ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ރާއްޖެއިން ބޭރުން ހައްދަވަން ޖެހިވަޑައިގަންނަވާ ޓެސްޓެއް ހެދުމަށް ބޭރަށް ދިއުމަށް ފުރުސަތު ދެއްވިކަމަށާއި، ނަމަވެސް އެމަނިކުފާނު އެކަން ބޭނުންފުޅުވެވަޑައިނުގެން އެދިވަޑައިގަތީ ގެއަށް ބަދަލުވެވަޑައިގަންނަވަން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ރައީސް ޔާމީންގެ ބަލި ހާލަތާއި ގުޅޭގޮތުން ޑޮކްޓަރުން ދިން ލިޔުމުގައި ވަނީ ރާއްޖެއިން ބޭރުން ޓެސްޓެއް ހެދުމަށާއި "ސްޓްރެސް" ފްރީ މާހައުލެއްގައި ބެހެއްޓުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ބޭރުން ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށް މި ސަރަހައްދުން ބޭނުން ގައުމަކަށް ވަޑައިގަތުމުގެ ފުރުސަތު ރައީސް ޔާމީނަށް ދެއްވި ކަމަށެވެ.
"ރައީސް ޔާމީން ވިދާޅުވީ ރާއްޖޭން ބޭރަށް ވަޑައިނުގަންނަވާނަމޭ. ދެން ރާއްޖޭގައި އެޓެސްޓް ހެދޭކަށް ނެތް. ބޭރަށް ވަޑައިނުގަންނަވާނަމޭ ގެއަށް ގެންގޮސްދޭށޭ. އަޅުގަނޑު ދެންނެވިން ޑޮކްޓަރު ވިދާޅުވެފައި މިއޮތީ އެޓެސްޓު ނުހެދޭތީ އެޓެސްޓް ހެއްދެވުމަށޭ. އޭގެފަހުންނޭ ޑޮކްޓަރަށް ވަކި ސީދާ އެއްޗެއް ދަންނަވަން އެނގޭނީ. އޭގެ ދެވަނަ ބައޭ ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓުން. ފުރަތަމަ ބައި ފުރިހަމަކޮށްފައިނޫންތޯއޭ ދެވަނަ ބައި ފުރިހަމަކުރަންވާނީ." މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލުގައި ރައީސް ޔާމީން ބަހައްޓާފައިވަނީ ގިނަ ހިދުމަތްތަކެއް ލިބޭ ފެންވަރު ރަނގަޅު ތަނެއްގައި ކަމަށެވެ. އެގޮތުން ހޫނުފެނުން ފެންވެރޭނެ ގޮތްވެސް އެތާނގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ، ރައީސް ޔާމީންގެ ޓެސްޓުތަކުގެ މައްޗަށް ބިނާކޮށް، ޖަލުގައި ބެހެއްޓުން އެއީ ކަމުނުދާ މާހައުލެއްކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެނަމަ އެއާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރިންގެ ކުށް ސާބިތުވެ އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ