ޒުވާން ހުނަރަށް ފޯކަސްކޮށް، އެ ހުނަރު ކުރިއެރުވިއްޖެނަމަ ރާއްޖެއަށް ބައިނަލްއަގުވާމީ ގޮތުން ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
ދުނިޔޭ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް އިންފަންޓީނޯ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފައި ވަނީ ރަސްމީ ދަތުރުފުޅެއްގައެވެ. އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން ރާއްޖެއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެގޮތުން އެއާޕޯޓުގައި ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެއާއެކު ގައުމީ ފުޓްސަލް ޓީމާއި ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންގެ އިތުރުން އެކަޑެމީތަކުގެ ކުޅުންތެރިންވެސް ވަނީ އެއާޕޯޓަށް ގޮސްފައެވެ. މިއީ މިދިޔަ 19 އަހަރު ތެރޭގައި ރާއްޖެއަށް ފީފާ ރައީސަކު ވަޑައިގަތް ފުރަތަމަ ފަހަރެވެ.
އިންފަންޓީނޯގެ ދަތުރުފުޅުގައި މިއަދު ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވާފައިވެއެވެ.
އެ ބައްދަލުވުމުގައި ރައީސް ފާހަގަކުރައްވާފައި ވަނީ ފުޓުބޯޅައަކީ ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށާއި، ފުޓުބޯޅައިން ރާއްޖެ ބަދަހިކޮށް އޮތުމަށް އެހީވެދޭ ކަމަށެވެ. އޭގެ އިތުރުން ރައީސް ވަނީ ފުޓުބޯޅަ ތަރައްގީ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.
އޭގެ އިތުރުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި، ރާއްޖޭގެ ފުޅާދާއިރާއެއްގައި ފުޓުބޯޅަ ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް އިންފަންޓީނޯއަށް ދެންނެވިއެވެ.
އިންފަންޓީނޯ ރައީސާ ވާހަކަފުޅު ދައްކަވާ ވިދާޅުވެފައި ވަނީ އުނދަގޫ ހާލަތަކުން އަރައިގަތުމަށް ރާއްޖޭގެ ފުޓުބޯޅަ ހިންގުމަށް އައިސްފައިވާ ބަދަލު ފާހަގަކުރައްވާ ކަމަށެވެ. ހާއްސަކޮށް މިހާތަނަށް އެފްއޭއެމްއިން ކުރައްވާފައިވާ މަސައްކަތްތަަކަށް އޭނާ ތައުރީފް ކުރެއްވިއެވެ.
އެއާއެކު އިންފަންޓީނޯ ފާހަގަކޮށްފައި ވަނީ ރާއްޖެއަކީ ހަމައެކަނި ގުދުރަތީ ރިތިކަމުން ވިދާލާނެ ގައުމެއް ނޫން ކަމަށާއި، ފުޓުބޯޅައިންވެސް ވިދާލެވޭނެ ގައުމެއް ކަމަށެވެ. ހާއްސަކޮށް ޒުވާން ހުނަރަށް ފޯކަސްކޮށްގެން އެކަން ހާސިލުކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ދަތުރުގެ ތެރެއިން ރައީސްގެ އިތުރު ފުޓުބޯޅައިގެ ސްޓޭކްހޯލްޑަރުންނާވެސް ބައްދަލުކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު