ރިޕޯޓް

ރާއްޖެ ހިފިދާނެ ވާހަކަ: ފަހަތުގައި ވަނީ ކޮންކަމެއް؟

އަހުމަދު ސާއިލް އަލީ

7

އަވައްޓެރި އިންޑިއާއަށް ރާއްޖެ ހިފިދާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވިތާ 614 ދުވަސް ފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް މިވަނީ ހަމަ އެހެން ވިދާޅުވެފަ އެވެ. އެ ބޭފުޅުންގެ މަގުސަދަކީ އިންޑިއާއިން ރާއްޖެ ހިފަން ނޫޅޭ ކަމަށާއި އެކަން ކުރަން ބޭނުން ނަމަ އެގައުމުން އެކަން ކުރާނެކަން ވިސްނައި ދިނުން ކަމަށް ވެދާނެ އެވެ. ނޫނީ އެހެން މަގުސަދެއް ވެސް އޮވެދާނެ އެވެ. ނަމަވެސް ސުވާލަކީ މިއީ ގައުމެއްގެ އިސްވެރިން ދައްކަވަން ވާނެ ވަރުގެ ވާހަކައެއް ތޯ އެވެ؟ ނުވަތަ ދޭތެރެ ދޭތެރެއިން އެ ވާހަކަ ދައްކަވަނީ ކީއްވެގެންތޯ އެވެ؟

މިނިސްޓަރު މާރިޔާ އެގޮތަށް ވިދާޅުވީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން އެ ގައުމުގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލް އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އެކަން ބޮޑު މައްސަލައަކަށްވެ އެތައް ދިވެއްސެއްގެ ފާޑު ކިޔުން މިނިސްޓަރު މާރިޔާއަށް އަމާޒުވި އެވެ. އިންޑިއާ އަކީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭ ވަރުގެ އަސްކަރިއްޔާއެއް އޮތް ގައުމެއް ކަމަށާއި ބޭނުން ނަމަ އިންޑިއާ އަށް ރާއްޖެ ހިފޭނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަށް މާރިޔާ ވަނީ ފަހުން މައާފަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވިގޮތުގައި އެގޮތަށް ވިދާޅުވީ އިންޑިއާއަކީ ވަރުގަދަ އަސްކަރީ ބާރެއްކަން ހާމަ ކުރުމުގެ ގޮތުންނެވެ.

ޒަމާނުންސުރެ ރާއްޖެއާ ގާތްގުޅުމެއް އޮންނަ އަދި ގިނަ ދާއިރާތަކަކުން ރާއްޖެއަށް އަބަދުވެސް އެހީތެރިވާ އިންޑިއާގެ ނުފޫޒު މިސަރުކާރާއެކު ރާއްޖެއަށް ބޮޑުވެފައިވާ ކަމަށް ފެންމަތިކޮށް އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވައިލައި ސޯޝަލް މީޑިއާގައި ހަރަކާތްތަކެއް ހިންގަމުން ދަނިކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވެސް އަނެއްކާ މިވަނީ އިންޑިއާއިން ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެފަ އެވެ.

"ދެން ވިދާޅުވާ ވާހަކައަކީ އިންޑިއާ އައުޓް ވާހަކަ ނޫންތޯ؟ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ، ކުރިން މިކަހަލަ ވާހަކައެއް ދައްކައިގެން ވެސް އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުނު. އާއްމުކޮށް އަޅުގަނޑަކީ ހިތްހަމަނުޖެހޭ މީހެއް، އެހެންވީމަ އަނެއްކާވެސް ދަންނަވާލަން. އިންޑިއާ އިން ރާއްޖެ ހިފައި، އިންޑިއާ ދަށުކޮށްލަން ބޭނުން ނަމަ އެކަން އޮންނާނީ މިހާރު ވެސް ކޮށްފައި،" ޕީއެސްއެމްގެ، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި، އާދިއްތަ ދުވަހު މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

އަނެއްކާ މިނިސްޓަރަކު އެވާހަކަ އެ ދެއްކެވީ ކީއްވެބާ އެވެ؟ ދިވެހީންނަށް އޮތީ ވަކި ގައުމެއްގެ ދަށުގައި ތިބުންކަން ވިސްނައި ދޭން މަސައްކަތް ކުރަނީ ތޯ އެވެ؟ އިންޑިއާއާ ގާތްގުޅުމެއް އޮންނަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މިނިސްޓަރު ފައްޔާޒާ ގުޅުން ވަނީ ގޯސްވެފަ އެވެ. އެހެން ކަމުން މިއީ އެ ގައުމުގެ ރުހުން ނުވަތަ ނަޝީދުގެ ރުހުން ހޯދުމަށް ކުރެއްވި ކަމެއްތޯވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

ގައުމެއްގެ މިނިވަން ކަމަށް ކިރިޔާ ވެސް އަސަރެއް ކުރާނެ ކަމެއް ކުރުން ނުވަތަ ވާހަކައެއް ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި ހާއްސަކޮށް ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކޮންމެ މަގުސަދެއްދައި ނަމަވެސް އެކަން ކުރައްވާ ނަމަ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު މިނިވަންކަމަށް އަސަރު ކުރާ ފަދަ އެއްޗެއް ވިދާޅުވާ ބޭފުޅުން ޖެހެނީ މަގާމުން ދުރަށް ދާންށެވެ. ނަމަވެސް މިއަދު ރާއްޖޭގައި ފެންނަ މަންޒަރު ތަފާތެވެ.

އިރުއިރުކޮޅުން އެ ވާހަކަ، ކީއްވެ؟

ސިފައިންގޭގައި 27 އަހަރު ހިދުމަތް ކުރެއްވި ބޭފުޅަކު ވިދާޅުވިގޮތުގައި ދިވެހި ދައުލަތުގެ ވެރިން ރާއްޖެ، އެހެން ގައުމަކަށް ހިފިދާނެ ކަމަށް ވިދާޅުވުމަކީ ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަތަކެކެވެ. އޭގެ ބޭނުމަކީ ރާއްޖެ އޮންނަން ޖެހޭނީ ވަކި ގައުމެއްގެ ދަށުގައިކަން ރައްޔިތުންނަށް ވިސްނައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ވާހަކަ އެ ދައްކަވަނީ ދިވެހިންގެ ހިތް މަރާލަން. ދިވެހިންނަށް ވިސްނައިދޭން ބޭނުން ވަނީ އިންޑިއާގެ ދަށުގައި ތިބުން ނޫން ގޮތެއް ނެތޭ. އަބަދު ވެރިން އެހެން ވިދާޅުވަންޏާ އެގޮތަށް ނޫންތޯ ދިވެހިންނަށް ވިސްނޭނީ. ބޮޑު ގައުމެކޭ، އެ ގައުމުގެ ދަށުގައި ތިބުން ނޫން ގޮތެއް ނެތޭ. އެއީ އެ ބޭނުމަކީ،" އެމްއެންޑީއެފްގެ ކާނަލް މަގާމު ފުރުއްވާފައިވާ ބޭފުޅާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ކިތަންމެ ބާރުގަދަ އަދި ކިތަންމެ ބޮޑު ގައުމަކަށް ވިޔަސް އެހެން ގައުމުތަކަށް އަރައި ގައުމެއް ހިފުމަކީ މިއަދުގެ ދުނިޔޭގައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އަވައްޓެރި ގައުމަކުން އަބަދުވެސް ރާއްޖެ އެމީހުންގެ ބާރުގެ ދަށުގައި ބާއްވަން ބޭނުންވާ ކަމަށާއި އެކަން ނުވެ ވަނީ ސަބަބުތަކެއް ވާތީ ކަމަށް ކާނަލް ވިދާޅުވި އެވެ.

"މިފަދަ ވާހަކަ ދައްކައިގެން ރައްޔިތުންނަށް އެކަންކަން ވިސްނައި ދޭން އެ އުޅުއްވަނީ. އެގޮތަށް އަރައި ގައުމު ނުހިފޭނެތީ. ވެރިން ތިބީ ސިޔާސީ ގޮތުން އަޅުވެތި ވެފައި. އަޅުގަނޑުމެންނަކީ ވަކި ސިސްޓަމެއް އަދި ވަކި ދީނެއް ގަބޫލުކުރާ ބައެއް. އަޅުގަނޑުމެން ބޮޑު ގައުމެއް ދެކެ ބިރު ގަންނާކަށް ނުޖެހޭ. ބިރު ގަންނަން ޖެހެނީ ﷲ ދެކެ،" އޭނާ ވިދާޅުވި އެވެ.

"ބޮޑު ގައުމަކުން ކުޑަ ގައުމެއް ހިފޭނަމަ އަދި ވެސް ޕޯޗްކީޒުންނާއި އިނގިރޭސީން ތިބޭނީ ރާއްޖޭގައި. އެ މީހުން ވެސް ދާން ޖެހުނީ ދިވެހީން ކުރި މަސައްކަތުން. ނޮވެމްބަރު ތިނެއްގެ ފަހުން ރާއްޖެ އައި އިންޑިއާ ސިފައިން ވެސް ހަމަ ތިބެފައި ދިޔައީއެއް ނޫން. އޭރުގެ ވެރިންގެ ހިކުމަތު އަމަލީގެ ސަބަބުން ދާން ޖެހުނީ."

އެމްއެންޑީއެފްގެ އިންޓެލް އޮޕަރޭޝަން ހެޑްކަން ކުރެއްވި އަހުމަދު ހޭންސަން ވިދާޅުވިގޮތުގައި ވަޒީރުންގެ ފެންވަރުގެ ބޭފުޅުން އެހެން ގައުމަކަށް ރާއްޖެ ހިފިދާނެ ވާހަކަ ދޭތެރެދޭތެރެއިން ވިދާޅުވުމަކީ ރާއްޖޭގެ މިވަގުތު އޮތް ސަރުކާރުގައި ގައުމިއްޔަތެއް ނެތްކަން އެހެން ގައުމުތަކުގެ މީހުންނަށް ވިސްނޭނެ ކަމެކެވެ. އަދި އެއީ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއް ކަމަށާއި އެކަން އެހެން ކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުސްލިމެއްގެ ހައިސިއްޔަތުން އެހެން ދީނެއްގެ ބަޔަކު މުސްލިމް ގައުމެއް ހިފިދާނެ ކަމަށް ވިދާޅުވުން ގޯސް. އަދި ދިވެއްސެއްގެ ހައިސިއްޔަތުން ވެސް އެހެން ވިދާޅުވުން ގޯސް. ދިވެހި ވަޒީރުން އެހެން ވިދާޅުވީމަ އެއީ ދިވެހީންގެ ފަރާތުން ވިދާޅުވާ އެއްޗަކަށް ބޭރުގެ މީޑިއާތަކުން ވެސް ގަބޫލު ކުރުމުގެ ފުރުސަތު ބޮޑު،" 17 އަހަރު ސިފައިންގޭގައި އުޅުއްވި ހޭންސަން ވިދާޅުވި އެވެ.

ބާރުގަދަ ގައުމަކުން ރާއްޖެއަށް ހަމަލާދީ ރާއްޖެ އަރަން އުޅެވިދާނެ ނަމަވެސް ރާއްޖެ ހިފައިގެން އެ މީހުންނަށް އަބަދު ދެމި ނުތިބެވޭނެ ކަމަށް ހޭންސަން ވިދާޅުވި އެވެ. އެއީ ދިވެހީންގެ ތެރެއިން ގިނަ ބަޔަކު އެ ފުރުސަތު ނުދޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިރިޔާ ވެސް ދިވެހި ލޭ ހިނގާ މީހަކު އެ ފުރުސަތެއް ނުދޭނެ. ދިވެހި އަސްކަރިއްޔާއިން ވެސް އަދި އަސްކަރިއްޔާގައި އުޅެފައި ހުރި މީހަކު ވެސް އެ ފުރުސަތެއް ނުދޭނެ. އެހެންވީމަ އަރާ ތިބުން އެއީ ކުރެވޭނެ ކަމެއް ނޫން،" ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސެކިއުރިޓީގައި އޭރުގެ އެސްޕީޖީގަ އާއި އީއޯޑީގައި ވެސް އުޅުއްވި ހޭންސަން ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ކާނަލްކަން ކުރެއްވި ބޭފުޅާ ވިދާޅުވިގޮތުގައި ބޭރުގެ ނުފޫޒުން ރާއްޖެ ސަލާމަތްވުމަށް ދިވެހީން އަމަލު ކުރަން ޖެހޭ ގޮތަކީ އިނގިރޭސީންގެ އަތްދަށުން އިންޑިއާ ސަލާމަތް ކުރުމަށް މަހާތުމާ ގާންދީ އަމަލު ކުރެއްވި ގޮތެވެ. ކުރިމަތިލައި ހަމަނުޖެހުންތައް ހިންގުމުގެ ބަދަލުގައި މުޒާހަރާތައްކޮށް އަޑު އިއްވައި އެފަދަ މީހުންނާ ވިޔަފާރީގެ ގުޅުންތައް ބަދަހި ނުކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދީނުގައި އެއޮތީ އަންގަވާފައި އެކަން ކުރަންވީ ގޮތް. ނުބައި ކަންކަމާ ދެކޮޅަށް ތެދުވަން ކެރޭ މީހުން ތެދުވަން ވީ. އެގޮތަށް ނުކުރެވެންޏާ ދުލުން ނޫނީ ގަލަމުން. ނޫނީ ދުއާ ކޮށްގެން. އެ މީހުންނާ އެކު ވިޔަފާރި ނުކުރަންވީ. މިއަދު ބޮޑު ކުއްޔެއް ދޭން ބުންޏަސް އެ މީހުން ތިބެން ރަށްރަށުން ވެސް ގެތައް ނުދޭންވީ. މިއަދު ލިބޭ ކުޑަ މަންފާއަށް ނުވިސްނަންވީ. މިފަދަ ފިޔަވަޅުތައް ގައުމަށްޓަކައި އަޅަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ކިތަންމެ ކުޑަޔަސް އަދި ވަސީލަތްތައް މަދު ނަމަވެސް ހަގީގަތަކީ މިއީ ވަކި ގައުމެއް ކަމެވެ. އަވަށެއް ނޫނެވެ. އެކަން ދިވެހިން ދަމަހައްޓަން ޖެހެ އެވެ. ރާއްޖެ އަޅުވެތި ކުރަން ފޯޗްކީޒުންނާއި ހޮޅީންގެ އިތުރުން އެތައް ބަޔަކު މާޒީގައި މަސައްކަތް ކޮށްފައިވެ އެވެ. ރާއްޖެ މިނިވަންވީ ބައެއްގެ ވަރުގަދަ ޖިހާދުގެ ސަބަބުންނެވެ. އެކަން އަދިވެސް ދަމަހައްޓަން ޖެހެ އެވެ. ނަމަވެސް ދައުލަތުގެ ވެރިން އިރުއިރުކޮޅުން ދިވެހީންނަށް ހަދާން ކޮށްދޭން މަސައްކަތް ކުރާ ކަމަކާއެކު ސުވާލުތަކެއް އެބަ އުފެދެ އެވެ.