ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ދައްކަވާ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރުލިބޭ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު އިމްރާނަށް ރައްދު ދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްްރާމްގައި އެ ކޭސްއާ ގުޅޭ ގޮތުން އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން، ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނުލްއުގޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކޮންމެ ކަމެއް ތަހުގީގުކޮށް، ހަމަހަމަކޮށް ދައުވާ ކުރަން ޖެހޭނެ ކަމަށެވެ.
ވަކި ބަޔަކު ކުރީމާ ކުށަކަށް ނުވާ އުސޫލު ނޯންނަ ކަމަށާއި، ބޮޑުންގެ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރު ލިބޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އަދި ގިނަ ބަޔަކަށް ރައްކާތެރިކަން ގެއްލިއްޖެ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްްރާމްގައި އާންމުންގެ ފަރާތުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަފާރީގައި ހިނގީ "އާންމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭނެ ކަހަލަ ކަމެއް" ކަމަށާއި އެ ވާހަކަ މާ ބޮޑު ކަމަކަށްވީ އެކަން ރިޕޯޓްކުރި ގޮތުން ކަމަށެވެ.
އެހެންކަމުން ހަގީގަތަކީ އާންމުންގެ ތެރޭގައި ދައްކަމުން އަންނަ ކަހަލަ ބޮޑު ރޭޕް ކޭހެއް ސަފާރީގައި ނުހިނގާކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހަމަ ތެދެއް މި ދެންނެވީ އަޅުގަނޑުވެސް އެ ވާހަކަ އަޑުއެހީމާ، އެ ވާހަކަ ފެތުރިގެން އައީމާ އަޅުގަނޑަށް ވެސް ތަސައްވަރު ކުރެވުނީ ހަމަ ވަރަށް ބޮޑު ރޭޕް ކޭސް އެކޭ މިއޮތީ. އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައި ވެސް ހުރެފަވެސް، ބައެއްގެ ތެރޭގައި ހުރެފައިވެސް މިީހަކަށް ކޮށްލެވޭނެ ކަހަލަ ކަމެއް ކުރި ވާހަކައޭ ދެންނެވީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ކަހަލަ ކަމެކޭ ހިނގާފަ މިއޮތީ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު