ރާއްޖޭގައި ހުރި މީހެއްގެ ކާޑު ބޭރު ގައުމެއްގައި ބޭނުން ނުކުރެވޭ ގޮތް ހަދައި، ބޭރު ގައުމުުތަކުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަ ކާޑެއް ދޭން ބީއެމްއެލުން ނިންމައިފިއެވެ.

ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބީއެމްއެލުން ގެންގުޅޭ ނިޒާމުތައް ހަރުދަނާކުރުމަށް، ހަމަހަމަކަމާއެކު އެ ބޭންކުން އަޅަމުންގެންދާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތުދިނުމަށް މިއަދު ބީއެމްއެލް ހެޑް އޮފީހުގައި ވަނީ ނޫސްވެރިންނަށް އެ ބަދަލުތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

އެ ބައްދަލުވުުމުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި ހުރި މީހެއްގެ ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހަދައި ކިޔަވާ ކުދިންނަށް ހާއްސަ ކާޑެއް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ފިޔަވަޅުތައް އަޅަން ނިންމަވާފައިވަނީ އެ ބޭންކުން ޑޮލަރު ގަންނަން ލިބޭވަރަށްވުރެ ޑޮލަރު ވިއްކޭ އަދަދު އިތުރުވެފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ހަމަހަމަކޮށް ހުރިހާ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ބީއެމްއެލްގެ ފިޔަވަޅުތައް ހަރުދަނާކުރުން މުހިންމު ކަމަށެވެ.

އެގޮތުން، ރާއްޖޭގައި ހުންނަ މީހެއްގެ ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ވިޔަފާރި ކުރުމާއި ފައިސާ ނެގުން ފަދަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް ރާއްޖޭގައި ހުންނަ މީހެއްގެ ކާޑު ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭގޮތް ހެދުމަށް ބީއެމްއެލުން ނިންމާފައިވާ ކަމަށެވެ.

"އެހެން ބަޔަކަށް ކާޑު ގެންގޮސްގެނެއް، އެހެންމިހެން ހެދުމަށް ބޭނުމެއް ނުކުރެވޭނެ. މިހެންކަމުން ރާއްޖޭގައި ތިއްބަވާ ކަސްޓަމަރުންގެ ކާޑު ވެރިފަރާތާ ނުލައި، ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުންނުކުރެވޭގޮތަށް ހަމަޖެހިގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ކާޑެއް ނެތް ދަރިވަރުންނަށް، އެ ކުދިންގެ ބެލެނިވެރިޔާ ރާއްޖޭގައި ހުރި ނަމަވެސް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ބީއެމްްއެލުން ހަމަޖައްސައިދޭނެ ކަމަށެވެ. އެފަދަ ދަރިވަރުންނަށް ހާއްސަކޮށްގެން ވަކި ލިމިޓެއް ކަނޑައެޅިފައިވާ ކާޑެއް ތައާރަފުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ހާއްސަަކޮށް 18 އަހަރު ނުފުރޭ ކުދިން އެކުދިންގެ އަމިއްލަ ޑެބިޓްކާޑެއް ނޯންނާނެ. އެެހެންވީމަ، ރާއްޖެއިން ބޭރުގައި ތިއްބަވާ އިރު، އެކުދިންގެ ބޭނުންތަކަށް ބެލެނިވެރިޔާގެ ކާޑު ދީފަ އެބައޮވޭ. މި އަޅާ ފިޔަވަޅުން އެކުދިންނަށް އެއްވެސް ދައްޗެއް ވިޔަ ނުދިނުމަށްޓަކައި އެކުދިންނަށް ވަކި ސްޓޫޑަންޓް ކާޑެއް، 1200 ޑޮލަރާ ހަމައަށް، އެހެންވީމަ އެ ލިމިޓާ އެއްކޮށް އެ ކާޑު ލިބޭނެގޮތް ހަމަޖައްސައި މިދެނީ،" ޝަރީފް ވިދާޅުވިއެވެ.

މި ބަދަލަކީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ އުސޫލަތަކެއްގެ ދަށުން ކަންކަން ކުރިއަށްގެންދިއުމަށް ނިންމި ނިންމުމެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.