ކުޅިވަރު

ރޮނާލްޑޯ ނުލައި ކުޅުނު ޕޯޗުގަލް އަށް ފަސޭހަ މޮޅެއް

ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ3ގައި ޕޯޗުގަލްއިން ރޭ ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ.

ރޭގެ މެޗަށް ނުކުތް އިރުވެސް ފެވަރިޓުންނަކީ އެންމެ ފަހުގެ ނޭޝަންސް ލީގު ޗެމްޕިއަން ޕޯޗުގަލްއެވެ. މެޗަށް ތައްޔާރުވަމުން ދިޔައިރު، އެންމެ ގިނަ ބަޔަކު ދެއްކި ވާހަކައަކީ ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް 19 އަށް ޕޮޒިޓިވް ވުމުގެ ވާހަކަތަކެވެ.

ޕޯޗުގަލް ސްކޮޑުގެ އެހެން އެއްވެސް ކުޅުންތެރިޔަކު ޕޮޒިޓިވް ނުވެ، ރޮނާލްޑޯ ކޮވިޑް 19 އަށް ޕޮޒިޓިވް ވެ، އެކަހެރިވީ މީގެ ދެ ދުވަހެއް ކުރިންނެވެ. ރޮނާލްޑޯ ޓީމާ ވަކިން ރޫމެއްގައި ހުރުމަށްފަހު މިހާރު އަމިއްލަ ޖެޓުގައި އޭނާގެ ކްލަބު، ޔުވެންޓަސް ނިސްބަތް ވާ އިޓަލީ ވިލާތަށް ގޮސްފައިވާ ކަމަށް ހަބަރުތައް ބުނެފައި ވެއެވެ. އަދި ރޮނާލްޑޯގެ ކޮވިޑް 19 ޓެސްޓުގެ ސައްހަކަމާ މެދު އޭނާގެ އާއިލާގެ މެންބަރަކު ސުވާލުތަކެއް އުފެއްދި ކަމަށްވެސް އިޓަލީ ނޫސްތަކުން ބުނެފައި ވެއެވެ.

ރޭގެ މެޗުގެ ކުރިން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފައި ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާ ނުލައި ކުޅުމަކީ އުނދަގޫތަކެއް ދިމާވާނެ ކަމެއް ކަމަށާއި، ނަތީޖާ ނެރެވޭނީ ޓީމެއް ގޮތުގައި ކުޅެގެން ކަމަށެވެ. ޕޯޗުގަލްއަކީ މިހާރު ޔޫރަޕްގެ އެންމެ އުންމީދީ އެއް ސްކޮޑަށްވާއިރު، ރޭގެ މެޗުގައިވެސް ޒުވާން ކުޅުންތެރިންގެ ހުނަރު ފެނިގެން ގޮސްފައި ވެއެވެ.

ފުރަތަމަ ގޯލް ބާނާޑޯ ސިލްވާ ޖެހީ ލިވަޕޫލަށް މި ސީޒަނަށް ގެންދިޔަ ހުނަރުވެރި ވިންގާ ޑިއޭގޯ ޖޮޓާ ފަހިކޮށްދިން ފުރުސަތަކުންނެވެ. ދެވަނަ ހާފްގައި ޖޮޓާގެ ދެ ގޯލް ފެނިގެންދިޔައެވެ. ފުރަތަމަ ގޯލް މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޖާއޯ ކާންސެލޯ ތަނަވަސް ކޮށްދިންއިރު، ދެވަނަ ގޯލަށް ފުރުސަތު ފަހިކޮށްދިނީ ވިލިއަމް ކާވާލިއޯ އެވެ.

ޕޯޗުގަލްއިން ގްރޫޕް އެއްވަނައިގައި އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ފްރާންސުން ރޭ 2-1ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކުރިއިރު، އެޓީމު ދެވަނައިގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. ފްރާންސަށް ވެސް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައި ވެއެވެ. ފްރާންސަށް ރޭގެ މެޗުގައި ގޯލް ޖަހައިދިނީ އެންޓޮއިން ގްރީޒްމަންގެ އިތުރުން ކިލިއަން އެމްބާޕޭ އެވެ.

ނޭޝަންސްގެ ލީގުގެ ގްރޫޕް އޭ3ގައި ކޮންމެ ޓީމަކަށްވެސް ބާކީ ދެ މެޗު އޮތްއިރު، ފައިނަލް ބުރަށް ދަތުރުކުރާނީ އެއްވަނަ ޓީމު އެކަންޏެވެ.