އަމިއްލަ ޕާޓީގެ މެންބަރުން ގުނބޯ ހެއްދުމަށްފަހު، އިންޑިއާ އައުޓް ގޮވާ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އިސް ސަފުގައި ތިބޭ ގިނަ މީހުންނަކީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ މީހުން ކަމަށާއި، އެމީހުން އެކަން ކުރަނީ، ކޮރަޕްޝަންގެ މައްސަލަތަކުން ސަކާމަތްވުމަށް، ގައުމު ހަލަބޮލިކޮށް އެކުވެރި ގައުމުތަކާއި ރާއްޖެއާ ޖައްސައިގެން ވެރިކަމުުގެ މިސްރާބު ބަދަލުކުރުމަށް ކަމަށް ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް މިހެން ވިދާޅުވީ، އެމްޑީޕީން ނެރޭ ހަބަރު ސިޓީގެ މިއަދު ނެރުނު އަދަދުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.

ޕީޕީއެމް ޕީއެންސީގެ އިސް މަގާމުތަކުގައި މިހާރު ހަރަކާތްތެރިވާ ފަރާތްތަކާއި ކުރިން ހަރަކާތްތެރި ވި ފަރާތްތައް ހިމެނޭ ގޮތަށް އަށް ބޭފުޅެއްގެ ނަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވެފައި ވަނީ، އެ ފަރާތްތަކަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިޮރތާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރއިދޫ ދާއިރާގެ މަޖިލިސް މެންބަރު ޣައްސާން މައުމޫނާއި ސްރީ ލަންކާގެ ކުރީގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި ޖޭޕީ އަށް ބަދަލުވެވަޑައިގެން މިހާރު ތިއްބެވި ކުރީގެ ޕީޕީއެމް މެންބަރުން ކަމަށްވާ، ވިލިމާފަންނު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާނު ހުސެއިން މަނިކާއި، ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މިހާރު ޖޭޕީގެ ސެކެރްޓަރީ ޖެނެރަލް އަލީ އާރިފާއި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ހިމެނިވަޑައިގަންނަވާ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

"މިއުޅެނީ އިންޑިއާ އައުޓް ނުވެގެނެއް ނޫން، މިއުޅެނީ ކުށް ސާބިތުވެ ޖަލުގެ ތޭރިތަކުގެ ތެރެއަށް އިން ވެދާނެތީ އެކަމާ ގަންނަ ބިރަކުން،" އަލީ އާޒިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިންޑިއާ އައުޓް ގޮވާ ފަރާތްތަކަން ގޮވާ ގޮވުމަށް މިހާރު ދިވެހިން ހޭނިއްޖެ ކަމަށެވެ. އެހެންކަމުން ބުއްދިވެރި ގޮތަކީ އެހެން ފަރިއްސެއް ކިޔުން ކަމަށްވެސް ވިދާޅުވިއެވެ.

"އަމިއްލަ އެދުން އެއްކިބާ ކުރުމަށްފަހު ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްްކަތް ކުރާށެވެ. އެ ވާހަކަ ދައްކާށެވެ. އޭރުން ރައްޔިތުން ބަލައިގަންނަލެއް ބޮޑުވާނެއެވެ." އަލީ އާޒިމް ވިދާޅުވެފައި ވެއެވެ.

އިންޑިއާއިން ރާއްޖެ ހިފަން އުޅޭކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކަށްވެސް އެ ލިޔުމުގައި އަލީ އާޒިމް ވަނީ ރައްދު ދެއްވައިފައެވެ. ޕީޕީއެމްގެ ވެރިކަމުގައި ދިވެހި ސަރުކާރު އޮތީ ގައުމެއްގެ ގޮނޑި ކޮއްކޮ ސަރުކާރެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވަނީ ސިފަ ކުރައްވައިފައެވެ.