ތާނައާއި އަރަބި މާއްދާއަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި މަޖުބޫރު މާއްދާއެއް ކަމަށް ކަނޑައަޅައިފި އެވެ.
އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ މިއަދު ފެށި ދިރާސީ އަހަރުގެ ކިޔެވުމާއެކު، ގްރޭޑު އެކަކުން ގްރޭޑް އަށެއްގެ ދަރިވަރުންނަށް، އަރަބި، ތާނަ ލިޔާ ޓީޗަރުން ތިބެގެން ލިޔަން ދަސްކޮށްދިނުމާއި، ޓެސްޓް ދިނުން ކުރިއަށްދާނެ ކަމަށެވެ.
އޭގެ ބޭނުމަކީ އަރަބި އަދި ތާނައިން ރަނގަޅަށް ލިޔަން ދަރިވަރުންނަށް ދަސްކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދުން ފެށިގެން އޮންނާނީ ހަމަޖައްސާފަ، މަޖުބޫރު މާނައަކީ ހުރިހާކުދިންވެސް ކިޔަވާނޭ. ރިޕޯޓު ފޮތަށްވެސް އަރާނެޔޭ. މާކްސް އަރާގޮތަށް ކުރީގައިވެސް 5،6،7،8 އަށް ކިޔަވައިދިނިން، މީގެ ދެ ތިން އަހަރުކުރިން. އެކަމަކު މިހާރު ގްރޭޑް އެކަކުން ފެށިގެން ހުރިހާ ކްލާހެއްގައިވެސް އަރަބި ތާނަ ލިޔުން ކިޔަވައިދޭނެ." ރަޝީދު ވިދާޅުވިއެވެ.
އަރަބި ކިޔަވާކުދިން އެ މާއްދާ ކިޔަވާނީ ވަކި މާއްދާއެއްގެ ގޮތުގައިކަމަށް ރަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރީތި ލިޔުން ނެތިގެންދާތީ މުސްތަގުބަލުގައި ދިވެހި، ދިވެހި ބަހުން ރީއްޗަށް ލިޔާ ކުދީންތަކެއް އުފެއްދުމުގެ ބޭނުގައި މިކަން މި ކުރަނީ. ހާއްސަކޮށް އެސްއެސްސީ އިމްތިހާނުގައި ތާނަ މާއްދާތަކުގައި ރަނގަޅު ނަތީޖާ ހަގީގަތުގައި ލިބޭނީވެސް އެ ލިޔެފައި ހުންނަ އެއްޗެއް ރަނގަޅަށް ކިޔަން އެނގިގެން" ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ދަރިވަރުންގެ ތާނަ ލިޔުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން، ޓެސްޓު ކަރުދާސްތައް މާކު ކުރާއިރު ލިޔެފައި ހުންނަ ބަސްތައް ނުވަތަ އަކުރުތަކުގެ ސަބަބުން މާކްސް ދިނުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
"މިސާލަކަށް، ފ، ދ، ލ، ޅ އަޅާފައި ހުންނަނީ ކިހިނެެއްކަމެއް ގިނަފަހަރަށް ކުދީންނަކަށް ނޭނގޭ، ޖަވާބު ރީއްޗަށް ލިޔަން އެނގޭކަމަށް ވަންޏާ ވަރަށް ރީތި، ލޮލަށް ފަސޭހަ، ކިޔާލަން ފަސޭހަ ލިޔުންތަކެއް ފެނިގެންދާނެ." ރަޝީދު ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
އަހުމަދިއްޔާ ސްކޫލް
އަހުމަދިއްޔާ ސްކޫލް
އަހުމަދިއްޔާ ސްކޫލް
އަހުމަދިއްޔާ ސްކޫލް