ސްކޫލް ކުދީން

މާލޭ ސަރަހައްދުގެ ގްރޭޑް އަށެއްގެ ކިޔެވުން ފަށައިފި

މަރިޔަމް ޝަހުދާ

މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ގްރޭޑް އަށެއްގެ ކިޔެވުން ފަށައިފި އެވެ.

މިއަދު މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ގްރޭޑް އަށެއްގެ ކިޔެވުން ފަށާފައިވާއިރު، ކޮވިޑް 19 ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވަނީ މާޗު 12ގައެވެ. އޭރުން ފެށިގެން ދަރިވަރުންނަށް ކިޔަވައިދެމުން އައީ އޮންލައިންކޮށެވެ.

މިއަދު ގްރޭޑް އަށެއްގެ ކިޔެވުން ފެށިއިރު، މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ގްރޭޑް ހަތެއްގެ ކިޔެވުން ވެސް މިމަހު 25 ގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައި އެކަން އިއުލާނުކޮށްފައެވެ. ނަމަވެސް ގްރޭޑް ހަތަކުން ދަށުގެ ދަރިވަރުންގެ ކިޔެވުން މިއަހަރު ފެށޭނެ ކަމަށް ނުބެލެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލް ރަޝީދު ހޮނިހިރު ދުވަހު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ގްރޭޑް 9، 10، 11، 12ގެ ކިޔެވުން ފަށާފައިވަނީ މިމަހު ހަތަރު ވަނަ ދުވަހުއެވެ.

މާޗް މަހު ކޮވިޑާއި ގުޅިގެން ސްކޫލުތައް ބަންދު ކުރުމަށްފަހު ނިއު ނޯމަލާއެކު ޖުލައި އެކަކުން ފެށިގެން ކޮވިޑް ނެތް ރަށްރަށުގެ ސްކޫލްތަކުގެ ހުރިހާ ގުރޭޑެއްގެ ކިޔެވުން ވަނީ ފަށައިފައެވެ.

ނިއުނޯމަލްގައި މާލޭގައި ބައެއް ގެރޭޑް ތަކަށް ޖުލައި މަހު ސްކޫލު ހުޅުވުމަށްފަހު އަލުން ސްކޫލު ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފެށީ މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެންނެވެ. އެގޮތުން އޭރު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް އެވެރެޖްކޮށް އުޅުނީ 100 އަށް ވުރެ މަތީގައެވެ. ނަމަވެސް މިދިޔަ މަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު އުޅެނީ އެވްރެޖްކޮށް 100 އިން ދަށުގައެވެ.

ސްކޫލުތަކުގައި ދަރިވަރުންނަށް ކިޔަވައިދިނުން ފަށާފައި ވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާ އެކުގަ އެވެ. އެ ގޮތުން މާސްކު އެޅުމާއި އަތް ދޮވެވޭނެ ހާއްސަ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން ސްކޫލަށް ވަނުމުގެ ކުރީން ހުން ބެލުން ވަނީ ތައާރަފުކޮށްފަ އެވެ. އަދި މކުލާސްތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށް ދަރިވަރުންގެ އަދަދު ވަނީ މަދުކޮށްފަ އެވެ.