ދޭދޭ ގައުމުތަކުންނާއި، ބައިނަލް އަގުވާމީ ޖަމްއިއްޔާ ޖަމާއަތް ތަކާއި، އެމްއެމްއޭއިން ނަގާފައިވާ ލޯނާއި ގަނެފައިވާ ބޮންޑާއި، ޓްރެޝަރީ ބިލާއި، ވިއްކާފައިވާ ޓީބިލާއި، ކުންފުނިތަކުގެ އޯވަޑްރާފްޓާއެކު ދައުލަތުން ދައްކަން ޖެހޭ ޖުމްލަ ދަރަނީގެ އަދަދު 172 ބިލިޔަނަށް އަރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅި ދައުލަތުގެ ދަރަނީގެ ރިޕޯޓުގައި ހިމެނޭ މައުލުމާތުތައް ހާމަކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ހިސާބުތަކަކީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދަރަނި ތަކަކީ ގާނޫނާ އެއްގޮތަށް ކުރިއަށް ގޮސްފައިވާ ކަންތައްތަކެއްތޯ ބެލުމަށް ކުރިއަށްގެންދިޔަ މަސައްކަތުން ލިބިފައިވާ މައުލޫމާތު ކަމަށެވެ.

އެ ރިޕޯޓުގައިވާ މައުލޫމާތުތައް ކޮމިޓީގެ މެންބަރުންނާ ހިއްސާ ކުރައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ހަތް ބާވަތެއްގެ ދަރަނި ހިމެނޭ ކަމަށެވެ.

  • ދޭދޭ ގައުމުތަކުން ނަގާފައިވާ 49 ލޯނަކުން ޖުމްލަ 13 ބިލިއަން ރުފިޔާ
  • ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ނަގާފައިވާ، 124 ލޯނަކުން 12.9 ބިލިއަން ރުފިޔާ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ، 114 ގެރެންޓީއަކުން 41 ބިލިއަން ރުފިޔާ
  • ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރި ބިލުތަކަށް 5.4 ބިލިއަން ރުފިޔާ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވާ ޑްރާފްޓުން 78 މިލިއަން ރުފިޔާ
  • އެމްއެމްއޭ އިން ނަގާފައިވާ ލޯނާއި، ބޮންޑާއި އަދި ޓްރެޒަރީ ބިލުން 7.4 ބިލިއަން ރުފިޔާ
  • ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީބިލާއި ބޮންޑުން 91.9 ބިލިއަން ރުފިޔާ

މަޖިިލިސް ރައީސް އަދި ކޮމިޓީގެ މުގައްރިރު މުހައްމަދު ނަޝީދު ވިދާޅުވީ، ދައުލަތުން ނަގާފައިވާ ލޯނުތަކަށް ބަލާއިރު، ޖުމްލަގޮތެއްގައި ދަރަނި އުފައްދާފައި ވަނީ ގާނޫނާ އެއްގޮތަށް ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ހުސްވި 2019 ވަނަ އަހަރު 10.2 ބިލިއަން ރުފިޔާ ދަރަނި ދެއްކުމަށް ހޭދަކޮށްފައިވާއިރު، މި ހިނގާ 2020 ވަނަ އަހަރުގެ ނިޔަލަށް 9.1 ބިލިއަން ރުފިޔާ ހޭދަކުރެވޭނެ ކަމަށް ބެލެވެއެވެ.

ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، މިވަގުތު ދައުލަތަށް އެންމެ ރިސްކީ ދައުލަތުގެ ނަމުގައި ނަގާފައިވާ ގެރެންޓީތައް ކަމަށެވެ.