ފުޓްބޯޅަ

ސުޕަ އެޖެންޓް މެންޑޭޒް: ދުނިޔެއަށް ރޮނާލްޑޯ ދައްކާލައި، ޕްރިމިއާ ލީގު ވެސް މުށު ތެރެއަށް!

މުޙައްމަދު ޝަމްޢޫން

މިއަދުގެ ފުޓުބޯޅައަކީ ހަމައެކަނި ދަނޑުމަތީގެ ކުޅިވަރެއް ނޫނެވެ. އެއަށްވުރެ ފުޅާ، އެއަށްވުރެ ނުފޫޒު ގަދަ ކުޅިވަރެކެވެ. މުޅި ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ފުޓުބޯޅައިގެ މަންފާ ފޯރަމުންދެއެވެ. ބޮޑެތި ލީގުތަކަކީ ވިޔަފާރީގެ ހަބުތަކެވެ. ސްޕޮންސާޝިޕާއި ޓީވީ ރައިޓްސްއިން ފެށިގެން ދަނޑުގެ ވިނަގަނޑު ކޮށާ މީހާއާ ހަމައަށް އެއީ ފުޓުބޯޅައިގެ އާމުދަނީއެވެ. މަންފާއެވެ. މިއަދު ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫނެވެ. އެންމެ ބޮޑު އެއް ވިޔަފާރިއެވެ.

ބޮޑެތި އަގުގައި ކުޅުންތެރިން ގަނެ ވިއްކުމުގެ ފައިދާ ކުރަނީ ހަމައެކަނި ކްލަބަކަށްވެސް ނޫނެވެ. އެ ޓްރާންސްފާތަކުގެ ކާމިޔާބީއާ ގުޅިފައިވާ އެތައް ކަމެއް އޮންނާނެއެވެ. ހާއްސަކޮށް ކުޅުންތެރިން މެނޭޖުކުރުމާއި، ކުޅުންތެރިންނަށް ދޭން ޖެހޭ ވިޔަފާރީގެ ވިސްނުންތައް ދޭން ވަކި ހާއްސަ ބަޔަކު ހަރަކާތްތެރިވާނެއެވެ. އެޖެންސީތައް މެދުވެރިވެގެންނެވެ. އަމިއްލަ ހައިސިއްޔަތުން ކުޅުންތެރިންގެ އެންމެ އިތުބާރު ބޮޑުކޮށްވެސް ބައެއް އެޖެންޓުން އެބަތިއްބެވެ. ކޮންމެ ޓްރާންސްފާ މާކެޓެއްގައި މިލިއަނުން އަމިއްލަ ޖީބަށް ޖަހާލަން ކޮމިޝަން ނަގާ ބާރުގަދަ "އެލީޓް" އެޖެންޓް ކްލަބެއް މިހާރު ވަނީ ބިނާވެފައެވެ. 

ބައެއް ކުޅުންތެރިންގެ އެޖެންޓުންގެ ގޮތުގައި އާއިލީ މެމްބަރުން ހަރަކާތްތެރިވާ ތަން ފެނެއެވެ. އެހެންނަމަވެސް ގިނަ ކުޅުންތެރިން ބަލަނީ ކާމިޔާބު އެޖެންޓަކަށެވެ. އެޖެންޓެއްގެ ޕޯޓްފޯލިއޯ މިނެކިރަނީ ކެރިއަރުގައި ކުޅުންތެރިންނަށް މަގު ދައްކައިދޭ ގޮތެއްގެ މައްޗަށެވެ. ހާއްސަކޮށް ޒުވާން ހުނަރުވެރި ކުޅުންތެރިޔަކު، އެންމެ އެކަށޭނެ ވަގުތެއްގައި، އެކަށޭނެ ތަނަށް ފޮނުވަން ބޭނުންވާ ގުޅުން، އެއީ އެޖެންޓުގެ ހަގީގީ ކާމިޔާބެވެ. އެ މަގުން ކާމިޔާބީއާ ހަމައަށް ވާސިލުވެ، މިއަދު މުޅި ފުޓުބޯޅަ ދުނިޔޭގެ އެންމެ ނުފޫޒުގަދަ، ވަރުގަދަ އެޖެންޓުގެ ގޮތުގައި ހުރީ އުމުރުން 54 އަހަރުގެ ޕޯޗުގަލަށް އުފަން ޖޯޖު މެންޑޭޒްއެވެ.

އެޖެންޓަކަށް ވީ ކުޅުމަށް ކުރި އުންމީދު ގެއްލުމުން

މެންޑޭޒްގެ ވެސް ފުރަތަމަ ވިސްނުން ހުރީ ކުޅުންތެރިއަކަށް ވުމަށެވެ. އެކަމަކު އެކަން ފެއިލްވީއެވެ. މެންޑޭޒް ވިޔަފާރިއަށް ނުކުމެ، ނައިޓް ކްލަބެއް ހުޅުވައި އެތަން ހިންގަމުންދިޔައިރުވެސް އުންމީދު ކުރީ ފުޓުބޯޅައިގެ ތެރެއަށް ވަނުމަށެވެ. އަމިއްލަ ނައިޓް ކްލަބުން ދިމާވި، މިހާރު ވުލްވްސްގެ ކޯޗު، އޭރު އާދައިގެ ގޯލްކީޕަރެއް ކަމަށްވާ ނޫނޯ އެސްޕިރިޓޯ ސަންޓޯއާއެކު ކެރިއަރު ބަދަލުވީއެވެ. 1996 ވަނަ އަހަރު ނޫނޯއަކީ ކްލަބެއް ނެތި އުޅުނު ގޯލްކީޕަރެކެވެ.

ނޫނޯގެ ކްލަބެއް ނެތުން ޗެލެންޖަކަށް ނަގައި، ޕޯޗުގަލްގެ އެންމެ މަތީ ލެވެލްގައި ކުޅެމުންދިޔަ ވިޓޯރިއޯ ޑި ގުއިމަރެސްއަށް ނޫނޯ ފޮނުވާލައި، އެ ހިސާބުން މެންޑޭޒްގެ އެޖެންޓްކަން ފެށިއެވެ. ނައިޓް ކްލަބުގެ ތެރެއިން ދިމާވި އެންމެ ގޯލްކީޕަރަކުން ފެށިގެން ދުނިޔޭގެ ފުރަތަަމަ ސުޕަ އެޖެންޓަށްވުމަށް މެންޑޭޒް އެތައް ފިޔަވަޅެއް ކަސިޔާރުކަމެއް ނެތި އަޅަން ޖެހުނެވެ. އެކަން އޭނާ ކުރީ ވިސްނުމާއެކު، މުޅި ފުޓުބޯޅަ ދުނިޔެ ހިސޯރުކުރުމާ ހަމައަށް ދިޔުމަށެވެ. މެންޑޭޒްގެ ޓްރާންސްފާތަކަށް ކްލަބުތަކަށް ނޫނެކޭ ބުނަން ނުޖެހޭ ސަބަބަކީ އޭނާގެ މިޒާޖުގައިވާ ވާހަކަ ދެއްކުމާއި، މާކެޓް ކުރުމުގެ ހުނަރެވެ.

ކާމިޔާބީގައި ރޮނާލްޑޯގެ ޓްރާންސްފާ

މެންޑޭޒްގެ ނަން ދިވެހީން ކަހަލަ ފުޓުބޯޅައަށް ލޯބިކުރާ އެތައް ބަޔަކަށް އިވިގެން ދިޔައީ، ޕޯޗުގަލްގެ ތަރި، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މުހިއްމު އެއް އެސެޓް ކްރިސްޓިއާނޯ ރޮނާލްޑޯގެ މަޝްހޫރު ކަމާއެކުގައެވެ. މެންޑޭޒްއާއި ރޮނާލްޑޯގެ ގުޅުމާއި، މެންޑޭޒްއާއި ރޮނާލްޑޯގެ ފެށުންވެސް 2015 ގައި ނުކުތް ރޮނާލްޑޯގެ ފިލްމުންވެސް ވަރަށް ބޮޑަށް ސާފުވެގެން ގޮސްފައިވެއެވެ. މިއަދު މެންޑޭޒްއަކީ ރޮނާލްޑޯގެ އެޖެންޓުގެ އިތުރުން ރޮނާލްޑޯގެ ހަޔާތުގައި އެންމެ އިތުބާރުކުރާ އެކަކެވެ. އެންމެ ގާތުން ގެންގުޅޭ އެޑްވައިޒަރެވެ. އެ އިތުބާރު ހޯދީ ކާމިޔާބީއާ ހަމައަށް ރޮނާލްޑޯ ވާސިލުކޮށްދީގެންނެވެ.

ރޮނާލްޑޯ ފިލްމުންވެސް ފެންނަ ގޮތަށް، ރޮނާލްޑޯ ދުނިޔެއަށް ދައްކާލުމަށް ފޮނުވާލި ކްލަބަކާ މެދު މެންޑޭޒް ވިސްނައި، އެތަކެއް ވާހަކައެއް ދައްކަނީ ރެސްޓޯރެންޓެއްގެ ތެރޭގައި އިނދެގެންނެވެ. އޭރު ސްޕޯޓިން ލިސްބަންއަށް ކުޅެމުންދިޔަ ފުރާވަރު އުމުރުގައި ހުރި ރޮނާލްޑޯއަށް ހިތް ނުކިޔާ ބޮޑު އެއްވެސް ކްލަބެއް ނެތެވެ. ޔުވެންޓަސްއާއި އިންޓަ މިލާން، ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން ވެލެންސިއާއިން ވެސް ރޮނާލްޑޯ ހޯދުމަށް މަސައްކަތް ކުރަމުންދިޔައެވެ.

"ރޮނާލްޑޯ ބޭނުންވި އެންމެން. ޝުކުރު ކުރަން ސާ އެލެކްސް ފާގަސަން އަހަންނަށް ގުޅިކަމަށްޓަކައި. ފާގަސަން ބުނީ، މެންޑޭޒްއޭ ރޮނާލްޑޯ އަހަންނަށް ދޫކޮށްލާށޭ. މިއީ އަހަރެންގެ ހަގީގީ ވާހަކައަކީ. ގަބޫލުކުރޭ، ގަބޫލުކުރޭ.... އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން. އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން، އެއްވެސް ކަމެއް. އެއްވެސް ކަމެއް....." މެންޑޭޒް ޑެއިލީ މެއިލްއަށް ދިން އެކްސްކްލޫސިވްއެއްގައި ބުނެފައިވެއެވެ.

މިއަދު މެންޑޭޒްގެ އެޖެންޓް ކަމުގެ ދަށުން މިލިއަން ޑޮލަރުގެ އެތައް ޓްރާންސްފާއެއް ހިނގަމުން ދާން ފެށި ހިސާބަކީ އެއީއެވެ. ސްޕޯޓިން އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗަކަށްފަހު ފާގަސަން މެންޑޭޒްއަށް ގުޅައި، ރޮނާލްޑޯއަށް އެދިގެން ރޮނާލްޑޯ ޔުނައިޓެޑާ ގުޅުނު ހިސާބުން މެންޑޭޒްގެ މުޅި ދުނިޔެ ބަދަލުވިއެވެ. ރޮނާލްޑޯގެ ވިދުން ގަދަވެ، މެންޑޭޒް ބްރޭންޑެއްގެ ގޮތުގައި ނަން ހަރުލިއެވެ.

މެންޑޭޒްއަކީ މިހާރު ރޮނާލްޑޯގެ އަމިއްލަ، ޕާސަނަލް ކަންކަމަށް ބަސް ކިޔޭނެ ފެންވަރުގެ އަރިސް މީހެކެވެ. ޕޯޗުގީޒްގެ އެޖެންސީ ގްރޫޕެއް ކަމަށްވާ ގެސްޓިފިއުޓްއަކީ މެންޑޭޒްގެ އެޖެންސީއެކެވެ. އެ އެޖެންސީގެ ދަށުން ދުނިޔޭގެ ފުޓުބޯޅައިގެ 122 ކުޅުންތެރިންނާއި ކޯޗުންގެ ކަންކަން ބަލަހައްޓައި، ޓްރާންސްފާތަކުން ފައިދާ ނަގަމުންދެއެވެ. ހަމައެކަނި އަދަދަކުން މެންޑޭޒްގެ ނުފޫޒު ބުނެ ނުދެވޭނެއެވެ. އޭނާގެ ނުފޫޒު އެއަށްވުރެ މާ ބޮޑެވެ.

ޕްރިމިއާ ލީގަށް ވިދާލުން: ވުލްވްސްގެ އާ އެރާ

މެންޑޭޒްގެ ދަށުން މެނޭޖްކުރަމުން އަންނަ އެތައް ކުޅުންތެރިންނެއް ޕްރިމިއާ ލީގުގެ ވުލްވްސްއަށް ކުޅެމުންދެއެވެ. އެ ކްލަބު ދެވަނަ ޑިވިޝަނުން އައިސް، ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށި ފުރަތަމަ ސީޒަނުގައިވެސް ޕޯޗުގަލް ގައުމީ ޓީމުގެ ފެންވަރުގެ ކުޅުންތެރިން ފެނިގެންދިޔައެވެ. އެ ޓްރާންސްފާތައް އެހެން ކްލަބުތަކަށް ހަޖަމު ނުވެ، މެންޑޭޒްއާއި ވުލްވްސްއާ އޮންނަނީ ޕްރޮފެޝަނަލް ގުޅުމެއް ނޫން ކަމަށް ބުނެ، މައްސަލަތައް ވެސް ފެންމަތި ކުރުވާފައިވެއެވެ.

ޕޯޗުގަލް ގައުމީ ޓީމަށް ނަގާ ފެންވަރުގެ 11 ކުޅުންތެރިން ވުލްވްސްއަށް ކުޅެމުން އަންނަ އިރު، އޭގެ ތެރެއިން ހަތް ކުޅުންތެރިންގެ އެޖެންޓަކީ މެންޑޭޒްއެވެ. އަދި މިދިޔަ ސީޒަނުގައި ވުލްވްސްއަށް ކުޅެ، މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވި ޑިއޭގޯ ޖޮޓާއަކީވެސް މެންޑޭޒްގެ ކުޅުންތެރިއެކެވެ. ވުލްވްސްއިން މިދިޔަ ސީޒަން ޔޫރޮޕާ ލީގުގެ މަގާމުގައި ނިންމާލި އިރު، ޖޮޓާ ފަދަ ކުޅުންތެރިން ވިދާލިއެވެ. އެ ހުރިހާ ކާމިޔާބީއެއްގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ކޯޗު ނޫނޯގެ ރަހުމަތްތެރި މެންޑޭޒްއެވެ. މެންޑޭޒްއަކީ ވުލްވްސްގެ ހާއްސަ އެޑްވައިޒަރެއްގެ މަގާމުގައި ހުރި މީހެކެވެ.

ކޮންމެއަކަސް ވުލްވްސްއާއެކު ޕްރިމިއާ ލީގުގެ އެންމެ ނުފޫޒުގަދަ ހިސާބަށް މެންޑޭޒްގެ އަތް ދަނީ ފޯރުވަމުންނެވެ. ޕެންޑަމިކެއްގެ ތެރޭގައި މި އައި ޓްރާންސްފާ ސީޒަނުގައިވެސް 200 މިިލިއަން ޕައުންޑަށް އަގުކުރެވޭ ޓްރާންސްފާތައް، ޕްރިމިއާ ލީގު ކްލަބުތަކަށް މެންޑޭޒް ވަނީ ހިންގައިފައެވެ. އެ އަގުގެ ޓްރާންސްފާތައް މެންޑޭޒް އަތްދަށުން ކޮށްފައިވާ އިރު، އޭނާގެ އަމިއްލަ މަންފާއަށް ގާތްގަނޑަކަށް 18 މިލިއަން ޕައުންޑުގެ އާމުދަނީއެއް ހޯދާފައިވެއެވެ. އެއީ ޑައިރެކްޓް ޓްރާންސްފާ ކޮމިޝަނުގެ އިތުރުން، މާ ދުރުދުރުން ޑީލްތަކަށް ވަދެ، މެންޑޭޒްގެ ބާރުން ޓްރާންސްފާތައް ފުރިހަމަ ކޮށްދީގެންނެވެ.

މެންޑޭޒްގެ ޕްރިމިއާ ލީގު ޕޯޓްފޯލިއޯ

ޕްރިމިއާ ލީގުގައި ވަރުގަދައަށް ހަރަކާތްތެރިވަމުން އަންނަ ޖޮނަތަން ބަނެޓާއި މިނޯ ރައިއޯލާ ފަދަ އެޖެންޓުން ފަހަތަށް ޖައްސާލައި، މެންޑޭޒް މިހާރު ޕްރިމިއާ ލީގުގައިވެސް އަތްގަދަ ކޮށްފިއެވެ. މެންޗެސްޓާ ސިޓީން ކްލަބުގެ ރެކޯޑު އަގަކަށް ބެނިފީކާއިން ގެންދިޔަ ޑިފެންޑަރު ރުބެން ޑިއާސްގެ ޓްރާންސްފާގެ އިތުރުން ޑިއޭގޯ ޔޮޓާ ލިވަޕޫލަށް ދިޔަ ހައިރާން ކުރުވަނިވި ޓްރާންސްފާއަކީ މެންޑޭޒްގެ ނުފޫޒުގެ ހެއްކެކެވެ.

ޑިއާސްގެ ޓްރާންސްފާ އަގަކީ 64.3 މިލިއަން ޕައުންޑް ކަމަށްވާ އިރު، އެ ޓްރާންސްފާއިން މެންޑޭޒްއަށް 6.1 މިލިއަން ޕައުންޑް ލިބުނު ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. ޖޮޓާގެ 41 މިލިއަން ޕައުންޑް ޓްރާންސްފާގެ ކަމިޝަން ފީ ހުރީ ކިހާވަރެއްގައި ކަމެއް އެނގޭކަށް ނެތެވެ. މެންޑޭޒްއަކީ އޭނާގެ ސީދާ ޓްރާންސްފާތަކުން ނޫން ގޮތަށްވެސް ފައިސާ ނަގައިދޭ އެޖެންޓެކެވެ. މެންޑޭޒްގެ ކާމިޔާބީއާއި އޭނާގެ ނަން، ބްރޭންޑެއްގެ ގޮތުގައި ބޭނުންކޮށް، އިތުބާރަށް ބަރޯސާކޮށް ޓްރާންސްފާތައް ފުރިހަމަކޮށްދީގެންވެސް މެންޑޭޒް އަހަރެއްގެ މައްޗަށް އެތައް މިލިއަނެއް ނަގާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

ވުލްވްސްގެ ކޯޗާއެކު ހަތް ކުޅުންތެރިން

ވުލްވްސްއަކީ މެންޑޭޒްގެ އަރިސް ކްލަބެކެވެ. ވާނީވެސް އެހެންތާއެވެ. މެންޑޭޒްގެ ހަޔާތް ބަދަލުވެގެން ދިޔަ ގޯލްކީޕަރަކީ މިއަދު ވުލްވްސްގެ ކޯޗެވެ. ނޫނޯގެ ކޯޗު ކަމުގައި ވުލްވްސްއިން އާ ހަރުފަތެއް ކަނޑައްތު ކުރަމުން އަންނަ އިރު، އެކަމުގެ އެންމެ ބޮޑު ހިއްސާދާރަކީ ވުލްވްސްގެ އެޑްވައިޒަރު، ނޫނޯގެ ޒަމާންވީ އެކުވެރިޔާ މެންޑޭޒްއެވެ.

ރުބެން ނެވޭސް، ޑެނިއަލް ޕޯޑެންސް، ރުއި ޕެޓްރީސިއޯ، ޕެޑްރޯ ނެޓޯ، ވިޓިންހާ އަދި ޖައޯ މުޓީނިއޯއާއި ނެލްސަން ސަމެޑޯއަކީވެސް މެންޑޭޒްގެ ކުޅުންތެރިންނެވެ. ތިން އަހަރު ތެރޭގައި ވުލްވްސްއަށް ނޫނޯ ގެނައި އިންގިލާބީ ބަދަލުގެ ކްރެޑިޓް އެންމެ ބޮޑަށް މެންޑޭޒްއަށް ހައްގު ވަނީ އެހެންވެގެންނެވެ. މި ޓްރާންސްފާ ސީޒަނުގައި މެންޑޭޒް ވަނީ ބާސެލޯނާއަށް ކުޅެމުންދިޔަ އުމުރުން 20 އަހަރުގެ ސަމެޑޯ، 37 މިލިއަން ޕައުންޑަށް ވުލްވްސްއަށް ސޮއި ކުރުވައިފައެވެ. ސަމެޑޯ ކުއްލިއަކަށް ވުލްވްސްއަށް ބަދަލުވުމަކީ ގިނަ ބަޔަކަށް ހައިރާން ކަމެކެވެ. އެހެންނަމަވެސް އެއީ މެންޑޭޒްގެ ކަމަކަށް ވެދާނެއެވެ.

ވުލްވްސްގެ މެނޭޖިން ޑިރެކްޓަރު ލައިރީ ޑަލްރީމްޕަލް 2017 ވަނަ އަހަރު ބުނެފައިވަނީ މެންޑޭޒްއަކީ ކްލަބުގެ ގާތް މީހެއް ކަމަށާއި ކްލަބަށް ހަމައެކަނި އޭނާ ކުރާ ކަމަކީ އެޑްވައިޒް ދިނުން ކަމަށެވެ. އެހެން އެއްވެސް ހިއްސާއެއް މެންޑޭޒްގެ ނޯންނާނެ ކަމަށެވެ. އެވާހަކަ އެގޮތަށް ޑަލްރީމްޕަލް ބުނެފައިވަނީ ވުލްވްސް ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ގެންދިއުމުގައި މެންޑޭޒް އަދާކުރި ދައުރު ބޮޑުވެ، މެންޑޭޒްއަކީ ހެމައެކަނި ވުލްވްސްއަށް ފައިދާ ވާގޮތަށް ޓްރާންސްފާ ހިންގާ އެޖެންޓެއް ކަމަށްބުނެ ކުރިމަތި ކުރުވި މައްސަލަތަކެއްގެ ސަބަބުންނެވެ.

އާންމުކޮށް ވުލްވްސްގެ މެޗުތައް ބަލަން ގޮސް އިންނަ މެންޑޭޒް ވުލްވްސްއިން ބޭރުުކުރި ކުޅުންތެރިންގެ އަގުވެސް 72 މިލިއަން ޕައުންޑަށް މި ޓްރާންސްފާ ސީޒަނުގައި އެކަނިވެސް އަރައެވެ. އެ ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލަށް ދިޔަ ޔޮޓާގެ އިތުރުން ޓޮޓެންހަމްއަށް ދިޔަ މެޓް ޑޮހަޓީއާއި ލީޑްސްއަށް ކުޅެމުން އަންނަ ހެލްޑާ ކޮސްޓާ ހިމެނެއެވެ.

ސިޓީގައިވެސް ހަތަރު ކުޅުންތެރިން، ލިވަޕޫލުގައި ދެ ކުޅުންތެރިން

އުމުރުން 23 އަހަރުގެ ޑިއާސްއަކީ މި ޓްރާންސްފާ ސީޒަނުގެ އެންމެ ވަރުގަދަ އެއް ޑީލެވެ. ޑިއާސް އަކީ މެންޑޭޒްގެ ކުޅުންތެރިއެއްކަން އެނގޭ ޝަރުތައްވެސް ފުރިހަމައެވެ. ޒުވާން، ޕޮޓެންޝިއަލް ހުރި، އަދި ޕޯޗުގީޒް، މި ޝަރުތަކަކީ އާންމުކޮށް މެންޑޭޒްގެ ކުޅުންތެރިންގެ ހުންނަ ޝަރުތުތަކެކެވެ.

އޭގެ އިތުރުން ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގީޒްގެ ބާނާޑޯ ސިލްވާއާއި ޖާއޯ ކެންސެލޯގެ އިތުރުން ބްރެޒިލް ގޯލްކީޕަރު އޭދަސަންއަކީ ވެސް މެންޑޭޒްގެ ގެސްޓިފިއުޓްގެ ދަށުގައި ތިބި ކުޅުންތެރިންނެވެ. އެޑަސަންއަކީ ބެނިފިކާއިން ވިދާލި ކުޅުންތެރިއެއް ކަމަށްވުމުން، މެންޑޭޒްއަށް އޭނާ ހޯދުން މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ބެލެވެއެވެ.

ޔޮޓާގެ އިތުރުން މެންޑޭޒްގެ ނުފޫޒު އޮންނަ ލިވަޕޫލުގެ އަނެއް ކުޅުންތެރިޔަކީ ފަބީނިއޯއެވެ. މޮނާކޯއިން ލިވަޕޫލަށް ގެންދިޔަ ފަބީނިއޯއަކީ ލިވަޕޫލަށް ޔާގަން ކްލޮޕް ގެނައި އިންގިލާބުގެ ވަރުގަދަ ތަނބެކެވެ.

މޮރީނިއޯގެ މައްސަލަ: އެހެން ޓްރާންސްފާތަކަށް ގޮތްގޮތުން ނުފޫޒު

ރޮނާލްޑޯ ނެގުމަށްފަހު، މެންޑޭޒްގެ ކާމިޔާބީއަށް އެންމެ ބޮޑަށް ހިއްސާވި ކްލައިންޓަކީ ޓޮޓެންހަމްގެ ކޯޗު ހޯޒޭ މޮރީނިއޯއެވެ. ކްލަބު ފުޓުބޯޅައިގައި އެންމެ ކާމިޔާބުކޮށް ފެނުނު އެއް ކޯޗު، މޮރީނިއޯއަކީ މެންޑޭޒްގެ އެޖެންސީން މެނޭޖުކުރާ ކޯޗެކެވެ. އެހެން ނަމަވެސް ހައިރާން ކުރުވި ކަމަކީ މޮރީނިއޯ ޓޮޓެންހަމްއަށް ގެންދިޔައީ މެންޑޭޒް ނޫން ކަމެވެ.

ޕްރިމިއާ ލީގުގައި މޮރީނިއޯ ކޯޗުކޮށްދޭ ތިންވަނަ ކްލަބު ކަމަށްވާ ޓޮޓެންހަމްއަށް މޮރީނިއޯ ގެންދިޔައީ މެންޑޭޒް ވާހަކަ ދައްކައިގެން ނޫނެވެ. އޭރު މެންޑޭޒްއާއި މޮރީނިއޯ އޮތީ މައްސަލަގަނޑެއްގެ ތެރޭގައެވެ. ޔުނައިޓެޑުން މޮރީނިއޯ ބޭރުކޮށްލުމުގައި މެންޑޭޒްގެ ދައުރެއް ވާކަމަށް މޮރީނިއޯ ތުހުމަތުކޮށްފައިވާ އިރު، މޮރީނިއޯ ބުނާގޮތުގައި ޔުނައިޓެޑުން އޭނާ ބަހައްޓަން ބޭނުންވެފައި އޮއްވައި މެންޑޭޒް އެކަމަށް އިންކާރު ކުރީއެވެ.

މިިދިޔަ ވިއްސަކަށް އަހަރު މޮރީނިއޯ ނިންމި ނިންމުންތަކުގައި މެންޑޭޒްގެ އެޖެންސީން މުހިއްމު ދައުރެއް އަދާކުރާކަން އެނގެން އޮތް އިރު، ޓޮޓެންހަމްއަށް ގޮސް މޮރީނިއޯ މެންޑޭޒްގެ ކުޅުންތެރިންނާ ހާއްސަ ގޮތަކަށް ވާހަކަދައްކަން ބޭނުން ނުވާ ކަމަށް ބުނެފައިވެއެވެ. އެއީ މެންޑޭޒްއާ ޖެހިފައިވާ މައްސަލައިގެ ތެރެއިންނެވެ. ނަމަވެސް ޓޮޓެންހަމްއިން މި ސީޒަނުގައި ޓްރާންސްފާ ގިނަކޮށް ފެނުނެވެ. އޭގެ ފަހަތުގައި ވަނީ މެންޑޭޒްކަން އެނގެންވެސް އެބައޮތެވެ. ޑޮހަޓީގެ އިތުރުން ބެނިފީކާއިން ގެންދިޔަ ވިނިސިއަސް އަކީ މެންޑޭޒްގެ ކުޅުންތެރިންނެވެ.

އެވަޓަންއަށް ގެންދިޔަ ދުނިޔޭގެ ފެންވަރުގެ މިޑްފީލްޑަރު ހަމޭޒް ރޮޑްރިގޭޒްއަކީވެސް މެންޑޭޒްގެ މުހިއްމު ކްލައިންޓެކެވެ. އޭގެ އިތުރުން، އަމިއްލަ ކުޅުންތެރިންނާއި ކޯޗުންގެ ބޭރުން މެންޑޭޒް ކޮށްދޭ މުއާމަލާތްތަކަށްވެސް ގިނަ އަދަދަކަށް ކޮމިޝަން ނަގާކަން ވަނީ ފާހަގަވެފައެވެ. އެގޮތުން އެވަޓަންއަށް ޕޯޗުގަލްގެ ފަބިއޯ ސިލްވާ ގެންދިއުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށް، މެންޑޭޒް ހަތް މިލިއަން ޕައުންޑް ނަގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ޗެއާމަން އެޑް ވުޑްވާޑާވެސް ގާތް ގުޅުމެއް އޮންނަ މެންޑޭޒްއަކީ އެ ކްލަބުން ޑޯޓުމަންޑްގެ ޖޯޑަން ސަންޗޯއާ ދެމެދު ކުރާ މުއާމަލާތްތަކުގެ މެދުވެރިޔާ ކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ. ސަންޗޯ ޑޯޓުމަންޑަށް ފޮނުމުގައިވެސް މެންޑޭޒް ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

އެޖެންސީގައި ނެތް ކުޅުންތެރިންނަށްވެސް މެންޑޭޒް ނުފޫޒު ނުސީދާކޮށް ފޯރަމުންދަނީ ކްލަބުތަކުގައި މެންޑޭޒްގެ ނުފޫޒު ބޮޑުވުމުންނެވެ. މުޅި ޕްރިމިއާ ލީގަށް މެންޑޭޒްގެ ނުފޫޒު، ވަރުގަދައަށް ފެތުރިގަންނަން މިހާރު ފަށާފައިވާކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި މެންޑޭޒްގެ ހުނަރުވެރިކަމަކީ ކްލަބުތައް ތަރައްގީ ކުރުމުގެ ވިސްނުން ގެނައުމާއި، ބޮޑެތި ލީގުތައް މަޝްހޫރު ކުރުވަން ވަރުގަދަ ކުޅުންތެރިން ފޮނުވުމެވެ. އެއީ މެންޑޭޒްއަށް ބޮޑެތި ލީގުތަކުން ބަރޯސާވާ ސަބަބެވެ.

މެންޑޭޒްގެ އެޖެންސީގެ 21 ކުޅުންތެރިންނާއި ދެ ކޯޗުން ޕްރިމިއާ ލީގުގައި

  • ވުލްވްސްގެ ހަތް ކުޅުންތެރިން: ރުބެން ނެވޭސް، ނެލްސަން ސެމެޑޯ، ޑެނިއަލް ޕޮޑެންސް، ރުއި ޕެޓްރީސިއޯ، ޕެޑްރޯ ނެޓޯ، ޖާއޯ މުޓީނިއޯ، ވިޓިންހާ
  • ސިޓީގެ ހަތަރު ކުޅުންތެރިން: ބާނާޑޯ ސިލްވާ، އެޑަސަން، ޖާއޯ ކަންސެލޯ، ރުބެން ޑިއާސް
  • ލިވަޕޫލުގެ ދެ ކުޅުންތެރިން: ޑިއޭގޯ ޔޮޓާ، ފަބީނިއޯ
  • ޓޮޓެންހަމްގެ ދެ ކުޅުންތެރިން: މެޓް ޑޮހަޓީ، ކާލޯސް ވިނީސިއަސް
  • އެވަޓަން: ހަމޭޒް ރޮޑްރިގޭޒް
  • ލެސްޓާ ސިޓީ: ރިކާޑޯ ޕެރޭރާ
  • ލީޑްސް: ހެލްޑާ ކޯސްޓަ
  • އެސްޓަން ވިލާ: އަންވަރް އަލް ގާޒީ
  • ފުލްހަމް: އީވާން ކަވަލޭރޯ
  • ވެސްޓް ހަމް: ގޮންކާލޯ ކާޑޯސޯ
  • ކޯޗުން: ހޯޒޭ މޮރީނިއޯ، ނޫނޯ އެސްޕިރިޓޯ ސަންޓޯ