ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގޮވާލައި ގޮވާލުންތަކަށް ބައިނަލްއަގުވާމީ މުޖުތަމައު ފަސްނުޖެހުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ފަލަސްތީނުގެ މިނިވަންކަން އިއުލާނުކުރި ދުވަހުގެ އަހަރީ މުނާސަބަތުގައި ރައީސް މުއިއްޒު މިއަދު ކުރެއްވި ޕޯސްޓުގައި، ފަލަސްތީނުން އަމިއްލައަށް ނިންމުންތައް ނިންމުމުގެ ހައްގު ހޯދުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބައިވަންތަކަމާއެކު ތިބޭނެކަން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

ރައީސްގެ ޕޯސްޓުގައި ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ، 1967 ވަނަ އަހަރަށްވުރެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް އަކީ އެގައުމުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި މިނިވަން، ދައުލަތެއް ގާއިމުކުރުމަށް ގޮވާލައި ގޮވާލުންތަކުގައި ދުވަހަކުވެސް ފަސްނުޖެހުމަށް އިލްތިމާސްކުރައްވައިފައެވެ.

ރައީސް މުއިއްޒު ވަނީ، ފަލަސްތީނުގެ މިނިވަންކަން އިއުލާނުކުރި ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނާއި ސަރުކާރުން އަބަދުވެސް ފަލަސްތީނުގެ އަހުންނާއި އުހުތުންނާއެކު އެއްބައިވަންތަކަމާއެކު ތިބޭނެކަން ކަށަވަރުކޮށްދެއްވައިފައެވެ.

އަދި ފަލަސްތީނުގައި ދައުލަތެއް ގާއިމުކުރުމަށާއި އަމިއްލައަށް ނިންމުންތައް ނިންމުމުގެ ހައްގު ހޯދުމަށް ކުރާ މަސައްކަތަށް ރާއްޖޭގެ އެއްބާރުލުން ދެމުންގެންދާނެކަން ފާހަގަކުރެއްވިއެވެ.

މި ތާރީހީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސް ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ބޮޑުވަޒީރު މުހައްމަދު މުސްތަފާ އާއި އެގައުމުގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވައިފައެވެ.