މިނިސްޓްރީ އޮފް ފިނޭންސުން އެކުލަވާލާފައިވާ އުސޫލުތަކާއި، ފާސްކޮށްފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލެވަންސެއް އައިލެންޑް އޭވިއޭޝަންގެ ސީނިއާ މެނޭޖްމެންޓްގެ ބޭފުޅުން ނަންގަވާފައިވާކަމަށް ފާހަގަ ކުރެވޭތީ، ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކާއި ފާސްކޮށްފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެއްވެސް އެލަވަންސެއް ނުނެގުމަށް އެކުންފުންޏަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ، އައިލެންޑް އޭވިއޭޝަންގެ މުސާރައިގެ މައްސަލަ ބެލުމަށް ފަހު، އެގޮތަށް އެންގުމަށް މަޖިލީހުން ފާސްކުރަން އެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓް ފާސްކޮށްގެންނެވެ. މި ރިޕޯޓް މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މިއަދު ފާސްކުރި ކޮމިޓީ ރިޕޯޓުގައިވަނީ، ހުސްވި 2019 ވަނަ އަހަރުގެ ޖޫން މަހު ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކާއި ފާސްކޮށްފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލެވަންސެއް އައިލެންޑް އޭވިއޭޝަންގެ ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުން ނަންގަވާފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި އެގޮތަށް އިތުރަށް ނަންގަވާފައިވާ ފައިސާއާމެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅައި، ނިންމި ގޮތެއްގެ ތަފްސީލު ކޮމިޓީއަށް ފޮނުވުމަށް އައިލެންޑް އޭވިއޭޝަނަށް އެންގުމަށް ވެސް ހުށަހަޅާފައިވެ

އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ މުސާރަ 10،000 ރުފިޔާއިން 25،000 ރުފިޔާއާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައިވެ އެވެ. އަދި މިއީ މާކެޓުގައި މުސާރަ ބޮޑުކުރާ ނިސްބަތަށްވުރެ ވަރަށް ބޮޑު އަދަދެއް ކަމަށް ވިދާޅުވި އެވެ.

ރިޕޯޓުގައި ބުނެފައިވަނީ ކުންފުނީގެ ބައެއް ޑިޕާޓްމަންޓުތަކުގެ ވެރިންގެ މުސާރަ ބޮޑުކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ކަމަށެވެ. މުސާރަ ބޮޑުކުރި ފަހުން ކުންފުންޏާއި ފިނޭންސް މިނިސްޓްރީން މަޝްވަރާކޮށް، ބައެއް މުސާރަތަކަށް ބަދަލު ގެނައުމުގެ ހުއްދަ ދީ، ބޮޑުކުރި މުސާރަ ހޯދަން ކުންފުންޏަށް އެންގި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާގެ މުސާރައަށް ބަދަލު ގެނައީ، ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށެވެ. އެގޮތުން މެނޭޖިން ޑިރެކްޓަރަކަށް ކަނޑައަޅާފައިވަނީ އަސާސީ މުސާރަ އަށް 53،000 ރުފިޔާ އާއި ފައިނޭންޝަލް ޕާފޯމަންސް އެލަވަންސާއި މެނޭޖްމަންޓް ޕާފޯމަންސް އެލަވަންސްގެ އިތުރުން ބޯޑު އެލަވަންސާއެކު ޖުމްލަ 81،950 ރުފިޔާ އެވެ.

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ އަސާސީ މުސާރަ އަށް 42،880 ރުފިޔާ އާއި ފައިނޭންޝަލް ޕާފޯމަންސް އެލަވަންސާއި މެނޭޖްމަންޓް ޕާފޯމަންސް އެލަވަންސާއި ބޯޑު އެލަވަންސާއެކު ޖުމްލަ 67،630 ރުފިޔާ ލިބިވަޑައިގަންނަވާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.