ޖަލުގައި މިހާރުވެސް ބަންދުކޮށްފައި ތިބި ގައިދީންނަކީ ޖަލުގެ ކެޕޭސިޓީއަށްވުރެ 30 ޕަސެންޓް އިތުރު އަދަދެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) މިނިސްޓަރާ ސުވާލު ކުރެއްވީ، ރާއްޖޭގެ ހުރިހާ ކޯޓު ތަކެއްގައި 4554 މީހެއްގެ މައްޗަށް މިހާރު ވެސް ޖިނާއީ މައްސަލަތައް ހިންގާއިރު، އޭގެ ތެރެއިން ގިިނަ ބައެއްގެ މައްޗަށް ހުކުމް އައިސްފިނަމަ ޖަލުތަކަށް ނުކުޅަދާނަވެ، އިންތިހާއަށް ހަރަދު ބޮޑުވެގެންދާއިރު ނޮން ކަސްޓޯޑިއަލް ހުކުމްތައް ކުރުމަށް ގާއިމްކުރަންޖެހޭ ޖަލުތައް ހަމަޖައްސަމުން ދިއުމާ ގުޅޭ ގޮތުންނެވެ.
އިންތިގެ އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ކަރެކްޝަން ސާވިސްގެ ދަށުގައި މިހާރު ހުރި ޖަލުތަކުގެ ސީދާ ޖާގައިގެ އަދަދަކީ 1360 ކަމަށެވެ. ނަމަވެސް މިހާރު ވެސް ޖަލުތަކުގައި ގާތްގަނޑަކަށް 1700 އެއްހާ ގައިދީން އެބަތިބި ކަމަށާއި އެއީ ކެޕޭސިޓީއަށްވުރެން 30 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރު ހުރި މައްސަލަތަކުގެ 10 ޕަސެންޓް ހުކުން އިއްވި ނަމަވެސް ގާތްގަނޑަކަށް 400 ގައިދީން އިތުރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ހިސާބަށް އަންނައިރު ގައިދީން ބަލަހައްޓާނެ ގޮތެއް ނެތިފައިވާ ކަމަށާއި ނަން ކަސްޓޯޑިއަލް ކޮންމެހެން ބޭނުންވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއާބެހޭ ގައިޑްލައިން އެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ދަށުން އަންނަ އަހަރުން ފެށިގެން ނަން ކަސްޓޯޑިއަލް އުސޫލުތަކަށް އަމަލު ކުރެވޭވަރުވާނެ ކަމަށެވެ.
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ
މިނިސްޓަރު އިމްރާން އަބްދުﷲ