ދަނޑުވެރިކަމަށް ފަޅުރަށްރަށް ދޫކުރުމަކީ، ދެކޮޅުޖެހޭ ކަމެއްނޫން ކަމަށްވެސް ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ ކުރެއްވި ސުވާލުތަކުގެ ތެރެއިން، ދަނޑުވެރިކަމަށް ފަޅުރަށްރަށް ދޫކޮށްފައިވާ މައްސަލަތަކާބެހޭގޮތުން ކުރެއްވި ސުވާލުތަކަށް، މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެންނެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ، ދަނޑުވެރިކަމަށް ގިނަ ރަށްތަކެއް ސަރުކާރުން ދޫކޮށްފައިވާއިރު، އެ ރަށްރަށުގައި މަސައްކަތް ކުރިއަށް ދަނީ އެކި ފެންވަރަށް ކަމަށެވެ. ބައެއް ރަށްރަށުގައި ދަނޑުވެރިކަން ކުރަމުން އަންނައިރު އަނެއްބައި ރަށްރަށުގައި، ދަނޑުވެރިކަން ކޮންމެވެސް ވަރަކަށް ފަށާފައިވާ ކަމަށެވެ. އަދި އަނެއްބައި ރަށްރަށުގައި އެެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ރާއްޖެ މިހާރު މިއޮތް ކޮވިޑް 19 ގެ ހާލަތުގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުމަށް، ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން އެކަންތައްތައް މިނިސްޓްރީން މޮނީޓާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެގޮތުން ދަނޑުވެރިކަން ފަށާފައިވާ ނުވާ ރަށްރަށުގައިވެސް އެ މަސައްކަތް ފެށުމަށް އިތުރު އެއް އަހަރު ދުވަސް ދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަމަށް، ދިގު މުއްދަތަށް ފަޅުރަށް ދޫކުރާތާ ގާތްގަނޑަކަށް 32 އަހަރު ވެއްޖެ ކަމަށެވެ.
ނަމަވެސް ޔަގީންވާ ކަމަކީ "މި މަޖިލީހުގެ ހުރިހާ މެންބަރުންނަށް ދަންނަވާލަން ކެރޭނެ އޭގެން އެއްވެސް ރަށެއް އެއީ އެ ވިޔަފާރީގައި ދެކޮޅު ޖެހޭ ރަށެއް ނޫންކަން،" ކަމަށެވެ.
"އަދި މިނިސްޓްރީން ބެއްލެވި ނަމަވެސް އަދި އަމިއްލަ ފަރާތަކުން ބެއްލެވިނަމަވެސް، ބޭންކަކުން ބެލި ނަމަވެސް ދަޑުވެރިކަމަށް ރާއްޖޭން ދޫކޮށްފައިވާ އެއްވެސް ރަށެއް އެއީ ދެކޮޅު ޖެހޭ ވިޔަފާރިއެއް ނޫން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމަށް ރާއްޖޭން ރަށްރަށް ދޫކޮށްފައިވާއިރު، އެއީ ދެކޮޅު ޖެހޭ ވިޔަފާރިއެއް ކަމަށާއި އެއީ މަންފާ އާއި ނަފާ ލިބޭ ވިޔަފާރިއެއް ކަމަށެވެ. ރާއްޖޭގައިވެސް ދަނޑުވެރިކަމުން މަންފާ ލިބޭނެ ކަމަށާއި އެގޮތަށް ދަނޑުވެރިކަން ކާމިޔާބުކޮށް ހިނގަމުން ދަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ދަނޑުވެރިކަމުގެ ގޮތުން މަންފާ ހޯދަމުންދާ ރަށްތަކުގެ ތެރެއިން، އއ.ތޮއްޑޫ އާއި ކ.ކާށީދޫ ނުވަތަ ބ.ގޮއިދޫ، މީދޫ ހުވަދޫ ފަދަ ރަށްރަށް މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް