ހެލްތު މިނިސްޓަރުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ، ހެލްތު މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އަރުވާފައި ކަމަށެވެ.

ނަސީމް ހެލްތު މިނިސްޓަރުކަމަށް އައްޔަނުކުރެއްވި އިރު، އޭނާ ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގައެވެ. ނަސީމަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީީޕީގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ.

ނަސީމް ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަންވެސް ކުރައްވައިފައެވެ. އަދި ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ނަސީމް މަސައްކަތް ކުރައްވާފައިވާ އިރު، އޭނާއަކީ ރާއްޖެއަށް ފަތުރުވެރިން ތައާރަފުކުރުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ހެލްތު މިނިސްޓަރުގެ މަގާމު ހުސްވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމީން އިސްތިއުފާ ދެއްވާފައިވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިފައި ވަނިކޮށެވެ.

އޭސީސީން އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އަމީންއާއެކު އެ މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

ޕީޖީގެ މި ނިންމުމާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 24 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދައިފައެވެ. އަމީން އިސްތިއުފާ ދެއްވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.