ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ބާއްވާ އިންޓަ ސްކޫލް ކުޅިވަރު މުބާރާތްތައް ކުރިއަށްގެންދާ ގޮތާ މެދު ހިޔާލުތަފާތުވުންތަކަކަށް ހިނގައްޖެއެވެ. އެކަމުގެ މަންޒަރުތައް ފެންނަމުންދާތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓްރީއާއި ކުޅިވަރު އެސޯސިއޭޝަންތަކުން އެކަމުގައި ތިބީ އެއް ސަފެއްގައި ނޫންކަން ސާފެވެ.

ހަގީގަތުގައި މިއީ ހައްސާސް މައްސަލައެކެވެ. ސްކޫލް ކުޅިވަރުތަކަކީ ކުދީންގެ ސިކުނޑިއަށް އޭގެ އަސަރު އިންތިހާއަށް ކުރާ ކަމެކެވެ. ކުޅިވަރަކީ އަހުލާގައި ސުލޫކުގެ މުހިއްމު ބަޔަކަށް ވާތީއެވެ. ޅަފަތަކީ ކުޅިވަރުގެ ބިންގަލަށް ވާން ޖެހޭ ކަމަށް އެތައް ދިރާސާއަކުން ދައްކާތީއެވެ.

ސުވާލު އުފެދިފައި އޮތީ އެކަން ކުރާނެ ގޮތެކެވެ. ޓީޗަރުންގެ ޝަކުވާ އޮތީ އެކަމަށް ހޭދަވާ ވަގުތު ގިނަކަމުންނެވެ. އެސޯސިއޭޝަންތަކުން އެކަން ކުރާން ޓީޗަރުން ބޭނުންކުރާ ކަމަށް ބުނެއެވެ. ދެން އޮތީ އަނެއްކޮޅެވެ. ސްކޫލް ކުޅިވަރުތައް މަޑުޖައްސާލައިގެން ވާނޭ ގެއްލުންތަކާއި، އެކަމުގެ އަސަރެވެ. ޓީޗަރުންނާ ނުލައި އެކަން ކުރެވޭނެ ނިޒާމަކަށް ސްކޫލް ކުޅިވަރު ބައްޓަން ކުރެވޭނެތޯ ކުރެވޭ ސުވާލެވެ. އެއީ ހައްލުކަމަށް ވެދާނެއެވެ. އެ ހައްލު ހޯދޭނެ ގޮތެއް އަދި ސާފެއް ނޫނެވެ.

ސްކޫލް ކުޅިވަރުގެ ހައްލަކަށް ކުރެވޭ މަޝްވަރާތައް އޮތީ ދިގުލައިގެން ގޮސްފައި

12 އޮކްޓޫބަރ 2025، މާލެ، އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފައިނަލް ހީޓްތަކުގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ރާއްޖޭގެ ސްކޫލް ކުޅިވަރުތައް ވަކި ނިޒާމަކަށް ފެއްތުމަކީ ކުޅިވަރު ގާނޫނު އިސްލާހުކުރި އިރު، އެ ގާނޫނުންވެސް ލާޒިމު ކުރާ ކަމެކެވެ. ދިވެހި ރާއްޖޭގެ ކުޅިވަރު ގާނޫނު 30/2015 އަށް ދާދިފަހުން ވަނީ ބޮޑެތި އިސްލާތުތަކެއް ގެނެސްފައެވެ. ކުޅިވަރުގެ އޮނިގަނޑު ލާމެހިފައިވާ ނިޒާމަކުން ކުރިއެރުވުމުގެ މަގުސަދުގައި، ކުޅިވަރުގެ އޮނިގަނޑު ހަރުދަނާކުރުމަށް ރާއްޖޭގެ ގައުމީ ކުޅިވަރު އޮނިގަނޑުގެ ނަމުގައި މާއްދާއެއް ކުޅިވަރު ގާނޫނަށް އިތުރުކުރުމަށް ކުޅިވަރު ގާނޫނަށް ގެނައި އިސްލާހުގައިވެއެވެ. ސްކޫލް ސްޕޯޓްސް އޮތޯރިޓީއާއި ރީޖަނަލް ސްޕޯޓްސް އޮތޯރިޓީތައްވެސް އުފައްދަން ހިމަނާފައިވެއެވެ. ސްކޫލްގެ މުބާރާތްތައް ރަނގަޅަށް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ސްކޫލު ކަލަންޑަރަށް ފުށު ނާރާ ގޮތަކަށް ކަންކަން ރާވަން ގަސްދުކުރާ ކަމަށް އެފަހަރު ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެފައި ވެއެވެ.

ކޮންމެއަކަސް އެ ގާނޫނީ އިސްލާހާއެކުވެސް ސްކޫލް ކުޅިވަރަށް ހައްލު ހޯދުން އޮތީ ދުރުގައެވެ. އިތުބާރު ފަރާތަކުން "ވަން ސްޕޯޓްސް"އަށް މައުލޫމާތު ދީފައިވާ ގޮތުގައި ކުޅިވަރު ކައުންސިލާއެކު ކުޅިވަރު އެސޯސިއޭޝަންތަކުގެ ހާއްސަ ފަރާތްތަކެއް ހިމެނޭހެން އެޑިއުކޭޝަން މިނިސްޓްރީއާއެކު ހާއްސަ ކޮމިޓީއެއް އެކަމުގައި އެކުލަވާލާފައިވެއެވެ. މިދިޔަ އަހަރު ޑިސެމްބަރުން ފެށިގެން މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމުގައި މިނިސްޓްރީއާއި ކުޅިވަރު އެސޯސިއޭޝަންތަކަށް އެއްބަސްވުމަކަށްވެސް އާދެވުނެވެ. އެއީ މިދިޔަ ރޯދަމަސް ތެރޭގައެވެ. އެފަހަރު އެއްބަސްވުމަކަށް އައިސްފައި ވަނީ:

  • 12 އަހަރުން ދަށުގެ ކުދީންނަށް ފެސްޓިވަލެއްގެ ގޮތުގައި ކުޅިވަރުތައް ބާއްވަން އެކަޑެމީތައް ބޭނުންކޮށްގެން ކުރިއަށް ދިއުމަށް
  • 12 އަހަރުން މަތީގެ ކުދީންނަށް އެސޯސިއޭޝަންތަކުން އުމުރުފުރާ ކަނޑައަޅައިގެން ވާދަވެރިކޮށް އިންޓަ ސްކޫލް މުބާރާތްތައް ބާއްވަން، އަދި އެ މުބާރާތްތައް އިންޓަ ސްކޫލްގެ ނަން ބޭނުން ނުކޮށް، ރާއްޖެ ޖޫނިއާސް ޗެމްޕިއަންޝިޕްގެ ނަމުގައި ބާއްވަން

އެއީ ކުރީން އެތައް ވާހަކައެއް ދެކެވިގެން ވެވިފައިވާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެ ޖޫނިއާސްގެ މުބާރާތެއް މިހާރުވެސް ކުރިޔަށް އެބަދެއެވެ.

ދިގުލައިގެން ދިޔަ މަޝްވަރާތަކުގައި ސްކޫލް ކުޅިވަރަށް އެސޯސިއޭޝަންތަކުން ތިން އޮޕްޝަނެއް ދިން ކަމަށްވެސް "ވަން ސްޕޯޓްސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭގެ ތެރެއިން އެއް ގޮތަކީ ޓީޗަރުންގެ ބަދަލުގައި ޕީޓީއޭއާއި ސްކޫލްގެ އިސް ދަރިވަރުން ކަންކަން ރާވައި ހިންގައިގެން ކުޅިވަރު ކުޅުވުމެވެ. އެކަމުގައި ބެލެނިވެރިންގެ ފަރާތުން އަތުވެދާނެ ނޭދެވޭ އަސަރަކީ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ކަންބޮޑުވުމެއް ކަމަށް ފާހަގަވި ކަމަށްވެސް އިތުބާރު މަސްދަރަކުން މައުލޫމާތު ދީފައިވެއެވެ.

16 ސެޕްޓެންބަރު 2022: ހުޅުމާލެ، ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން މިއަދު ފެށި މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގައި ބައިވެރިއެއް: މި މުބާރާތުގައި 32 ސްކޫލަކުން 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވޭ --- ވަން ފޮޓޯ: ހުމާމް އަހުމަދު

އޭގެ އިތުރުން ދެން އޮތީ އެސޯސިއޭޝަނުން ރާވައިގެން، އުމުރު ކަނޑައަޅައިގެން އެ ސްކޫލަކަށް ބޭނުންވާ ފަންނީ އެހީ ކޯޗުންގެ ފަރާތުން ހޯދައިގެން ކުޅިވަރު ކުޅުވުމާއި، ގޭމްސްއެއްގެ ސްޓައިލަށް، ވަކި ދުވަސްވަރަކަށް ދެމިގެންދާނެހެން ކުޅިވަރުގެ ބޮޑު އީދެއް ބޭއްވުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެއީ 15 ވަރަކަށް ދުވަހަށް ދެމިގެންދާނެހެންނެވެ.

އެސޯސިއޭޝަންތަކުގެ އެ ހުށަހެޅުންތަކަކީ ކުޅިވަރު ކުޅުވުމުގެ މުހިއްމުކަމާއެކު ފާހަގަކުރި ކަންކަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮންމެއަކަސް އެއްބަސްވުމަކަށް އައިސްފައިވަނިކޮށް، އެޑިއުކޭޝަނުން މިއަހަރުތެރޭ ބަދަލެއް ގެންނާން ސާކިއުލާއެއް ފޮނުވާފައިވެއެވެ. އެއީ އިންޓަ ސްކޫލް ލެވެލްގައި، 14 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާނީ ގްރޭޑް 7 އިން ފެށިގެން މަތީގެ ދަރިވަރުން އެކަނި ކަމަށް ބުނެއެވެ. އިންޓަ ސްކޫލްގެ މުބާރާތްތައް ބޭއްވުމުގެ ފުރުސަތު އެސޯސިއޭޝަންތަކަށް ގެއްލުނު ކަމަށް އެސޯސިއޭޝަންތަކުން ފާހަގަކޮށްފައިވެއެވެ.

ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުން މި އަހަރުގެ ކަލަންޑަރު އެކުލަވާލީ އިންޓަ ސްކޫލް ލެވެލްގެ ގިނަ މުބާރާތްތަކެއް ހިމަނައިގެންނެވެ. އެހެން ނަމަވެސް އެކަމަށް ހުރަސް އެޅި، އެއީ ކަންބޮޑުވުމަކަށް ވިއެވެ. އެސޯސިއޭޝަންތަކުން ބުނީ ކުޅިވަރު ކުޅުމުގެ ހައްގު ގެއްލުވާލައިގެން ނުވާނެ ކަމަށާއި، ކުދީން އެކަމުގައި ޝާމިލުވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ދާދި ފަހުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓަ ސްކޫލް ކުޅިވަރު މުބާރާތްތަކުގައި ގްރޭޑް 7 އިން ދަށުގެ ކުދީންނަށް ނުކުޅެވޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އުސޫލުތަކާ މެދު މަޝްވަރާކުރާނެ ކަމަށެވެ. މިނިސްޓަރު އެހެން ވިދާޅުވި ފަހުން، އެޑިއުކޭޝަން މިނިސްޓްރީ އާއި ކުޅިވަރު އެސޯސިއޭޝަންތަކުން މި ކަމަށް އެކުލަވާލާފައިވާ ކޮމިޓީން ބައްދަލުކުރިއެވެ.

އެހެންނަމަވެސް އެ ބައްދަލުވުމުގެ މައުލޫމާތު އަދި ސާފެއް ނުވެއެވެ. އެ ކަންކަމުގެ ތެރެއިން ދެން ފެނިގެން ދިޔައީ ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ފާޑު ކީ މަންޒަރެވެ. އެއީ ޓީޗަރުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ފާހަގަކޮށްފައެވެ.

ޓޭމްގެ ފާޑުކިޔުން އެސޯސިއޭޝަންތަކަށް، "ޓީޗަރުން ގުރުބާންކޮށްގެން ކުޅިވަރު ހިންގާ"

މޭޑޭގެ މުޒާހަރާގައި ޓޭމްއިން ބޭނުންކުރި ޕޯސްޓަރެއް ---

ކުޅިވަރުގެ ހަރަކާތްތަކުގެ މަޝްވަރާތަކުގައި އެޑިއުކޭޝަން މިނިސްޓްރީން ކުދީންގެ ނަތީޖާތަކުގެ ތަފްސީލަށް ބަލައި، ކުޅިވަރު ގިނަވުމުން އެކަމުގެ އަސަރު ފެންނަކަން ހާމަކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެކަން އެހެން ދިމާވަނީ ޓީޗަރުންނަށް މާ ބުރަ ބޮޑުވުމުން، ކުދީންގެ ނަތީޖާއަށް ވިސްނާން ވަގުތު މަދުވުމުން ކަންވެސް ފާހަގަކުރި ކަމަށް ވެއެވެ. އެކަން އެހެން ވާން ޖެހެނީ އެތައް ކުޅިވަރު ހަރަކާތްތަކެއްގައި ޓީޗަރުން ޝާމިލުވާން ޖެހުމުން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މި ކަމުގައި ރަސްމީކޮށް އެސޯސިއޭޝަންތަކަށް އެންމެ ބޮޑަށް ފާޑު ކިޔާފައިވަނީ ޓޭމްއިންނެވެ.

މިމަހު 19 ވަނަ ދުވަހު ޓޭމްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކުޅިވަރު އެސޯސިއޭޝަންތަކާއި މިނިސްޓްރީތަކުން ރާވައި ހިންގާ ކުޅިވަރު ހަރަކާތްތަކަކީ މުދައްރިސުންގެ ވަގުތާއި އެހީތެރިކަން ނުހަނު ބޮޑަށް ބޭނުންކުރާ ކަމަކަށްވާތީ، އިންޓަ ސްކޫލް ހަރަކާތްތަކާ ގުޅޭ ކަންކަމުގައި މަޝްވަރާކުރުމުގައި، "ޓޭމް" ގެ ބައިވެރިވުން އޮންނާން ޖެހޭ ކަމަށެވެ.

އޭގެ ފަހުން، މަސައްކަތްތެރީންގެ ދުވަސް ފާހަގަކުރުމަށް މިދިޔަ ހުކުރު ދުވަހު، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ބޭއްވި އިވެންޓުގެ ތެރެއިން، ޓީޗާސް އެސޯސިއޭޝަނުން ތައްޔާރުކޮށްފައިވާ ބެނާއެއްގައި ލިޔެފައިވަނީ، "ކުޅިވަރު އެކަޑަމީތައް ހިންގާ ބައެއްގެ ގޮތުގައި ޓީޗަރުން ބޭނުންނުކުރޭ!" މިހެނެވެ.

5 އޮކްޓޫބަރު 2022، މާލެ، ޖަމާލުއްދީން ސްކޫލްގައި ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ވަން ފޮޓޯ: ހުމާމް އަހުމަދު

ޓޭމްއިން ދެ ދުވަސް ކުރީން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، "ރުހުނަސް ނުރުހުނަސް ހަގީގަތަކީ ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގައި ގުރުބާން ކުރަނީ ޓީޗަރުންކަން" މިހެނެވެ. އޭގެ ދަށުން ހަތް ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެއީ ކުދީން ގޮވައިގެން އެތަނުގައި ތިބެނީ ޓީޗަރުން ކަމަށާއި ދަނޑަށް ދަނީ ޓީޗަރުން ކަމަށާއި ޕްރެކްޓިސްގައި ޑިއުޓީ އަދާކުރަނީ ޓީޗަރުން ކަމަށާއި މުބާރާތްތަކަށް ތައްޔާރުވާން އެތައް މަހެއް ނަގާ ކަމަށާއި މި ހުރިހާ ކަމެއްވެސް ކުރަނީ ޓީޗަރުން ކަމަށެވެ. އަދި ޓޭމްއިން ދެން ބުނެފައިވަނީ، މިކަންކަމަށް ޓީޗަރުން ވަގުތު ހޭދަކުރުމަށް ވުރެ، އުނގަންނައިދިނުމުގެ ކަންކަން ޓީޗަރުން ލައްވައި ކުރުވަން ވަގުުތު ދެވިއްޖެނަމަ، ދަރިވަރުންނަށާއި ގައުމަށް ލިބޭ މަންފާ ބޮޑުވާނެ ކަމަށެވެ. "އެހެންވީމަ، އިންޓަ ސްކޫލް މުބާރާތްތައް ސްކޫލުގެ ހަތަރުފާރުން ބޭރަށް މިހިނދުން މިހިނދަށް ނެރުމަށް ގޮވާލަން،" ޓޭމްގެ އެ ޕޯސްޓުގައި ލިޔެފައިވެއެވެ.

އެހިސާބުން ހައްލު ހޯދުމަށް އިތުރު ހަރުފަތެއް ގިރާ ކުރަން ޖެހުނީ ކަމަށް ކުޅިވަރުގެ އިސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އެއީ ހަގީގަތް އޮޅޭނެ ޕޯސްޓެއް ކަމަށްވެސް އިސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ޝަކުވާތަކަށް ކުޅިވަރު އެސޯސިއޭޝަންތަކުން ދެބަސް؟

ޓޭމްގެ އެ ފާޑުކިޔުމަށް ކުޅިވަރުގެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައިވެސް ރައްދު ދީފައެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ނައިބު ރައީސް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު މުންތަގިމް (މުންތޭ)، ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވަނީ އަސްލު މައްސަލަޔަކީ ކޮބައިތޯ ޓޭމްގެ ކިބައިން ސުވާލުކުރައްވައިފައެވެ.

މުންތަގިން ފާހަގަކުރެއްވީ އެއްވެސް ކުޅިވަރު އެކަޑެމީއެއް ޓީޗަރުން ލައްވައި ނުހިންގުވާ ކަމަށާއި، އަސްލު މައްސަލަ ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"ކުޅިވަރު ޓީމުތަކާއެކު ޓީޗަރުން، ލަވަ މުބާރާތަށް ކުދީން ތައްޔާރުކުރަން ޓީޗަރުން، ނަށަން ދަސްކޮށްދޭން ޓީޗަރުން، ސްކޫލް ކްލާސް ރޫމްގައި ކުލަލާން ޓީޗަރުން، އެކި އެކި މުނާސަބާތަކަށް ސްކޫލް ޒީނަތްތެރި ކުރަން ޓީޗަރުން، ނައިޓް މާކެޓް ބާއްވަން ޓީޗަރުން، މިނޫން އިތުރު ހަރަކާތްތައްވެސް ހިންގަން ޓީޗަރުން، މިފަދަކަންކަން ޓީޗަރުން ބޭނުން ނުކޮށް ކުރާން ނޭނގުނީމަ ހުރިހާ ރޯޅިއެެއް ކުޅިވަރަށް؟" މުންތަގިމް ލިޔުއްވާފައިވެއެވެ.

އޭގެ އިތުރުން އިސް ބައެއް ފަރާތްތަކުން ޝުއޫރު ފާޅުކޮށްފައި ވަނީ ކުޅިވަރަށްވެސް އެހެން ދިމާވަނީ ޓީޗަރުން ނެތި، ސްކޫލް ކުދީންނަށް އެއްވެސް ކަމެއް ނުކުރެވޭނެ ގޮތަށް އޮންނަ އެޑިއުކޭޝަނުގެ ޕޮލިސީތައް ކަމަށެވެ.

ސްކޫލް ކުޅިވަރަކީ ގައުމުތަކުގެ ކުޅިވަރު ފައުންޑޭޝަން

ސްކޫލް ކުޅިވަރަކީ ކުޅިވަރުގައި ކާމިޔާބު އެތުލީޓުން އުފެއްދުމުގައި ދުނިޔޭގެ ބޮޑެތި އެތައް ގައުމެއްގައި ބޭނުންކުރާ ހަތިޔާރެކެވެ. ކާމިޔާބު މޮޑެލެކެވެ. ކައިރިން ބަލާއިރު މި ސަރަހައްދުގައި އެންމެ ބޮޑަށް ބަރޯސާވެފައި އޮންނަނީ ޑިސްޓްރިކް މުބާރާތްތަކަށެވެ. ޑިސްޓްރިކްގެ އެކި ސްކޫލްތަކުގައި ކުޅެވޭ މުބާރާތްތަކުން ރީޖަނަލް މުބާރާތްތަކަށް ގޮސް، އެ ސިސްޓަމަށް ގިނަ ގައުމުތަކެއް ބައްޓަން ކޮށްފައިވެއެވެ.

ޖަޕާނު ފަދަ ގައުމުތަކުގައި ސްކޫލްތަކުގައި ކޯޗުންގެ ހަރަކާތްތެރިވުން އިތުރުކޮށް، ވާދަވެރި ސްކޫލް މުބާރާތްތަކެއް ކުރިއަށް ގެންދަނީ ޓީޗަރުންނާ މާބޮޑު ޒިންމާއެއް ހަވާލު ނުކޮށެވެ. ސްކޫލް ސްޕޯޓްސް އޮތޯރިޓީތަކުން މުބާރާތްތައް އިންތިޒާމުކުރަނީ ކުޅިވަރު ފެޑަރޭޝަންތަކާއެކުގައެވެ. ކުޅުންތެރިން ތަމްރީނުވަނީ ކޯޗުންގެ ބެލުމުގެ ދަށުންނެވެ. ކޯޗުންގެ އަތް މައްޗަށް ކުދީން ދޫކޮށްލުމަކީ މައްސަލައެއް ނޫންކަން ފާހަގަވެއެވެ.

އެެއާއެކު އިނގިރޭސިވިލާތާއި އެމެރިކާގައިވެސް މައިގަނޑު ގޮތެއްގައި އެކަޑެމީތަކުގެ ބޭނުންކޮށް، ކުުދީންނަށް ތަމްރީނު ދިނުމުގައި އެ މެތަޑްތައް ބޭނުން ކުރާކަން ފާހަގަކުރެވެއެވެ. އެއާއި ހިލާފަށް ބައެއް ގައުމުތަކުގައި ސްކޫލް ކުދީންގެ މެދުގައި ކުޅެވޭ މުބާރާތްތަކުގެ ބަދަލުގައި ފެޑަރޭޝަނުން ބާއްވާ ރީޖަނަލް މުބާރާތްތަކުގައި ކުދީން ލައްވައި ވާދަކުރުވައެވެ. އެއީ ސްކޫލްގެ ނަމުގައެއް ނޫނެވެ. އެކަޑެމީތަކާއި ކްލަބުތަކުގެ ނަމުގައެވެ. އެއީ ކްލަބުތައް ވަރުގަދަ ގައުމުތަކުގައި ހިންގަމުންދާ އުސޫލެކެވެ.

12 އޮކްޓޫބަރ 2025، މާލެ، އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފައިނަލް ހީޓްތަކުގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ކޮންމެ ގޮތަކަސް ބެލިޔަސް ސްކޫލް އުމުރުފުރާގެ ކުދީންނަށް ކުޅިވަރަކީ މުހިއްމުކަމެއްކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. ޓީޗަރުންގެ ހުރިހާ ވަގުތެއް އެކަމަށް ހުސްކޮށްލުމަކީ އެމީހުންގެ ދިރިއުޅުމުގައި ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، ސްކޫލް ކުޅިވަރު ހުއްޓާލުމުގެ އަމާޒަށް ވިސްނުން ގެންގުޅުމަކީވެސް ހައްލެއް ނޫންކަން ސާފުވެއެވެ. ޓީޗަރުންނާ ނުބައްސައި ސްކޫލް ކުޅިވަރު ކުޅެވޭނެ އެކަށީގެންވާ ނިޒާމަކަށް ގޮސްގެންވެސް ސްކޫލް ކުޅިވަރު ކުޅެވެން ޖެހެއެވެ. އެއީ އެތައް ކުދީންނެއްގެ މުސްތަގުބަލާ ގުޅިފައިވާ މުހިއްމު ހަރަކާތްތަކަކެވެ. ކުޅިވަރަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. އެއީ ބައެއް އެތުލީޓުންގެ ދިރިއުޅެމެވެ. އެއީ ޕްރޮފެޝަނަލްވުމަށް އޮތް މަގެކެވެ. ސިކުނޑިއާއި ޖިސްމާނީ ތަރައްގީގެ އެންމެ މުހިންމު އެއް މަރުހަލާއެވެ. މިޒަމާނުގެ އެތައް ހޯދުންތަކަކުން ސާބިވާ ގޮތުގައި، ކުދީންގެ ކިޔެވުމާއި ހުނަރާއި ލީޑަރޝިޕަށްވެސް ކުޅިވަރުން މުހިންމު ދައުރެއް އަދާކޮށްދެއެވެ. އެހެންކަމުން ޓީޗަރުންގެ ޝަކުވާއާއި ދަރިވަރުންގެ ކުޅިވަރާ ދެމެދު އުފެދިފައިވާ މި މައްސަލައަށް އަވަސް ހައްލެއް ހޯދަން ޖެހެއެވެ.