ރާއްޖެއަށް ވެހިކަލް އެތެރެ ކުރާ މިންވަރު ހުއްޓުވޭނެ ގޮތެއް ހަދަން ވެހިކަލް އިމްޕޯޓް ކުރުމާބެހޭ ހާއްސަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެއްގަމު އުޅަނދުފަހަރު ތާޑު ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް ހެދުމުގެ އިތުރުން އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ އަލީ ވިދާޅުވީ އަހަރެއްގެ ތެރޭގައި އެވެރެޖުކޮށް 13،000 އެއްހާ ވެހިކަލް ރެޖިސްޓާ ކުރެވޭ ކަމަށާއި ދުވާލަކު 30 އާއި 40 އާ ދެމެދުގެ ސައިކަލު ރެޖިސްޓްރީ ކުރެވޭ ކަމަށެވެ.

މިކަމަށް އޮތް ހައްލަކީ ރާއްޖެއަށް ވެހިކަލް އެތެރެ ކުރުން ހުއްޓުވުން ނުވަތަ ވަކި ކޯޓާއެއްގެ ދަށުން ވެހިކަލް ގެނެވޭނެ ގޮތެއް ކަނޑައެޅުން ކަމަށެވެ. ނަމަވެސް ގާނޫނު މިހާރު އޮންނަ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އެ ބާރު ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިމާޒު ވިދާޅުވީ އެ މައްސަލާގައި އިކޮނޮމިކް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރެވުނު ކަމަށާއި އެގޮތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ވެހިކަލް އިމްޕޯޓް ކުރުމާބެހޭ ބައެއް ހުށަހެޅި ކަމަށެވެ. ނަމަވެސް އެ ބިލް ފާސްވެގެން އައިއިރު އެ އިސްލާހު ހިމެނިފައިވާ ނުވާ ކަމަށް ވިދާޅުވިއެވެ. މިދިޔަ ހަފްތާގައި އިކޮނޮމިކް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައި ވެހިކަލް އިމްޕޯޓް ކުރުމާބެހޭ ހާއްސަ ގާނޫނެއް ގެނައުމަށް މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެ ގާނޫނު އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އެމަސައްކަތް އަޅުގަނޑަށް ހީވަނީ ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމެންޓުން ކުރިއަށް އެބަ ގެންދަވާހެން. އެއާއެކު އަޅުގަނޑަށް ހީވަނީ ދާއިމީ ހައްލެއް ލިބިގެންދާނެ ކަަމަށް،" ޝިމާޒު ވިދާޅުވި އެވެ.

ޝިމާޒު އިތުރަށް ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ވެހިކަލްތައް ހުއްޓުވުމުގެ އެއްވެސް ބާރެއް މިވަގުތު ޓްރާންސްޕޯޓަށް ލިބިގެން ނުވާ ކަމަށާއި އެހެންކަމުން ރާއްޖެ އެތެރެ ކުރާ ވެހިކަލްތައް ރެޖިސްޓްރީ ކުރުން ނޫން ގޮތެއް މިވަގުތު ނެތް ކަމަށެވެ.