ވެންޓިލޭޓަރު ތަކުގެ މަޝްރޫއު ހިންގާފައި ވަނީ ފިނޭންސްގެ ގަވައިދުގެ ތެރޭންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުގައި ވެސް ގަބޫލު ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ މިހެން ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކޮށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު އެ މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވި، ރިޕޯޓް އެ ކޮމިޝަނަށް އަނބުރާ ފޮނުވާލުމަށްފަހު އެކަމާގުޅޭ މައުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރައްވަމުންނެވެ.

ޕީޖީ ވިދާޅުވީ، އެ ރިޕޯޓު ނިންމާލަމުން އޭސީސީން ލިޔެފައިވާ ލިއުންތަކަށް ބަލާއިރު އެ ޕްރޮޖެކްތަކީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކޮށްފައިވާ ކަމެއްކަން އެނގޭ ކަމަށެވެ. އެގޮތުން، އެ ޕްރޮޖެކްޓުގައި ބިޑް ކޮމިޓީގެ ޗެއާ ސޮއިކުރައްވާފައިވާއިރު އެ ޕްރޮޖެކްޓަށް ހުއްދަ ދީފައިވަނީ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފިނޭންސް މިނިސްޓަރަށް ލިބޭ އިހުތިޔާރުގެ ދަށުންކަން އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލިއްޔަތު ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑް ކޮށްގެން ކުރިއަށް ގެންދެވޭކަން އޭސީސީން ވެސް ގަބޫލުކުރާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެ މައްސަލައިގައި ދައުވާ އުފުލައިފިނަމަ އެއީ ގާނޫނާ ހުލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް އެ މައްސަލަައާ އިދިކޮޅު ހަދާ ފަރާތްތަކަށް ސާބިތު ކޮށްދެވޭނެ ކަމަށެވެ.

ޕީޖީ އިތުރަށް ވިދާޅުވީ، ވެންޓިލޭޓަރު ގަތުމަށް ކުންފުނިތަކާ ހަވާލުކުރުމަށް، ސޮއި ކޮށްފައިވަނީ އޭޖީ އޮފީހުގެ ލަފަ އާއި ފިނޭންސް މިނިސްޓްރީގެ ލީގަލް ސެކްޝަނުން އެއީ ރަނގަޅުކަމެއް ކަމަށް އަންގައިގެން ކަމަށެވެ. އެހެންކަމުން އެކަމަށް ވެސް ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ޝަމީމު ވިދާޅުވި އެވެ.

ނަމަވެސް އޭއީސީގެ ރިޕޯޓާ ގުޅިގެން އެ ފަރާތްތަކަށް ދައުވާނުކުރަން ނިންމައި އެ ރިޕޯޓު އަނބުރާ ފޮނުވާލާފައިވީ ނަމަަވެސް އެ މައްްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުން ފާހަގަކުރެވޭ ކަމެއްގެ މައްޗަށް ބިނާކޮށް އެ ނިިންމުން ބަދަލުކުރަން ޖެހޭނަމަ އެކަން ކުރައްވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.