އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމާ މެދު ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލަ އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކުރައްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި ކޮމެޓީގެ މުގައްރިރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީގެ ކޮމްޕްލަޔަންސް ރިޕޯޓާ ގުޅޭ ގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުން ތަކާއި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުންގެ ބަހުގެ ހޫނު ހަމަލާތަކެއް ވަނީ އޭސީސީ އަށް އަމާޒު ވެފަ އެވެ. އަދި އެ މެންބަރުން މަގާމުން ވަކިކުރަން ވެސް ވަނީ ހުށަހަޅައިފަ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް، ކޮމެޓީގެ ބައްދަލުވުން ނިމުނު އިރު އެ އެޖެންޑާ އައިޓަމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.
"އިއްޔެ ބައްދަލުވުން މާ ބޮޑަށް ދިގު ދެމިގެން ދިޔައީމަ އަޅުގަނޑުމެންނަށް އެ އެޖެންޑާ އައިޓަމަށް ވޯޓަށް އެހޭވަރު ނުވީ. އެކަމަކު އަންނަ ހޯމަ ދުވަހުގެ ބައްދަލުވުމަށް އެ މައްސަލަ އަލުން އެޖެންޑާ ކުރާނަން." "ވަން" އިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޮޒޭ ވިދާޅުވި އެވެ.
ރޮޒޭނާ ވިދާޅުވީ ހޯމަ ދުވަހުގެ ބައްދަލުވުމުގައި ވެސް އެ މައްސަލައިގައި ވޯޓަށް އަހައި ގޮތެއް ނިންމޭނެތޯ ވިދާޅުވާން އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމަވާނީ އެ ދުވަހުގެ ބައްދަލުވުމުގައި މައްސަލައަށް މެންބަރުން ވާހަކަދައްކަވައި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.
އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި މަޝްވަރާކުރަމުން އަންނަ އިރު، އެމްޑީޕީގެ ބައެއް މެންބަރުން މަޖިލިސް ތަޅުމުގައި ދެއްކެވި ވާހަކަތަކުގެ ރޫހު ހުރީ އެ ކޮމިޝަނުގެ ހުރިހާ މެންބަރުންވެސް މަގާމުން ވަކިކުރެއްވުމަށެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވި ހެލްތު މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓުގައި ތިލަ ކުރެއްވި 75 ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި، އޭސީސީން ތަހުގީގުކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރުމަށެވެ. އެހެން ނަމަވެސް އޭސީސީގެ ތަހުގީގު ރިޕޯޓުގައި އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ކުރެވޭނެ މިންވަރަށް ހެކި ނެތްކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އެ މައްސަލައިގައި އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމަވައި، މައްސަލަ އަނބުރާ ފޮނުއްވައިލައްވައިފަ އެވެ.
މި މައްސަލައިގައި، އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި، މިނިސްޓަރު އަމީން ވަކިކުރެއްވުމުގެ މައްސަލަ 24 މެންބަރުންގެ ސޮޔާއެކު މި މަހުގެ 20 ވަނަ ދުވަހު މަޖިލީހަށް ވެއްދި އެވެ. އަދި އެރޭގެ ވަގުތެއްގައި މިނިސްޓަރު އަމީން ވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެމްޕީ ރޮޒެއިނާ އާދަމް
އެމްޕީ ރޮޒެއިނާ އާދަމް
އެމްޕީ ރޮޒެއިނާ އާދަމް