ރައީސް އަބުދުﷲ ޔާމީން ޖަލަށް ލާފައިވަނީ މި ސަރުކާރުން ބޭނުންވާ ކަންކަން ނުކުރެވޭތީ ކަމަށާއި މި ސަރުކާރުގެ އިސްވެރިންނަކީ ވަރަށް ފިނޑިބައެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 ގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި މުއިއްޒު ރޭ ވިދާޅުވީ މި ސަރުކާރަކީ ވަރަށް އަނިޔާވެރި ސަރުކާރެއް ކަން ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރާ ކަމަށެވެ. ރައީސް ޔާމީނަށް ކޮށްފައިވަނީ ނުހައްގު ހުކުމެއް ކަމަށާއި އެކަން ހުރިހާ ރައްޔިތުންވެސް ގަބޫލު ކުރާ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ހުކުމް ކޮށްފައިވަނީ އުފުލި ދައުވާއަކަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް އުފުލި ދައުވާއަކީ ޝަރީއަތް ނުހިންގޭނެ މައްސަލައެއްކަން ޝަރީއަތުގެ އިބްތިދާއީ މަރުހަލާއިން ވެސް ސާބިތުވެފައިވާ ކަމަށެވެ.

ރައީސް ޔާމީން ވަނީ މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވައިނުލައި ހިމާޔަތް ކޮށްދެއްވާނެކަން ސާބިތުކޮށްދެއްވާފައިވާ ކަމަށާއި ރައީސް ޔާމީން މިނިވަންކަންމަތީ ހުންނަވައިފިނަމަ މި ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ނުކުރެވޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

"އެފަދަ ބޭފުޅެއް މިނިވަންކަން މަތީ ބަހައްޓައިފިނަމަ މި ސަރުކާރުން މި ހިންގަންއުޅޭ ލާދީނީ ލާއިންސާނީ ޖަރީމާތަކަށް ފުރުސަތެއް ނުދޭނެކަން. މި ސަރުކާރުގެ އިސްވެރިންނަކީ ވަރަށް ފިނޑިބައެއް. ފިނޑިވީމަ އެމަނިކުފާނު ގެންގޮސް ޖަލަށްލާފައި އެބަހައްޓަނީ. އެއް އަހަރުވާން މިދަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރައީސް ޔާމީން ޖަލަށް ލައިގެން ގެންގުޅެވިދާނެ ކަމަށާއި ނަމަވެސް ވަގުތު ޖެހުމުން އެކަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ކަމަށެވެ. އެކަން އެއްވެސް މީހަކަށް ނުހުއްޓުވޭނެ ކަމަށެވެ. މިނިވަންވެވަޑައިގެން ގައުމުގެ މަގަށް ހަމަ މަގަށް އަޅުއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީނާ މެދު މި ސަރުކާރުން ހިންގާ އަމަލުތަކަކީ ސިޔާސީ ގޮތުން ހިންގާ ކަންކަން ކަމަށާއި މި ސަރުކާރުން ކަންކަން ކުރަނީ އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނެވި ނަމަވެސް އެމަނިކުފާނު ގައުމުގައި މިހާރު ހިނގަމުންދާ ކަންކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ރައްޔިތުންނަށް އެކަންކަން ވިސްނައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.