ރާއްޖެއަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން، ސްކޫލު ކުދީން ބޭނުންވާ ނަަމަ އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް ދާން ގިނަ ސްކޫލުތަކަކުން ހުއްދަދީފި އެވެ.

އާންްމުކޮށް ކޮންމެ ހަފުތާއެއްގެވެސް އާދިއްތަ ދުވަހަކީ ސްކޫތަކުގެ އޮފިޝަލް ޔުނީފޯމު ލައިގެން ދަރިވަރުން ދާން ޖެހޭ ދުވަހެވެެ. ބައެއް ސްކޫލުތަކުގެ ޔުނިފޯމުތަކަށް ގެނައި ބަދަލާއެކު ޓައީވެސް އަޅާންޖެހެއެެވެ.

ބައެއް ސްކޫލުތަކުގެ އޮފިޝަލް ޔުނިފޯމުގެ ފޮތީގެ ސަބަބުން ބައެއް ބެލެނިވެރިން ވަނީ ދަރިވަރުންނަށް، ވަކީން ހާއްސަކޮށް ހަންގަނޑުގެ މައްސަލަ ހުންނަ ކުދީންނަށް، ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށް ބުނެފައެވެ.

އެހެންކަމުން ދަރިވަރުންނަށް ކިޔެވުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން ސްކޫލުތަކުން ވަނީ އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް އައުމުގެ ހުއްދަ ދީފައެވެ.

"މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރަށް ވާތީ، މެއި މަހުގެ ނިޔަލަށް، ހަފުތާގެ ކޮންމެ ދުވަހަކުވެސް ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް އާދެވޭނެ ކަމުގައި ދެންނެވީމެވެ. އަދި މި ދުވަސްތަކުގައި ދަރިވަރުން ސްކޫލަށް އައިސް ގޮސް ހެދުމުގައި އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށާއި، އެކަށީގެންވާ ވަރަށް ފެން ބުއިމަށާއި، އެޗް.ޕީ.އޭ ގެ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ." މާލެ ސަރަހައްދުގެ ސްކޫލަކުން، ގްރޭޑް ބެލެނިވެރިންގެ ވައިބާ ގްރޫޕެއްގައި ހިއްސާ ކޮށްފައިވާ މެސެޖުގައި ވެއެވެ.

އޭގެ އިތުރުން ސްކޫލުތަކުން ވަނީ، ދަރިވަރުން ބޭރުތެރޭ އުޅޭ އުޅުމުގައި އަވިން ރައްކާތެރިވުމަށް އިތުރަށް ސަމާލުވުމަށާއި ގިނަގިނައިން ދިޔާތަކެއްޗާއި ކުދީންގެ ހަށިގަނޑު ޑީހައިޑްރޭޓްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ބެލެނިވެރިންނަށް ނަސޭހަތްތެރިވެފައެވެ.

މެޓް އޮފީހުން ބުނެފައިވާގޮތުން، މި މަހާއި އަންނަ މަހު ރާއްޖޭގެ އެކިކަންކޮޅުތަކަށް އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދަމުންގޮސް ބައެއް ހިސާބުތަކަށް 37 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައިވެއެެވެ.

މެޓް އޮފީހުގެ ރިކޯޑުތަކުން ދައްކާ ގޮތުގައި މިއަދު ހެނދުނު 11 ޖެހިިއިރު:

  • ހަނިމާދޫގެ ހޫނުމިން ހުރީ 31 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 37.4 ޑިގްރީ ސެލްސިއަސްގައި
  • ހުޅުލެއަށް ހޫނުމިން ހުރީ 31.6 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.3 ޑިގްރީ ސެލްސިއަސްގައި
  • ކައްދޫއަށް ހޫނުމިން ހުރީ 31.8 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 36.1 ޑިގްރީ ސެލްސިއަސްގައި
  • ކާޑެއްދޫއަށް ހޫނުމިން ހުރީ 31.4 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 35.6 ޑިގްރީ ސެލްސިއަސްގައި
  • ގަމަށް ހޫނުމިން ހުރީ 31.4 ޑިގްރީ ސެލްސިއަސްގައި، އިހުސާސްކުރެވޭ ހޫނުމިން ހުރީ 34.5 ޑިގްރީ ސެލްސިއަސްގައި

ރާއްޖޭގެ އާންމު ހޫނުމިން މިދުވަސްވަރު ހުންނަނީ އެވްރެޖުކޮށް 32 ޑިގްރީ ސެލްސިއަސްގަ އެވެ. ނަމަވެސް، ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް އިހުސާސް ކުރެވޭ ހޫނުމިން ހުންނާނީ އެވްރެޖުކޮށް 32 އާއި 45 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ކަމަށް މެޓުން ބުނެއެވެ. އެއީ ސިއްހީ ގޮތުން "ސަމާލުވާން ޖެހޭ" މިންވަރެކެވެ.

ގަދަ ހޫނު ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:

  • ހެނދުނު 10 އިން ފެށިގެން ހަވީރު 4 ޖަހަންދެން، އަވީގައި އުޅޭމިންވަރު މަދުކުރުން
  • ކުޑައަޅައިގެން ބޭރަށް ނުކުތުން
  • ކުލަމަޑު، ހަށިގަނޑު ނިވާވާ ފަދަ ދޫ ހެދުންލުން
  • ބޭރަށް ނުކުންނައިރު ބޮޑަށް ހިޔާވާކަހަލަ ފުޅާ ތޮފި ބޭނުންކުރުން
  • ގިނަވަގުތު އަވީގައި ހޭދަކުރާ ނަމަ، SPF-15އަށް ވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުން ކުރުން
  • ގިނައިން ފެންބުއިން
  • ހަކުރު އަދި ކެފެއިން ހިމެނޭ ބުއިންތައް މަދުކުރުން
  • ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނު ބޭނުންކުރުން