މާލޭގެ ހަތް ސަރަހައްދެއްގައި މަލްޓި ސްޓޯރީ ޕާކިން ބިލްޑިންތަކެއް ހަދަން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން ފުރަތަމަ އިމާރާތް ހީނާމާގޭ ބިމުގައި ހެދުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެއްގަމު އުޅަނދުފަހަރު ތާޑު ޕާޓީ އިންޝުއަރެންސް ކުރަން ނުޖެހޭ ގޮތަށް ހެދުމުގެ އިތުރުން އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމުނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިދިޔަ އޯގަސްޓް މަހު ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ. އެ ބިލު ދިރާސާ ކުރަމުން އަންނަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލު ވަނީ މިއަދު ހާޒިރުކޮށްފަ އެވެ.
އެ ކޮމެޓީގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ، ޕްލޭނިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން މަޝްވަރާ ކޮށްގެން މާލޭގެ ހަތް ސަރަހައްދެއްގައި މަލްޓި ސްޓޯރީ ޕާކިން ބިލްޑިންތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިން ގޮތުން ވެއްޖިއްޔާ މިއަހަރުގެ ތެރޭގައި ފުރަތަމަ ތަނެއްގެ ގޮތުގައި ހީނާމާގޭގައި ހަތަރު ބުރީގެ ޕާކިން ބިލްޑިން އެއް އެޅުމުގެ މަސައްކަތް ފެށިގެންދާނެ. އެ ޕްރޮޖެކްޓު ކުރިއަށް އެބަދޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ ހަތް ސަރަހައްދެއްގައި މަލްޓި ސްޓޯރީ ޕާކިން ބިލްޑިންތަކެއް އެޅިގެން ދާނެ،" ޝިމާޒް ވިދާޅުވި އެވެ.
ކޮމިޓީގައި ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގަތް އަހުމަދު ސަމީރު ވިދާޅުވީ މާލޭގައި ވެހިކަލް ތޮއްޖެހުމުގެ ހައްލަކަށް އޮތީ ވެހިކަލް ކޮންޓްރޯލް ކުރުމާއި އެތެރެކުރުމުގެ ކުރިން ގަރާޖު ހަމަޖެއްސުމާއި ޕާކިން ބިލްޑިންތަކެއް ހެދުމާއެއްކޮށް މާލޭގެ މަގުމަތިން ވެސް ޒޯނުތައް ލިބުން ކަމަށެވެ.
މާލޭގައި ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް މިދިޔަ ސަރުކާރުން ޕާކިން ސިސްޓަމްތަކެއް މާލޭގައި ބެހެއްޓި ނަމަވެސް އެ ސިސްޓަމްތަކުގެ ބޭނުން ނުކޮށް، ގިނަ ދުވަސްވެ، ދަބަރަށްވުމުން މި ސަރުކާރުން ވަނީ އެ ސިސްޓަމްތައް ނަގައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު