ޚަބަރު

ކަރަންޓީން އުސޫލަށް ބަދަލު ގެންނާނީ ލޯކަލް ޓްރާންސްމިޝަނަކަށް ބަދަލުވުމުން: ޑރ. ނަޒްލާ

1

މާލެއިން ރަށްރަށަށް ގޮސް ކަރަންޓީން ވާންޖެހޭ އުސޫލަށް ބަދަލު ގެންނާނީ ލޯކަލް ޓްރާންސްމިޝަނަކަށް ބަދަލުވުމުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން، ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީންވުމުގެ އުސޫލު އޮންނަނީ އެމީހަކު ފުރާތަނާއި ދާތަނުގެ ރިސްކު ލެވެލަށް ބެލުމަށްފަހުގައި ކަމަށެވެ. އެހެންކަމުން ހައި ރިސްކު ތަނަކުން ލޯ ރިސްކު ތަނަކަށްދާނަމަ ކަރަންޓީންވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން މިއަދު ޕޮޒިޓިވްވި އަދަދު ދަށްވި ނަމަވެސް މާލެއިން ކޮވިޑް އެއްކޮށް ނިމުނީއެއް ނޫން ކަމަށާއި އަދި އެއްކޮށް ސުމަކަށް ވެއްޓުމަކީ އަވަސް މުސްތަގުބަލެއްގައި ފެންނާނެ ކަމެއް ނޫން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މާލޭގައި ކޮމިއުނިޓީ ސްޕްރެޑް އޮތްހާ ހިނދަކު އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތައް ފުރަބަންދުނުވުމަކީ ރައްކާތެރި ގޮތެއް ނޫންކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ މާލޭގައި ކޮމިއުނިޓީ ސްޕްރެޑް އޮތްއިރު، ރަށްތަށް އެ ހާލަތަށް ނުދާނެ ގޮތަކަށް މަސައްކަތް ކުރުން ކަމަށެވެ.

"މާލެއިން ކޮމިއުނިޓީ ސްޕްރެޑް އެއްކޮށް ހުއްޓި ލޯކަލް ޓްރާންސްމިޝަނަކަށް ނުވަތަ އެއަށްވުރެ ވެސް މަދު އަދަދަކަށް ކޭސްތައް ފެންނަން ފަށައިފިނަމަ އެހިސާބުން އިތުރު ބަދަލެއް ގެންނަން ވިސްނާނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިހާރު އުސޫލު އޮންނަ ގޮތުން މާލެ ސަރަހައްދުން އަތޮޅުތެރެއަށް ދަތުރުކުރާނަމަ 14 ދުވަހަށް ކަރަންޓީންވާންޖެހެ އެވެ.