އަހުލާގީގޮތުން ދަށް ފެންވަރުގެ ކުދިންގެ ސަބަބުން އެހެން ކުދިންނަށް ކުރާ ނޭދެވޭ އަސަރުގެ ޒިންމާ އެކުއްޖަކު އުފުލަން ޖެހޭނެކަމަށް އޮތް އަކުރު އުނިކޮށް، ތައުލީމުގެ ބިލް ދެވަނަ ފަހަރަށް މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު މަޖިލީހަށް ހުށަހެޅުއްވި މި ބިލު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އިސްލާހު ގެނެސް ފާސް ކުރުމަށްޓަކައި މީގެ ކުރިންވެސް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.

ނަަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި އަލުން އެބިލު ވަނީ ކޮމިޓީއަށް ފޮނުވާލައި ފައެވެ. މިފަހަރު ބިލު ތަޅުމަށް ފޮނުވާފައި މިވަނީ، ކޮމިޓީން ބިލަށް ވަރަށް ކުދިކުދި އިސްލާހުތަކެއް ގެނައުމަށްފަހުގައެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އިސްލާހަކީ، އެ ބިލުގެ 11 ވަނަ މާއްދާގެ (ބ) އުނިކުރުމެވެ،

އެ އަކުރުގައި ބުނެފައިވަނީ، އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކުދިންގެ ސަބަބުން އެހެން ކުދިންނަށް ކުރާ ނޭދެވޭ އަސަރުގެ ޒިންމާ އެކުއްޖަކު އުފުލަން ޖެހޭނެ ކަމަށެވެ.

ދެން ގެނެސްފައިވާ އިސްލާހުގެ ތެރޭގައި ހިމެނެނީ، ފަށާތައުލީމަކީ އެލްކޭޖީން ފެށިގެން ގްރޭޑް ފަހެއްގެ ނިޔަލަށް ކަމަށް ބިލުގައި އޮތް އޮތުން، ފަށާތައުލީމަކީ ގްރޭޑް އެކަކުން ފެށިގެން ހައެއް ގެ ނިޔަލަށް ކަމަށް ކަނޑައެޅުމެވެ. އަދި ސާނަވީ ތައުލީމަކީ، ގްރޭޑް ހަޔަކުން ފެށިގެން 10 ގެ ނިޔަލަށް ކަމަށް ކަނޑައަޅާފައި އޮތް އޮތުުން، ގްރޭޑް ހަތަކުން ފެށިގެން 10 ގެ ނިޔަލަށް ކަނޑައެޅުމެވެ.

އެގޮތުން ޕްރީސްކޫލް ތައުލީމާއި ފަށާ ތައުލީމާއި، ސާނަވީ ތައުލީމާއި، މަތީ ސާނަވީ ތައުލީމު، އުނގަންނައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ ކުއްޖަކަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންވާނެ ކަމަށާއި، ދިވެހި ބަސް ކިޔަވއިދޭން ވާނެ ކަމަށް މީގެ ކުރިންވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ބިލުގައި ބުނެފައިވަނީ މި ގާނުނަށް އަމަލުކުރަން ފަށާތާ މަސްދުވަހުގެ ތެރޭގައި، މުދައްރިސުން ރަޖިސްޓްރީ ކުރުމާ ގުޅޭ އެންމެހައި، ކަންތައްތައް ކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އުފައްދަންވާނެ ކަމަށެވެ.

މިގާނޫނަށް އަމަލު ކުރާއިރު ހިދުމަތުގައި ތިބި މުދައްރިސުން، ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަަހަރު ދުވަހުގެ ތެރޭގައި، އެ ބޯޑުގައި ރަޖިސްޓްރީކޮށް، ލައިސަންސް ހޯދަން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ބޯޑުގައި ރަޖިސްޓްރީ ކުރުމަކާނުލައި އެއްވެސް ސްކޫލެއްގައި އަދި އެނޫންވެސް ރާއްޖޭގައި ހިންގާ އެއްވެސް ކިޔަވައިދޭ ތަނެއްގައި މަސައްކަތް ކޮށްގެން ނުވާނެ ކަަށާއި، އެ ބޯޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ އެއްވެސް ސްކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް ބިލުގައި ބުނެފައި ވެއެވެ.

މި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރީ ކުރުމަކާ ނުލައި ތައުލީމު ދޭ ތަންތަން ހިންގާ ކަމުގެ ޝަކުވާއެއް، ނުވަތަ މައުލޫމާތެއް ލިބިއްޖެ ނަމަ އެކަމެއް ބެލުމަށްޓަކައި، އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ ބާރު މިނިސްޓްރީ އަށް، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށްވެސް ބުނެފައި ވެއެވެ. އެފަދަ ތަނެއް ހިންގަނީ ގާނޫނާ ހިލާފަށް ކަމަށް ވާނަމަ ރަޖިސްޓްރީ ކުރުމަށް އެންގުމާއެކު ވަގުތުން ބަންދުކުރުމަށް އެންގުމުގެ ބާރު ވެސް ވަނީ ދީފައެވެ.

ތައުލީމީ ނިޒާމުގެ ފެންވަރު ހިފަހައްޓައި، ކަށަވަރު ކުރުމަށް ސްކޫލްތަކާއި ކިޔަވައިދޭ ތަންތަން ހިންގަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ފިޔަވަޅު އެޅުމާއި ތައުލީމީ ނިޒާމުގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް ގާއިމްކުރަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

ޕްރިންސިޕަލުންގެ ޒިންމާ ތަކާއި މުދައްރިސުންގެ ޒިންމާ ތަކާއި މުދައްރިސުންގެ ފެންވަރާއި މުދައްރިސުންގެ ހައްގުތައް ވެސް ބިލުގައި ކަނޑައަޅާފައި ވެއެވެ. ކުޑަކުދިންނަށް އުނގައްނައި ދިނުމާ ގުޅޭގޮތުން މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާތައް ވެސް ވަނީ ބިލުގައި ބަޔާންކޮށްފައެވެ.

ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް، އެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންނާއި ސްކޫލްގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކި ބޭނުންތަކުގައި ސްކޫލަށް ހާޒިރުވާ ފަރާތްތަކުން އަމަލު ކުރަން ޖެހޭ ރައްކާތެރިކަމުގެ އަދި ސުލޫކީ ގަވާއިދެއް އެކުލަވާލައި އާއްމުކޮށްފައި އޮންނަންވާނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.

މިގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގަމުން ގެންދާ އަމިއްލަ ސްކޫލްތަކާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް ސްކޫލްތައް އަދި ކޮމިއުނިޓީ ސްކޫލްތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން އަލުން ރަޖިސްޓްރީ ކުރަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ޕްރީސްކޫލް ހިންގުމުގެ ގާނޫނު އުވޭނެ ކަމަށްވެސް ބިލުގައި ވެއެވެ.