އެމްޓީސީސީ

ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ބާރަށް ކުރިއަށް

މަރިޔަމް ޝަހުދާ

ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ފީީވަކު ބަނދަރުގެ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކެވެ.

މި މަޝްރޫއުގެ ދަށުން 31،303 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މީގެ އިތުރުން 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތާއި، 504 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތާއި، 70 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި މި މަޝްރޫއުގެ ދަށުން 2،320 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެ ކުންފުނީން ބުނެއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 69.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީ އާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހު އެވެ.