ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލެވިފައިވާ ގޮތް ބަދަލު ކުރަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައި، އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި މި އިސްލާހުގެ މިއަދުގެ ޖަލްސާގައި އިއްވެވީ، ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ ބިލްގައި ތޯރިގު ވިދާޅުވެފައިވަނީ، މިނިވަންކަމާ އެކު ތިން ބާރު ވަކިން ހިންގުމުގެ ފުރުސަތު ގާނޫނުއަސާސީން ލިބިދީފައިވާއިރު، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ހަމަ މަގުގައި ހިފަހައްޓަން އޮންނަ ޖޭއެސްސީ އެކުލަވައިލުމުގައި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ތަމްސީލުކުރަނީ ސިޔާސީ ބޭފުޅުން ކަމަށެވެ

އެހެންކަމުން އެ ބޭފުޅުން ބައިވެރިވެވަޑައިގެން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކަށް ނުރަނގަޅު ސިޔާސީ ނުފޫޒު ވަންނަ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ކުރިއަރާފައިވާ ގައުމުތަކުގެ ޖުރިސްޓިކްޝަންތަކުގެ ޖުޑީޝަލް ކައުންސިލްތަކާއި ޖުޑީޝަލް ކޮމިޝަންތައް އެކުލަވާލުވުމުގައި ރިއާޔަތްކޮށްފައިވާ ހަމަތަކަށް ބަލައި ނުރަނގަޅު ސިޔާސީ ނުފޫޒާއި ބާރުން އެކަހެރިވެ ޕްރޮފެޝަނަލް ގޮތެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން މަސައްކަތްކުރުމުގެ މާހައުލު ގާއިމްކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވިގެންވާ ގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ ދަށުން ބިލު ހުށަހަޅުއްވާ ކަމަށް ތޯރިގު ވިދާޅުވެފައި ވެއެވެ.