މިރާއްޖޭގައި ކޮރަޕްޝަނަށް މަގުފަހިވެ, ގައުމު ހަލާކުގެ މަގަށް ދުއްވައިލީ އެންޓިކޮރަޕްޝަން (އޭސީސީ)ގެ މެންބަރުން ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބުދުﷲ ޝަހީމު އަބުދުލް ހަކީމު ވިދާޅުވެއްޖެއެވެ.
ޝަހީމު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނުހައްގު މުއްސަނދިކަމަކީ ކުށެއްކަމަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމަނަން ހުށަހެޅި ބިލަށް ކުރިއަށް ގެންދިޔަ ބަހުސްގައި، އޭސީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.
މެންބަރު ޝަހީމް ވިދާޅުވީ ރާއްޖެ އިސްލާހު ނުވެގެންވެސް މިއުޅެނީ، އެ ބޭފުޅުންގެ ޒިންމާ ނޫފުލޭތީ ކަމަށެވެ. ރާއްޖެ ކޮރަޕްޝަންގެ މަގަށް ދީލާލައިގެން މިދަނީ ވެސް އޭސީސީގެ މެންބަރުންގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ބައިތުލްމާލުން އެތައް ވައްކަމެއް ކޮށް އެތައް ފައިސާއެއް ބޭނުންކޮށްފައިވާ މީހުންގެ މައްސަލަތައް އޭސީސީން ނުބަލައި ދިގުލައިގެން ދިއުމުގެ ސަބަބުން ރައްޔިތުން ފޫހިވެފައިވާ ކަމަށާއި ރަނގަޅު ގޮތުގައި މިރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ މީހެއްގެ ދުވަސް ދުއްވާލުމަކީ އޭސީސީގެ މެންބަރުން ވަރަށް ގަޔާވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ވަނީ އޭސީސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެބޭފުޅުންނަކީ ރަނގަޅު އެއްވެސް މަސައްކަތެއް ކުރާ ބައެއް ނޫންކަމަށް ލޭބަލް ކޮށްފައެވެ.
އޭސީސީގެ މެންބަރުންނާ ދޭތެރޭ މަޖިލިސް މެންބަރުން ހިތްހަމަޖިވަޑައިނުގެން ފާޑު ވިދާޅުވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި އަމިއްލަ ދަތުރުފުޅަކަށް ރައްޔިތުންގެ މަޖިލީހުން ހަރަދު ކުރެއްވި މައްސަލައެއް އޭސީސީން ބަލައި އެއަށްވާ 444 ރުފިޔާ އެމަނިކުފާނުގެ އަތުން އަތުލި މައްސަލަ އާއި މިފަހުން ތިލަވި މާލޭ ލޮނުޒިޔާރާތް ކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކް (އަޑި ޕާކް)ގެ މައްސަލައިގައި މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދުގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީން ފޮނުވި މައްސަލައާ ގުޅިގެންނެވެ.
މަޖިލިސް މެންބަރުން ވިދާޅުވީ އެކަހަލަ ކުދިކުދި މައްސަލަތައް ބެލުމުގައި އޭސީސީ މެންބަރުން ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް އެމްއެމްޕިއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ފަދަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެކަށީގެންވާ ގޮތަށް އޭސީސީން ބަލަމުން ނުދާ ކަމަށެވެ.
މި މައްސަލައަށް ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދުގެ ނަޒާހާތްތެރި ކަމާމެދު މާލޭ އެއްވެސް ރައްޔިތަކު ސުވާލު ނުއުފައްދާނެ ކަމަށެވެ. އަދި މަޖިލިސް ރައީސްގެ މައްސަލަވެސް އޭސީސީން ބަލާފައި ވަނީ ވަރަށް ބޮޑަށް ބޮޑު ކޮށްލައިގެން ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ޝަހީމް ވިދާޅުވީ، އޭސީސީން މަޖިލިސް ރައީސްގެ ބޮލުގައި ބަދުނާމު އެޅުވީ، 19 ވަނަ މަޖިލިސް ރަނގަޅަށް ކުރިއަށް ދާތީ ކަމަށެވެ. ޝިފާއަށް ޝަރީއަތްކުރަން ފޮނުވީ، މާލޭގެ ރައްޔިތުން ހިތްމަޖެހިގެން އުޅެވޭނެ ގޮތް ހައްދަވައި ދެއްވަމުން ގެންދަވާތީ ކަމަށެވެ.
އޭސީސީ ވަނީ ފެއިލް ވެފައި ކަމަށާއި ގައުމު ރަނގަޅު މިސްރާބަށް ގެންދިއުމަށް އޭސީސީގެ މެންބަރުން މިހާރުން މިހާރަށް ބަދަލުކޮށް އެތަން އިސްލާހު ކުރަން ޖެހޭ ކަމަށް އެ މެންބަރުން ގޮވައިލެއްވިއެވެ.
އެމްޑީޕީ މެންބަރުން އޭސީސީއަށް ފާޑު ކިޔުއްވަމުން ގެންދަވާއިރު، އޭސީސީގައި މިހާރު ތިއްބެވި މެންބަރުންނަކީ އެމްޑީޕީގެ ބޮޑު މެޖޯރިޓީ އޮތް މިހާރުގެ މަޖިލީހުން އެ ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް