ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ތިން މަސް ތެރޭ 30 ހާހަށްވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ، މިނިސްޓަރުގެ ޝުކުރު ޚާރިޖިއްޔާއަށް

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15 ދުވަހު ހުޅުވާލި ފަހުން 30 ހާހަށްވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ޓޫރިޒަމަށް އަންނަ ކުރިއެރުން ފާހަގަކުރައްވައި، މި ހާލަތުގައި ފޮރިން މިނިސްޓްރީން ކުރައްވާ މަސައްކަތަށް ޓަކައި މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޚާރިޖިއްޔާގެ ޓީމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ފަތުރުވެރިންނަށް ޓޫރިސްޓުން އަލުން ހުޅުވާލި ފަހުން މިވީ ތިން މަސް. ލަސް ލަހުން ނަމަވެސް އަޅުގަނޑުމެންނަށް ކުރިއެރުން އެބަ ފެނޭ." މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާ އިރު ޖުލައި 15 އިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 958 ފްލައިޓް މޫވްމެންޓް ރާއްޖެއަށް ހިނގާފައި ވެއެވެ. ބޯޑަރު ހުޅުވި ފަހުން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 31801 ޓޫރިސްޓުން ވަނީ ރާއްޖެއަށް އައިސްފަ އެވެ. ބޯޑަރު ހުޅުވި ފަހުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރީން އައިސްފައި ވަނީ ރަޝިއާއިންނެވެ. ދެވަނައަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ތިނަ ވަނައަށް ޔޫއެސްއޭ އިންނެވެ.

ބޯޑަރު ހުޅުވި ފަހުން ރާއްޖެއަށް އޮޕަރޭޓް ކުރަމުން އަންނަ އެއާލައިންތައް ވެސް އަންނަނީ އިތުރުވަމުންނެވެ. އަދި ރާއްޖޭގެ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަވެސް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ދޭން ފަށައިފަ އެވެ.