ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނަ ދުވަސް ކަމަށްވާ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
އެކަން ރައީސް އޮފީހުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.
"މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީއެވެ." ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެ ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކަމަށްވެސް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން، އެދުވަހުގެ ޖަލްސާގައި އޮންނާނީ ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވެވުން އެކަންޏެވެ.
އެއީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް އިއްވަން ޖެހޭ ބަޔާނެކެވެ.
ގަވާއިދުގައިވާގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ބަޔާން އިއްވެވުމުން، އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތް ވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން (މެޖޯރިޓީ ލީޑަރ،ު ނުވަތަ މައިނޯރިޓީ ލީޑަރު) އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި، ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަން ވާނެއެވެ.
ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކުރާނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެންބަރުން ފިޔަވައި މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތް ނުވާ މެންބަރުންގެ ހިޔާލާއި ފިކުރު ހިމަނައިގެން ކަމަށާއި، މެންބަރުންގެ ހިޔާލާއި ފިކުރު ހޯދާނީ މިކަމަށް ބާއްވާ ބައްދަލުވުމެއްގައި މަޝްވަރާކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.
ރިޔާސީ ބަޔާނަށް ދޭ ޖަވާބު ތައްޔާރުވުމުން އެކަމަށްޓަކައި މަޖިލީހުގެ ޖަލްސާއެއް ބާއްްވައިދިނުމަށް، އެ ޖަވާބު ދޭ ފަރާތުން މަޖިލީހުގެ ރައީސަށް އެންގުމުން މަޖިލިސް ޖަލްސާއެއްގައި އެ ޖަވާބު ދެވޭނެގޮތް މަޖިލީހުގެ ރައީސް ހަމަޖައްސައިދޭންވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
ރިޔާސީ ބަޔާން އިއްވުމުގައ،ި ވަގުތުން ދުރަށް ފޮނުވުމަށް ހަރަކާތްތެރިވި ފަރާތްތަކުން ރިޔާސީ ބަޔާނުގެ ޖަވާބުވެސް ހަމަ އެ އުސޫލުން ވަގުތުން ދުރަށް ފޮނުވައިދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި، އެ ބަޔާނަށް ޖަވާބު ދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މިދިޔަ 2025 ވަނަ އަހަރު ބޭއްވި ޖަލްސާތަކުގައި 15 ބިލެއް ފާސްކޮށް އެ އަހަރުގެ މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިޔައީ، 3 ޑިސެމްބަރުގައެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް