ޓޮޓެންހަމްއިން ރޭ ވެސްޓް ހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ބޮޑު ލީޑެއް ގެއްލިގެން ދިޔައީ ޓީމު ނަފްސާނީ ގޮތުން ބަލިކަށިވުމުން ކަމަށް ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

ފަހު 10 މިނެޓާ ހަމައަށްވެސް ޓޮޓެންހަމްއިން ތިން ގޯލްގެ ލީޑެއްގައި އޮތްއިރު، އެ ދިހަ މިނެޓެއްހާއިރު ތެރޭގައި ވެސްޓް ހަމްއިން ވަނީ ތިން ގޯލް ޖަހައި މެޗު އެއްވަރު ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ޓޮޓެންހަމްގެ ގޯލްތައް ޖެހީ ހެރީ ކޭން އާއި ހިއުން މިއުން ސޮންއެވެ. ފަހު ހާފްގައި މެޗު ކޮންޓްރޯލް ކޮށްގެން ޓޮޓެންހަމް އިން ކުޅުނު ނަމަވެސް ފަހު ވަގުތު އެޓީމު އަތުން ކޮންޓްރޯލް ގެއްލި ޕްރެޝަރުވިއެވެ. ރޭގެ މެޗުގައި ޓޮޓެންހަމްގެ ޖާޒީގައި އަނެއްކާވެސް ގެރެތު ބޭލް ފެނިފައި ވެއެވެ.

"ރޭގެ މެޗުގެ ދެވަނަ ހާފްގައި ދިމާވި ކަންކަން ބަލައި، އަހަރެން ކްލަބު ތެރޭގައި އެވާހަކަ ދައްކާނަން. އެކަމަކު މިވަގުތު ބުނަން ބޭނުންވަނީ އެއީ ފުޓުބޯޅައޭ. ވެސްޓް ހަމްގެ ހިތްވަރު ފާހަގަކޮށްލަން ޖެހޭ. ތިން ގޯލުގެ ފަރަގެއްގައި އޮތް އިރުވެސް ވެސްޓް ހަމްއިން ވިސްނީ ނަތީޖާ ބަދަލުކުރަން. އެއީ އުނދގޫ ކަމެއް. އެކަން ކުރަން ދަތިވާތީ އާންމުކޮށް އެކަންކަން ނުވަނީ. އަހަރެމެންގެ ކުޅުންތެރިން ނަފްސާނީ ގޮތުން ބަލިވެގެން ދިޔަތަން ފެނުނީ. އެއީ ވަކި މީހަކު ކުޅެން ނުކުމެގެން ނޫން، ހާލަތު ތަން ނުދިނީ،" މެޗަށްފަހު މޮރީނިއޯ ބުނެފައި ވެއެވެ.

މޮރީނިއޯ ބުނީ ހަތަރު ވަނަ ގޯލެއް ޖަހަން ޓީމުން ކުރި މަސައްކަތް ކާމިޔާބު ނުވުމަކީ ކުޅުންތެރިންގެ ވިސްނުމަށް އަސަރުކުރި މައިގަނޑު ސަބަބެއް ކަމަށެވެ. ހެރީ ކޭން ފަހުން ޖެހި ބޯޅަ ގޯލްގެ ދަނޑިއަށް އަމާޒުވުމާއި، ބޭލްއަށް ލިބުނު ހުސް ފުރުސަތު ބޭކާރުވެގެން ދިޔުމަކީ އުނދަގޫތަކެއް ކުރިމަތި ވި ކަމެއް ކަމަށްވެސް މޮރީނިއޯ ފާހަގަކުރިއެވެ.

މޮރީނިއޯ ބުނީ ވަނީ ބޭލް މެޗަށް ނުކުތުމާއި ހެރީ ވިންކްސް ކުޅެން ނުކުތުމާ، އެ ކަންކަމަކީ ނަތީޖާ އެނބުރެން ދިމާވި ސަބަބުތައް ކަމަށް ގަބޫލު ނުކުރޭވެ ކަމަށެވެ.