މޯލްޑިވިއަންއިން މާލެއާއި ދ. ކުޑަހުވަދޫއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަނުން މިރޭ ބުނީ، މި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި ދަތުރުތައް ކޮންމެ ދުވަހަކު ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި ދަތުރުތައް ފެށުމުގެ ގޮތުން ތައާރަފުކޮށްފައިވާ ހާއްސަ ފެއާގެ ދަށުން ޓިކެޓެއްގެ އަގު ފެށެނީ 1،111 ރުފިޔާއިންކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.

ކުޑަހުވަދޫ އެއާޕޯޓަށް ދަތުރުތައް ފެށުމާއެކު، މޯލްޑިވިއަންގެ ދަތުރުތައް ރާއްޖޭގެ 18 އެއާޕޯޓަކަށް ފުޅާވާނެކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތައް ވައިގެ މަގުން ގުޅުވާލަދީ، ރައްޔިތުންނަށް އިތުބާރު ހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.

މި ހިދުމަތުގެ ސަބަބުން ދ. އަތޮޅުގެ ރައްޔިތުން ތައުލީމީ، ސިއްހީ އަދި ވިޔަފާރީގެ އެކި ބޭނުންތަކަށް މާލެއަށް ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، އަދި އެ އަތޮޅުގެ ފަތުރުވެރިކަމަށާއި އިގުތިސޯދީ ހަރަކާތްތަކަށްވެސް މިކަމުގެ ސަބަބުން އާ ދިރުމެއް ލިބިގެންދާނެކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.

މި ދަތުރުތަކުގެ ޓިކެޓު ނެގުމުގެ ފުރުސަތު މިއަދުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕް އަދި ޓިކެޓް ވިއްކާ އެޖެންޓުން މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައިކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.