ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އެކުވެރި އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ މޮޑެލްތަކާއި ކަވަރުކުރާނެ ހިދުމަތްތަކާމެދު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ދިނުމަށް ރައީސް ނިންމަވާފައިވާއިރ،ު އެ ތަންތަނުން އާސަންދަ ލިބޭނީ ކޮން ހިދުމަތްތަކެއްތޯ އާއި އިންޑިއާ އިން މިހާރު ލިބޭ ހިދުމަތްތައް އެއަށްވުރެ އަގުބޮޑުކޮށް ހޯދުމަށް ތައިލެންޑް އާއި ޔޫއޭއަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވޭތޯ އާއި މިހާރު އޮތް ބަޖެޓުން އެކަން ހަމަޖައްސާނަމަ ހިދުމަތް ދެވޭ މީހުންގެ އަދަދު އޮޅުން ފިލުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އާސަންދައަށް މިހާރަށް ބަޖެޓް ކޮށްފައިވާ އަދަދުގެ ތެރެއިން ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް މެނޭޖުކުރެވޭނެ ގޮތަކަށް އެކަމާބެހޭ ސިޔާސަތު އެކުލަވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މި ބަދަލާއެކުވެސް އާސަންދައިގެ ހިދުމަތް ލިބޭ މީހުންގެ އަދަދަކަށް އުނިކަމެއް ނާންނާނެ މިގޮތުން ހިދުމަތް ދޭނެ މޮޑެލްތަކާއި ކަވަރުކުރާނެ ހިދުމަތްތަކާ އަދި ހަރަދު ހަމަޖައްސާނެ ގޮތުގެ މަޝްވަރާތައް ދަނީ ކުރެވެމުން މި ކަންކަން ނިމުމުން މިކަމުގެ ތަފުސީލުތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރެވި އިއުލާން ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އާސަންދަ ނިޒާމު މިހާރު ހިނގަމުން އަންނަ ގޮތުން ވަރަށް ބޮޑެތި އިސްރާފުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު މުޅި އާސަންދަ ސްކީމަށް އެއް ބިލިއަން ރުފިޔާ ބަޖެޓް ކުރި ނަމަވެސް އެ އަހަރު ނިމިގެންދިޔައިރު 2.3 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވަނީ ބޭހަށް ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބޭރުގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ކަމާބެހޭ މުއައްސަސާތައް ގުޅިގެން މި ނިޒާމަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުމަށް ވަށާޖެހޭ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.