ކެފޭ ރެސްޓޯރެންޓުތައް ފަތިހު 4:00 އިން ރޭގަނޑު 10:30އާ ހަމައަށް ހުޅުވާފައި ބެހެއްޓޭ ގޮތަށް ލުއި ދީފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކުރިން ހުއްދަ ދީފައިވަނީ ފަތިހު 5:00 އިން ރޭގަނޑު 9:30އާ ހަމައަށް ކެފޭ ރެސްޓޯރަންޓްތަކުން ހިދުމަތް ދެވޭ ގޮތަށެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ، މި ހިނދުން ފެށިގެން ފެށިގެން ވަކި ގޮތެއް އަންގަންދެން، މިމަހުގެ ތިންވަނަ ދުވަހު ނެރުނު އެންގުން ބާތިލުކޮށް، އޮގަސްޓް 24ގައި ނެރުނު އެންގުމުގެ ދެވަނަ ނަންބަރާއި ތިންވަނަ ނަންބަރަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެ ބަދަލުގައި ބުނެފައިވާ ގޮތުގައި މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ އެންމެހައި ހިދުމަތްތައް ރޭގަނޑު 10:30 އިން ފެށިގެން ފަތިހު 4:00އަށް ހުއްޓައިލަން ޖެހޭނެއެވެ.
އޭގެ އިތުރުން މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ފަތިހު 4:00 އިން ފެށިގެން ރޭގަނޑު 11:00އާ ހަމައަށް އެއްގަމު އުޅަނދު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމައިފައެވެ. އެއްގަމު އުޅަނދު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމުގެ ހުއްދަ ކުރިން ދީފައިވަނީ ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 10:00އާ ހަމައަށެވެ.
އެ އެންގުމުގައި ބުނީ އެ ފިޔަވަޅާއެކު އެޗްޕީއޭ އިން އޮގަސްޓް 24ގައި ނެރުނު އެންގުމުގައި ބުނެފައިވާ އެހެނިހެން ފިޔަވަޅުތަކާއި އިސްތިސްނާތައް އެގޮތަށް ދެމިއޮންނާނެ ކަމަށެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި އެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް ވެސް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު