ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާ ގުޅިގެން ދާދި އަވަހަށް އުންމީދުކުރާ ވަރުގެ ބޮޑެތި މައްސަލަތަކެއް ދައުވާކުރަން ކޯޓަށް ފޮނުވޭނެ ކަމަށް ހިޔާނާތް ބަލައި އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ދައުވާކުރުން ލަސްވާ ސަބަބު ސާފުކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ހާޒިރުކޮށްފަ އެވެ.

ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ، އެންމެ ހާއްސަ އިސްކަމެއް ދެނީ ހިޔާނާތް ހިނގާފައިވާ ގޮތް ހޯދުމަށް ކަމަށާއި އެގޮތުން ދައުލަތުން ވަގަށް ނެގި ކަމަށް ބުނާ 77 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން ގާނޫނާ ހިލާފަށް ދޫކޮށްފައިވާ 37 ރަށަކާއި 12 ފަޅަކީ މިހާރު ވެސް ހިނގަމުންދާ މައްސަލައެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ހިޔާނާތުގެ ތެރެއިން ބޮޑު ބައެއް ނަގުދު ފައިސާގެ ގޮތުގައި ދައުރުކުރުމާއި ނަގުދު ފައިސާ ދައުރުކުރެވޭ މިންވަރުގެ ލިމިޓެއްނެތުމާއި ގޯތި ގެދޮރުގެ އެކަށީގެންވާ ދަފްތަރެއް ނެތުމާއި ނެޝަނަލް ރެޖިސްޓްރީއެއް ނެތުމަކީ ތަހުގީގަށް ކުރިމަތިވި ގޮންޖެހުމެއްގެ ގޮތުގައި އަސްއަދު ފާހަގަކުރެއްވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާގުޅޭ ފަސް މައްސަލައެއް ދައުވާކުރަން އުޅޭ ކަމަށް ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައި އަސްއަދު ވިދާޅުވީ، އެއަށްވުރެމާ ސީރިއަސް މައްސަލަތަކެއް ވެސް މިހާރު ފެންމަތިވެފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ކޯޓަށް މައްސަލަތަކެއް ހުށަހެޅޭނެ ދުވަހެއް ވެސް އޭނާ ވިދާޅެއްނުވެ އެވެ.

"ދާދި އަވަހަށް، އުއްމީދު ކުރައްވާ ވަރުގެ ބޮޑު ކޭސްތަކެއް ކޯޓާ ހަމައަށް ގެންދެވޭނެ،" އަސްއަދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ކުރުން ލަސްނުވާ ކަމަށާއި ތަހުގީގު ފުރިހަމަނުކޮށް ދައުވާ ކުރަން ފޮނުވުމަކީ އެ ފަރާތްތައް ކުށުން ބަރީއަކުރުން ކަމަށެވެ.