ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ، އަދި މަރާލާފައިވާ ކަމަށް ބުނާ ކުރީގެ ނޫސްވެރިޔާ ރިލްވާން އަބުދުﷲ ގެ މައްސަލައާއި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމާ ގުޅިގެން، ވާހަކަ ދެއްކުމަށް ބޭނުން ކުރި ލިޔުންތައް ރައީސް ޔާމީންގެ ސަރުކާރުން އަތުލާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝިޔާމު ސުވާލު ކުރެއްވީ، 2015 އހަރުގެ މެއި ޑޭގައި، އޭރު އޮތް ރައީސް ޔާމީންގެ ސަރުކާރާދެކޮޅަށް ކުރި މުޒާހަރާގައި، ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ހެކި ހުރިކަމަށް ވިދާޅުވެ ކަރުދާސްތަކެއް ދައްކަވައި، ރިލްވާންގެ މައްސަލައާ ރައީސް ޔާމީނާ ގުޅުވައި އެކަމުގެ ތުހުމަތު ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވައި ތުހުމަތު ކުރައްވާފައިވާ އެ ކަރުދާސްތައް މިހާރު ކޮބައިތޯ، އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މެއި ޑޭގެ މުޒާހަރާގެ މައްސަލާގައި އޭރުގެ ސސަރުކާރުން އެމަނިކުފާނު ބަންދު ކުރެއްވިއިރު، އެ ކަރުދާސްތައް ގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން އޭރުގެ ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިޔަ ބައެއްގެ އަތުގައި އެތަކެތި ވާނެ ކަމަށާއި، ޖެހޭނީ އެކަމަށް އަލުން ތަހުގީގެއް ފައްޓަވަން ކަމަށެވެ.
"އެއިރު ކޮން ފުލުހުނެއްތޯ އަޅުގަނޑު ހައްޔަރުކުރަން އައީ ކޮންބައެއްތޯ އެ ގެންދިޔައީ ޖެހޭނީ ތަހުގީގެއް ހިންގަން. ދެން އަޅުގަނޑަށް އެ ތަހުގީގާއި ހަމައަށް ދެވޭވަރެއް ނުވޭ. އެއަށްވުރެ މާގިނަ ތަހުގީގުތައްވެސް މިހާރު ކުރަން އެބަ ޖެހޭ. އެމްއެމްޕީއާރުސީގެ ތެރޭގައިވެސް ވަރަށް ގިނަ ތަހުގީގަތައްވެސް އެބަހުރި. އެހެންވީމަ އެތަހުގީގާ ހަމައަށްވެސް ގެންދެވޭނެ،" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ދެއްވި ޖަވާބާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އެކަމާ ބެހޭގޮތުން ވަޒީރުގެ އަތްޕުޅުގައިހުރި ހުރިހާ ހެކިތަކެއް، ގަދަބާރުން އަރައިގަނެ ކުރީގެ ފުލުން އެ ހެކިތައް ނައްތާލާފައިވާކަން ފާހަގަ ވެގެން ހިނގައްޖެ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ބޭއްވި މެއިޑޭގެ ބޮޑު މުޒާހަރާގައި އިމްރާން ހައްޔަރުކޮށް ވަނީ ޖަލަށް ލައިފައެވެ.
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ