ކުޅިވަރު

އީގަލްސްގެ ފޯކަސް އޭއެފްސީ ކަޕަށް، މާލީ ގޮންޖެހުންތައް ބޮޑު!

ކްލަބު އީގަލްސްއަށް އަންނަ ސީޒަން މުހިއްމެވެ. ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމުގެ ފުރުސަތު އޮތުން އެއީ އަންނަ ސީޒަން މުހިއްމު ވި މައިގަނޑު އެއް ސަބަބެވެ. ކޮވިޑް 19 އާއި ގުޅިގެން އެފްއޭ ކަޕް ކެންސަލްވުމާއެކު ލީގުގެ ދެވަނައިގައި އޮތް އީގަލްސްއަށް އޭއެފްސީ ކަޕްގެ ޕްލޭ އޮފް ޖާގަ ލިބިގެން ދިޔުން އެއީ ކްލަބުގެ ތާރީހުގައި އެންމެ ބޮޑު ކާމިޔާބު ކަމަށް ބެލެވިދާނެއެވެ.

އެ ކްލަބުން އޭއެފްސީ ކަޕްގެ ފުރަތަމަ މެޗަކަށް ނުކުންނަ މި ދަނޑިވަޅަކީ އެންމެ ރަނގަޅު ހާލަތެއް ނޫނެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19ގެ ބަލިމަޑުކަމާއެކު ހުރިހާ ގައުމަކަށް، ހުރިހާ ކުޅިވަރުތަކަކަށް، ހުރިހާ ކްލަބަކަށްވެސް ވަނީ އޭގެ ނުރަނގަޅު އަސަރު ކޮށްފައެވެ. ހާއްސަކޮށް ހުރިހާ ކްލަބަކަށްވެސް މާލީ ބޮޑެތި ދަތިތައް ދިމާވެފައި ވެއެވެ. ދުނިޔޭގެ ބޮޑެތި ލީގުތަކުގެ ކްލަބުތަކަށްވެސް މިހާލަތުން އަރައިގަތުމަށް ގޮންޖެހުންތައް އެބަހުއްޓެވެ. އީގަލްސްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓީމަށް ފައިނޭންޝިއަލީ އޮތް ދަތިތަކެވެ.

"ޓީމުގެ ފަރިތަކުރުންތައް އަންނަ މަހު އެއްވަނަ ދުވަހު ފެށުމަށް މި މަސައްކަތް ކުރަނީ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފުރަތަމަ ޓާގެޓަކީވެސް. އަދި ޓްރާންސްފާތައްވެސް ކުރަން ޖެހޭ. އިތުރު ކުޅުންތެރިން ޓީމަށް ގެނެވޭތޯ މަސައްކަތް ކުރަނީ. ފަސްވަރަކަށް ކުޅުންތެރިން، ބޭރު ކުޅުންތެރިންނާއެކު ޓީމަށް ގެންނަން މި މަސައްކަތް ކުރަނީ. އެހެން ނަމަވެސް އަނެއްކާވެސް ބުނަން މި ޖެހެނީ ކޮވިޑް 19ގެ މި ހާލަތުގައި ވަރަށް ބޮޑެތި ދަތިތައް އެބަހުއްޓޭ. ބަޖެޓް އޮތް ވަރަކުން ޓީމު ތައްޔާރުކުރެވޭނީ. މި ހާލަތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖާލީލާއި ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރަން. އަދިވެސް އިތުރު އެހީތެރިކަން މި ކަންކަމުގައި ދެއްވާނެ ކަމަށް އުންމީދުކުރަނީ،" އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) "ވަން" އަށް ވިދާޅުވިއެވެ.

އޭއެފްސީ ކަޕަށް ޓީމުތައް ތައްޔާރުކުރުމަށް ސަރުކާރުގެ ފަރާތުން އެހީތެރިވެދޭނެ ކަމަށް ވިދާޅުވެ ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވީ ވިސްނުން ހުރީ އޭއެފްސީ ކަޕުގައި ރާއްޖެ މިހާތަނަށް ނުހޯދޭ ފަދަ ބޮޑު ކާމިޔާބީއަކަށް މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން އޭއެފްސީ ކަޕުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ސަރުކާރުން ވެދޭނެ ކަމަށާއި، އެކަމާ ގުޅޭ ތަފުސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރައްވާނެ ކަމަށެވެ.

އީގަލްސްގެ ކޯޗުކަމުގައި އަންނަ ސީޒަންގައިވެސް މުހައްމަދު ޝިޔާޒް (މޯހަން) މަޑުކުރަން ނިންމާފައިވާއިރު، އީގަލްސްގެ ކޯޗުކަމާ މޯހަން ހަވާލުވީ 2018 ގައެވެ. އޭނާއާ އެކު އެޓީމުން ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް ލީގުގެ ދެ ވަނަ ހޯދައިފައެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުގައި 1997-2008 އަށް ހުރި މޯހަން އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރިއިރު މުހިންމު ހިއްސާދާރެކެވެ. ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ މޯހަން އަކީ އޭއެފްސީގެ ކޯޗިން އިންސްޓްރަކްޓަރެއް ވެސް މެއެވެ.

މިވަގުތުވެސް އީގަލްސްގައި ރަނގަޅު ސްކޮޑެއް އޮތްއިރު، މުފާ ވިދާޅުވީ ސްކޮޑުގައި ތިބި ގިނަ ކުޅުންތެރިން ތިބީ ކޮންޓްރެކްޓްގައި ކަމަށާއި، މިހާރު މަސައްކަތަކީ އިތުރަށް ވަރުގަދަ ކުރުން ކަމަށެވެ.

އީގަލްސްއަށް ފަސް އަހަރު ކުޅުމަށްފަހު ކްލަބުގެ ކެޕްޓަން، ސްރީލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ މި ސީޒަނަށް ވަނީ އަމިއްލަ ގައުމުގެ ކްލަބަކަށް ބަދަލުވެފައެވެ. އާއިލީ ކަންކަމަށް ވަގުތު ދިނުމުގެ ވިސްނުމުގައި ސުޖަން ލަންކާއަށް ބަދަލުވެފައިވާއިރު، އީގަލްސްއަށް ފޫބައްދަން އެންމެ އުނދަގޫވާނެ ކުޅުންތެރިޔަކީވެސް ސުޖަންއެވެ. ސުޖަންއަކީ ޓީމުގެ އެންމެ މުހިއްމު ލީޑަރެވެ. އަދި ކުޅުންތެރިޔާވެސް މެއެވެ.

މިމަހުގެ ކުރީކޮޅުގައި ފުރަތަމަ ޑިވިޝަންގެ ފަރިތަކުރުންތަކަށް އެޗްޕީއޭއިން ހުއްދަ ދީފައިވާއިރު، މިހާތަނަށް ފަރިތަކުރުންތައް ފަށާފައި ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އެކަންޏެވެ. އެ ކްލަބަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގަ ލިބުނު ދިވެހި ކްލަބެވެ.