވެ. ނަމަވެސް ބަލީގެ ހާލަތުން ގިނަ ބަޔަކަށް ތެރަޕީއާއެކު ބޭސް ބޭނުންވެ އެވެ.
"މަންމަ އެއްގޮތަކަށް ވެސް ރަނގަޅަށް ނުނިދާ އުޅޭތާ މަހެއްހާ ދުވަސް ވެދާނެ. އެހާ ރުޅިގަދަ. ކުރިން ވެސް ޑޮކްޓަރަށް ދެއްކީމަ ރަނގަޅުވީ. މިހާރު ބޭސް ހުސްވެއްޖެ. އައިޖީއެމްއެޗުން ބުނީ 480 އެއްހާ މީހުން ލިސްޓްގައި އެބަ ތިއްބޭ. ދެއްކޭނެ ގޮތެއް ނެތް. މަންމަ ބުނަނީ އަޅުގަނޑުމެން ދައްކަދޭން ނޫޅެނީއޭ،" އުމުރުން 65 އަހަރުގެ މަންމަ ނަފްސާނީ ޑޮކްޓަރަށް ނުދެއްކިގެން ދިމާވާ ދަތިތައް ހިއްސާ ކުރަމުން ހަގު އަންހެން ދަރިފުޅު ބުންޏެވެ.
ބޭސް ދޭ ޑޮކްޓަރުންގެ އިތުރުން ނަފްސާނީ ބަލިތަކަކީ ތެރަޕީ ދީގެން ވެސް ރަނގަޅު ކުރެވޭ ކަންކަމެވެ. ނަމަވެސް އެއީ އަގު ބޮޑު ފަރުވާއެކެވެ. ކޮންމެ ތެރަޕީ ސެޝަނަކަށް އާއްމުކޮށް 500ރ. ނަގަ އެވެ. އައިޖީއެމްއެޗުން ނަމަ ހިލޭ ތެރަޕީ ލިބެ އެވެ. ނަމަވެސް ކިޔޫ ބޮޑުވުމުން އެ ހޮސޕްިޓަލުން އެފަރުވާ ހޯދަން ފަސޭހައެއް ނޫނެވެ. ގިނަ މީހުން ތެރަޕީ ނަގަނީ ޑޮކްޓަރަށް ދެއްކުމަށް ފަހު ޑޮކްޓަރު އެކަމަށް ލަފާ ދޭނަމަ އެވެ. ބަލީގެ ހާލަތު ހުރިވަރުން ތެރަޕީއާއެކު ބޭސް ވެސް ނަގަން ޖެހެ އެވެ.
ނަފްސާނީ ބައްޔަށް ފަރުވާ ހޯދަން އެދި ގިނަ ބަޔަކު ކިޔޫގައި ތިބިއިރު ފަރުވާ އަވަހަށް ދިނުމަށް އަމަލު ކުރަމުން އަންނަ ގޮތާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވިގޮތުގައި އެ ހޮސްޕިޓަލުން ނަފްސާނީ ބަލިތަކަށް ދެމުން އައި ފަރުވާ މެދުކެނޑިފައި ވަނީ އެފަދަ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރަކު މިވަގުތު ނުލިބޭތީ އެވެ.
"އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ޑޮކްޓަރުން ލިބޭތޯ. އެކަމަކު އެ ފަރުވާ ދޭން ފެށޭނެ ދުވަހެއް އަދި ނޭނގޭ،" އައްފާލް ވިދާޅުވި އެވެ.
ނަފްސާނީ ބަލިތަކަށް ރާއްޖޭން ދެމުން އަންނަ ފަރުވާ ރަނގަޅު ކުރުމަށް މިސަރުކާރުން އަންނަނީ އިތުރު ސަމާލުކަމެއް ދެމުންނެވެ. ކުރިން އާއްމު ޑޮކްޓަރުން ބަލާހެން ނަފްސާނީ ބަލިތަކުގެ މީހުން ބަލަމުން އަންނަނިކޮށް އެފަދަ ފަރުވާއަށް ހާއްސަ މަރުކަޒެއް އައިޖީއެމްއެޗްގައި އުފެއްދީ ވެސް އެ ސަބަބަށްޓަކަ އެވެ. ނަމަވެސް ދިމާވެފައިވާ މައްސަލައަކީ ޑިމާންޑާ ގާތަށް ވެސް ފަރުވާ ނުދެވުމެވެ. ނަފްސާނީ ބައްޔަކީ ވަރަށް އުނދަގޫ އިހުސާސްތަކެއް ތަހައްމަލު ކުރަން ޖެހޭ ބަލިތަކަކަށް ވާއިރު ފަރުވާ ނުލިބި ލަސްވުމަކީ އެ ވޭން އިތުރަށް ތަހައްމަލު ކުރަން ޖެހޭ ކަމެކެވެ. އެހެންވުމުން ފަރުވާ ހޯދުމަށްޓަކައި ކުރާން ޖެހޭ މަސައްކަތާއި އުފުލާން ޖެހޭ ތަކުލީފާއި އެކަމުގެ ސަބަބުން އުފެދޭ ނުތަނަވަސްކަން މިވަނީ އިތުރު ނަފުސާނީ މައްސަލައަކަށެވެ.