ރައްޔިތުންގެ މަޖިލިސް

ކޮވިޑް ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާއަށް މެންބަރު އިކްރާމް ހަމަލާދިން މައްސަލަ މަޖިލިސް ކޮމިޓީއަށް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދައިރާގެ މެންބަރު އިކުރާމު ހަސަން، އޭނާގެ ކޮވިޑް ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާއަށް ހަމަލާދީ، މާރާމާރީ ހިންގައި އަދި މަގާމުގެ ހައިސިއްޔަތު ބޭނުން ކޮށްގެން ބިރުދެއްކުމަށް މަސައްކަތްކުރި މައްސަލަ، ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ބަލައި ދިނުމަށް އެދި ހުށަހަޅާފައި ވަނީ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުންނެވެ. އެޔުނިއަނުން ބުނެފައިވަނީ، އެ މައްސަލަ ބަލައި މެންބަރަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީގުގެ އިމްތިޔާޒުތަކާއި ސުލޫކު ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ޔޫނިއަނުން ބުނެފައިވަނީ، މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭ، މެންބަރު އިކުރާމުގެ ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާއަށް ދެ ފަހަރެއްގެމަތިން އަތް އިސްކޮށް، އަނިޔާކުރާ ނަމަ ޖެހުމުގެ ހައްގު އޮންނާނެ ކަމާއި، ޖަހާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި ކަމަށެވެ.

އޭނާއަކީ މަޖިލިސް މެންބަރެއް ކަމަށާއި، "ތިގޮތަށް އަނިޔާ ނުކުރެވޭނެ ކަމަށާއި، ފުލުހުންނަށް މައްސަލަ ހުށަހަޅާނެކަމަށް ބުނެ ވަނީ ބިރުދައްކައިފަ، އަދި ހިދުމްތެރިޔާގެ ނަން ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށް އޭނާއާ މުހާތަބުކޮށް މުސްލިމެއް ނޫން ކަމަށް ދޭހަވާ އިބާރާތުން ވާހަކަދައްކާފައިވޭ،" ޔޫނިއަނުން ބުނެފައި ވެއެވެ.

އެ ޔޫނިއަނުން ބުނެފައި ވަނީ، ރައްޔިތުން އިންތިހާބު ކުރާ އަދި ރައްޔިތުން ތަމްސީލު ކުރާ އިއްޒަތްތެރި މަގާމެއްގައި ހުންނަވައި، ރައްޔިތުންނަށް އާއްމު ހިދުމަތް ދިނުމަށް މަސައްކަތްކުރާ އާދައިގެ މުވައްޒަފަކަށް ފުރައްސާރަކޮށް ހަމަލާދީ އެކަން ދިފާއު ކުރަމުން ދިއުން ކުށްވެރި ކުރާ ކަމަށެވެ. އަދި މިކަމާމެދު އެ މުވައްޒަފު ތަމްސީލުކުރާ އެއްވެސް ވުޒާރާއަކުން މި އަމަލު ކުށްވެރިކޮށް، އެކަށީގެން ވާ ފިޔަވަޅު އަޅާފައިނު ވާ ކަމާމެދު ކަންބޮޑުވާ ކަމަށްވެސް ބުނެފައި ވެއެވެ.

ކޮވިޑްގެ ހާލަތުގައި މާޗް ހަތް ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ސިއްހީ ހިދުމަތްތެރިން އަދި ވޮލަންޓިއަރުން އަންނަނީ އާއިލާ އާއި ރަހުމަތްތެރިންނާއި ދުރުގައި، ނަފްސު ނުރައްކަލުގެ ތެރޭގައި ވީނަމަވެސް ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރަމުން ކަމަށާއި، އެ ފަރާތްތައް ހިދުމަތް ކުރުމުގައި ދެމިތިބީ، ލިބޭ މުސާރަ އާއި އިނާޔަތްތަކަށްވުރެ ބޮޑަށް ގައުމީ ރޫހުގައި ކަމަށްވެސް ބުނެފައި ވެއެވެ.