މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ އަދި އަލަށް ދޫކުރާ ބިންތަކުން ކުރިޔަށް އޮތް ތިން އަހަރު ކުލި ނުނަގަން ސަރުކާރުން ނިންމައިފި އެވެ.
މިކަން އިއުލާނު ކުރެއްވީ، ރާއްޖޭގައި މިއަދު ފާހަގަ ކުރަމުން އަންނަ މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޮލިހު ދެއްވި ހިތޯބުގައެވެ.
މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ އަދި އަލަށް ދޫކުރާ ބިންތަކުން ތިން އަހަރު ކުލި ނުނަގަން ނިންމާފައިވަނީ ދަނޑުވެރިކަމަށް ފަހިި ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން ކަމަށް ރައީސް ސޯލިހުގެ ހިތޯބުގައި ވިދާޅުވި އެވެ. ހަމަ އެއާއެކު ދަނޑުވެރިކަން ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން މިދިޔަ ހަފްތާގައި ހަ ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް އިއުލާނު ކޮށްފައިވާނެ ކަން ރައީސް ގެ ހިތޯބުގައި ފާހަގަކުރެއްވެވި އެވެ.
ސަރުކާރުގެ ވައުދާއި އެއްގޮތަށް، ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ކަނޑާލާފައިވާ ކަމަށާއި މިއަހަރުން ފެށިގެން އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދަނޑުވެރިކަމަށް ލޯނު ދޫކުރަމުން އަންނަކަން ވެސް ރައީސް ފާހަގަ ކުރެއްވެވިއެވެ.
ރައީސް ސޯލިހުގެ ހިތޯބުގައި ވިދާޅުވި ގޮތުގައި ޒަމާނުއްސުރެ ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑުވެރިން އުފައްދާ ތަކެތި ތާޒާކަމާއެކު، ރަނގަޅު އަގެއްގައި ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުމެވެ. މި ދަތިކަން ހައްލުކޮށްދިނުމަށް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް އުފައްދާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގައި ކޮންމެ އަހަރަކުވެސް ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ އޮކްޓޫބަރ 15 ވަނަ ދުވަހުއެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރަކީ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަގީންކަން" އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު