އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކި ކުރުމާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިސްވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި މާދަމާ މަޝްވަރާ ކުރުމަށް ހަމަޖައްސައިފިއެވެ.
އެގޮތަށް ހަމަޖެއްސީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް، އެޖެންޑާގައި ހިމެނިފައިވާ އެހެނިހެން ކަންތައްތަކުގެ ދަށުން، އޭސީސީގެ ފަސް މެންބަރުން އެކުގައި ވަކިކުރުގެ މަސައްކަތް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް، ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހުށަހެޅުއްވުމާ ގުޅިގެންނެވެ.
އޭސީސީގެ ފަސް މެންބަރުން ވަކިކުރަން ކޮމިޓީއަށް ހުށަހަޅުއްވަމުން، މެންބަރު ހަސަން އަހުމަދު ވިދާޅުވީ އޭސީސީގައި މިހާރު ތިއްބެވި ފަސް މެންބަރުން މަޖިލީހުން އެ މަގާމަށް ހޮއްވެވުމަށްފަހު، މި ވޭތުވެދިޔަ ތަނުގައި ވައްކަމުގެ އެތައް މައްސަލަތަކެއް އެތައް ގޮތަކަށް ރާއްޖޭގައި ފުނިޖެހިފައި ވާއިރުވެސް އެއިން އެއްވެސް ކަމަަކަށް މިހާތަނަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަތައް ބެލުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ހަސަން އަހުމަދު ވިދާޅުވީ، އެ ފަސް މެންބަރުން އޭސީސީގެ މެންބަރުކަމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީއަށް ހުށަހަޅުއްވާ ކަމަށެވެ.
މެންބަރުގެ އެ ހުށަހެޅުއްވުމާ ގުޅިގެން ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ކޮމެޓީ ބައްދަލުވުމުގެ އެޖެންޑާގައި އޮންނަ އެހެނިހެން ކަންތައްތަކުގެ ދަށުން އާއްމު ގޮތެއްގައި އެފަދަ މައްސަލަތައް ހުށަހަޅަމުން ނުދާތީ، މާދަމާ ކޮމިޓީގައި އެ މައްސަލައަށް މަޝްވަރާ ކުރުމަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ.
މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރަން އޮންނަ ގޮތަކީ ވަކިކުރަން ބޭނުންވާ ބޭފުޅެއްގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފުރަތަމަ ހުށަހަޅަން ޖެހެނީ ކޮމެޓީއަށެވެ. ދެން އެބޭފުޅެއް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިއުލާން ކުރައްވަން ކޮމިޓީން އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވަން ޖެހެއެވެ. އެއަށް ފަހު އެމީހަކު ވަކި ކުރަން ކުރަން ޖެހޭ މަސައްކަތް ކޮމިޓީއަށް ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ތަޅުމަށް ފޮނުވި ބޭފުޅާގެ ނަން މަޖިލީހުގެ ރައީސް، މަޖިލީހުގެ ޖަލްސާގައި އިއުލާން ކުރެއްވުމަށްފަހު އެބޭފުޅަކު މަގާމުން ވަކިކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މަޖިލިސް ރައީސް ކޮމިޓީއަށް އެންގުމުންނެވެ.
އޭގެ ފަހުގައި ކޮމިޓީން އެ މަސައްކަތްކޮށް އެމީހަކު މަގާމުން ވަކިކުރަން ކޮމެޓީން ފާސްކޮށް އެ މަސައްކަތް ކުރިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހެއެވެ. އެއަށްފަހު އެ ބޭފުޅަކު މެންބަރުކަމުން ވަކިކުރާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.
އޭސީސީގެ ފަން މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ބައެއް މެންބަރުން ނިންމާފައި މިވަނީ، ރާއްޖެއަށް ގެންނަން މަސައްކަތް ކުރި ވެންޓިލޭޓަރުގެ މައްސަލަ އޭސީސީން ދިރާސާކޮށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވި މައްސަލަ، ޕީޖީ އޮފީހުން އަނބުރާ އޭސީސީއަށް ފޮނުވާލާފައިވާ ވަގުތެއްގަ އެވެ. އަދި މީގެ އިތުރުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވި މައްސަލައަކާ ގުޅިގެން ވެސް މަޖިލީހުގެ ބައެއް މެންބަރުން ބަހުގެ ހޫނު ހަމަލާތައް ވަނީ އޭސީސީއަށް އަމާޒު ވެފަ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ