ތަހުގީގުކޮށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާ މައްސަލަތަކަށް ދައުވާ ކުރުމަށް މިހާރު އަމަލު ކުރަމުން ގެންދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ލިޔެފައި އޮތްގޮތަށް ކަމަށާއި، ނަމަވެސް މެންބަރުންނަށް ފެނިވަޑައިގަތީމަ ދައުވާކުރާގޮތަށް ގާނޫނުގައި ލިޔުމުން އެގޮތަށް ވެސް ކަންތައް ކުރިއަށްދާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ ހެލްތު މިނިސްޓްރީގެ ވެންޓިލޭޓަރު ތަކުގެ މައްސަލަވެސް ހިމެނޭގޮތަށް ޕީޖީއަށް ފޮނުވާ މައްސަލަތަކުގައި ދައުވާ ކުރުމުގައި ޕީޖީީ ބައްލަވަމުން ގެންދަވާ ކަންތައްތަކާބެހޭގޮތުން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ތަކުރާރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ހިތްހަމަޖެހިވަޑައިނުގެން ޖަވާބު ދެއްވަމުންނެވެ.

ކޮމިޓީ ބައްދަލުވުމުގައި ޕީޖީއާ ސުވާލު ކުރެއްވި މެންބަރުންގެ ތެރެއިން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފު ކުރެއްވި ސުވާލުގައި ވިދާޅުވީ، އޮޑިޓް އޮފީހުން ނެރޭ ރިޕޯޓްތަކަކީ ޕީޖީ ދައުވާ ކުރުން ލާޒިމުވާ ރިޕޯޓުތަކެއް ކަމަށެވެ. އަދި ވެންޓިލޭޓަރުގެ މައްސަލައިގައިވެސް އެބޭފުޅުންނަށް ފާހަގަކުރެވޭ ކަންތައްތަކެއް ހުރިއިރު، އަދި އޭސީސީ ރިޕޯޓުގައިވެސް ފާހަގަ ކުރެވޭ ކަންތައްތަކެއް ހުރިއިރު، ޕީޖީއަށް ގަބޫލު ކުރެވޭވަރަށް ހެކި ނެތުމަކީ ގަބޫލު ކުރެވޭ ކަމެއްނޫން ކަމަށެވެ. އަދި އެހެން ބަޔަކަށް ގަބޫލު ކުރެވުނު ނަމަވެސް ޕީޖީއަށް ގަބޫލު ނުކުރެވެންޏާ ގަބޫލެއް މައްސަލަ ކޯޓަށް ނުފޮނުވަންވީތޯވެސް އެ މެންބަރު ސުވާލު ކުރެއްވިއެވެ.

ސަނީފަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމު ވިދާޅުވީ، މައްސަލަތައް ކޯޓަށް ފޮނުވުމުގައި އެގޮތަށް އެކަން ކުރައްވަނީ ގާނޫނުއަސާސީ އާއި ގާނޫނުގައި އެހެން ލިޔެފައި އޮތުމުން ކަމަށެވެ.

މަޖިލިސް މެންބަރުންނަށް ފެނިވަޑައިގަތީމަ ދައުވާކުރަން ގާނޫނުއަސާސީގައި ލިއުމުން ކަން ކުރާނީ އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުގައި ކަންތައް ކުަރައްވަމުން ގެންދަވަނީ، އެ މެންބަރުން ގާނޫނު އަސާސީ އާއި ގާނޫނުގައި ފާސްކޮށްފައި އޮތް ގޮތަށް ކަމަށާއި، އެ މެންބަރުން ހަވާލު ކުރެއްވި މަސައްކަތަކީވެސް އެއީ ކަމަށާއި އެހެން ކަމުން ބައްލަވަމުން ގެންދަވަނީ އެކަން އެގޮތަށް ކޮށްދެޥޭތޯ ކަމަށްވެސް ވިދާޅުވިއެވެ.

"މެންބަރު ސަނީފުގެ ޝުއޫރު އެގޮތަށް ހުންނާނެ ކަަމަށް ގަބޫލުކުރަން، އަޅުގަނޑު މިދަންނަވަނީ ގާނޫނުސާސީއާއި ގާނޫނުގައި ލިޔެފަ އެހެން އޮތީމައޭ އެހެންމިވަނީ، ގާނޫނުއަސާސީގައި ލިޔަމާ ހިނގާށޭ މަޖިލީހުގެ މެންބަރުންނަށް ވެވަޑައިގަތީމަ ދައުވާކުރަން، އޭރުން އެކަން އެގޮތަށް ދާނީ، މިވަގުތު ގާނޫނުއަސާސީ އާއި ގާނޫނުގައި ލިޔެފަ އޮތީމަ އެގޮތަށް ކުރެވޭތޯ އަޅުގަނޑު މިއުޅެނީ، އެއީ އަޅުގަނޑާ ތިބޭފުޅުން ހަވާލު ކުރި މަސައްކަތަކީ، އެހެންވިމާ އެކަން އެމަގަށް ކޮށްދެވޭތޯ އަޅުގަނޑު މިބަލަނީ، އެގާނޫނު ބަދަލުކުރައްވައިފިއްޔާ އެގޮތަށް އެކަމެއް ނުކުރާނެ، އެއީ އެކަމާބެހޭގޮތުން ދަންނަަން އޮތް ވާހަކައަކީ،" ޕީޖީ ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން ޕީޖީއަށް ދައުވާ ކުރެވޭނީ، ހަމައެކަނި ޖިނާއީ ތަހުގީގުތައް ކޮށްފައި ހުށަހެޅުމުން ކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ ރިޕޯޓުތަކަށް ދައުވާ ކުރުމަކީ ގާނޫނު އޮތްގޮތުން ޕީޖީއަށް ކުރެވެން އޮތްކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މެންބަރުން ގާނޫނަށް ބަދަލު ގެނަސްފިނަމަ އެކަން ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.

"ގާނޫނާއި، ގާނޫނުއަސާސީގައި ތިބޭފުޅުން ފާސްކޮށްފަ މިކަން ކުރަންވާގޮތަށް ލިޔެފައޮތް ގޮތަށް ކުރެވޭތޯ އަޅުގަނޑު މިބަލަނީ، ދެން އެގޮތް ރަނގަޅު ނުވެގެން އެގޮތް ބަދަލު ކުރައްވަންޏާ ބަދަލު ކުރެއްވީމަ އެގޮތަށް އެކަން ހިނގާނެ،" ޕީޖީ ވިދާޅުވިއެވެ.