މިނިސްޓްރީ އޮފް ފިނޭންސުން އެކުލަވާލާފައިވާ އުސޫލުތަކާއި، ފާސްކޮށްފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލެވެންސެއް އައިލެންޑް އޭވިއޭޝަންގެ ސީނިއާ މެނޭޖްމެންޓްގެ ބޭފުޅުން ނަންގަވާފައިވާކަމަށް ފާހަގަ ކުރެވޭތީ، ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކާއި ފާސްކޮށްފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެއްވެސް އެލަވަންސެއް ނުނެގުމަށް އެކުންފުންޏަށް އެންގުމަށް މަޖިލީހުން ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އައިލެންޑް އޭވިއޭޝަންގެ މުސާރައިގެ މައްސަލަ ބެލުމަށް ފަހު، އެގޮތަށް އެންގުމަށް މަޖިލީހުން ފާސްކުރަން ހުށަހަޅާފައިވަނީ އެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީންނެވެ.
އެމައްސަލަ ބެލުމަށް ފަހު އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓުގައި ވަނީ، ހުސްވި 2019 ވަނަ އަހަރުގެ ޖޫންމަހު ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުތަކާއި، ފާސްކޮށްފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލެވަންސެއް އައިލެންޑް އޭވިއޭޝަންގެ ސީނިއާ މެނޭޖްމެންޓްގެ ބޭފުޅުން ނަންގަވާފައިވާކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެގޮތަށް އިތުރަށް ނަންގަވާފައިވާ ފައިސާއާ މެދު އަމަލު ކުރާނެ ގޮތެއް ކަނޑައަޅައި، ނިންމި ގޮތެއްގެ ތަފްސީލް ކޮމިޓީއަށް ފޮނުވުމަށް އައިލެންޑްއޭވިއޭޝަނަށް އެންގުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ މުސާރަ 10،000 ރުފިޔާއިން 25،000 ރުފިޔާއާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައި ވެއެވެ. ރިޕޯޓިގައި ބުނެފައިވަނި މިއީ މާކެޓުގައި މުސާރަ ބޮޑުކުރާ ނިސްބަތަށްވުރެ ވަރަށް ބޮޑު އަދަދެއް ކަމަށެވެ.
ރިޕޯޓުގައި ބުނީ ކުންފުނީގެ ބައެއް ޑިޕާޓްމެންޓްތަކުގެ ވެރިންގެ މުސާރަ ބޮޑުކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ކަމަށެވެ. މުސާރަ ބޮޑުކުރި ފަހުން ކުންފުންޏާއި ފިނޭންސް މިނިސްޓްރީން މަޝްވަރާކޮށް، ބައެއް މުސާރަތަކަށް ބަދަލު ގެނައުމުގެ ހުއްދަ ދީ، ބޮޑުކުރި މުސާރަ ހޯދަން ކުންފުންޏަށް އެންގި ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާގެ މުސާރަ އަށް ބަދަލު ގެނައީ، ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށެވެ.
އެގޮތުން މެނޭޖިން ޑިރެކްޓަރަކަށް ކަނޑައަޅާފައި ވަނީ އަސާސީ މުސާރަ އަށް 53،000 އުފިޔާ އާއި ފައިނޭންޝަލް ޕާފޯމަންސް އެލަވަންސާއި މެނޭޖްމަންޓް ޕާފޯމަންސް އެލަވަންސްގެ އިތުރުން ބޯޑު އެލަވަންސާ އެކު ޖުމްލަ 81،950 ރުފިޔާ އެވެ.
ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖެނިފާގެ އަސާސީ މުސާރަ އަށް 42،880 ރުފިޔާ އާއި ފައިނޭންޝަލް ޕާފޯމަންސް އެލަވަންސާއި މެނޭޖްމަންޓް ޕާފޯމަންސް އެލަވަންސާއި ބޯޑު އެލަވަންސާ އެކު ޖުމްލަ 67،630 ރުފިޔާ ލިބިވަޑައިގަންނަވާ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް